ކެފޭތަކަކީ ޖުމްލަ ގޮތެއްގައި އަހަރުމެންގެ ދިރިއުޅުމުގެ ބޮޑު ބައެއް އެތަންތާގައި ހޭދަކުރާ ތަންތަނެވެެެ. އެއީ ގޭތެރެއިން ނުލިބޭ ޖާގަ ވެސް މެއެެވެ. މީހަކާއި ބައްދަލު ކޮށްލާ، މުހިއްމު ވާހަކަ އެއް ދައްކާލަނީ ކެފޭއެއްގަ އެވެ. ލޯބި ހުށަހަޅަނީ ވެސް އަދި ވަކި ވަނީ ވެސް ކެފޭގަ އެވެ. ބައެއް ފަހަރަށް އެއީ ބްރޭކެކެވެ. ދުވަހުގެ ވަރުބަލިކަން ފިލުވާލާށާއު ކަމަކާއި ވިސްނާލާން ޖެހުނަސް ވަންނަނީ އެއިން ތަނެކަށެވެ.
ފަހަކަށް އައިސް ކެފޭތަކުގައި މަސައްކަތް ކުރުމަށް މާހައުލެއް ވެސް އޮވެ އެވެ. މީޓިން ބާއްވާލެ ވެއެވެ. އަދި ލެޕްޓޮޕް ހިފައިގެންގޮސް ކޮފީތައްޓަކާއެކު މަސައްކަތް ނިންމާލަން ވެސް ރަނގަޅު މާހައުލެކެވެ. ހަމަ އެކަނި ބޭނުމުގައި ކެފޭތަކަށް ދާ މީހުން ވެސް އިތުރު ވެއެވެ.
ހުކުރު ދުވަހަކީ އަހަރުމެންނަށް ވަރަށް ބޮޑަށް އާއިލީ ދުވަހެކެވެ. ގިނަ ބަޔަކު ހަވީރު މަގުމައްޗަށް ނަލަ ހެދިލައިގެން ނުކުންނަ ވެސް ދުވަހެކެވެ. އެއީ ހަވީރު ކުދިން ގޮވައިގެން ހިނގާލަން ދާން ޕާކަށް ދާން ނޫނީ އާއިލާއެއްކޮށް އެއްމެން ކެފޭ އަކަށް ވަދެލައި އައިސްކްރީމް ބޮއި ސައިބޯލާ ދުވަސް ވެސް މެއެވެ.
މި ދުވަސްކޮޅު ކެފޭތަކުން އެހެންޏާ ފެންނަ ވަރަށް ކުޑަކުދިން ނުފެނެ އެވެ. ކެފޭއަކަށް އަދި ކުއްޖެއް ގެންދާކަށް ނުކެރެ އެވެ.
ކޮވިޑްް-19 އަށް ފަހު ދިރިއުޅުމުގެ ވައްޓަފާޅިއަށް ބޮޑު ބަދަލުތަކެއް އައެވެ. ކަންކަން ކުރަމުން އައި ގޮތް ބަދަލުވި އެވެ. ކޮވިޑާއެކު މާލޭ ހުޅުވާލުމާއެކު ކެފޭތަކާއި ރެސްޓޯރަންޓް އަލުން ހުޅުވާލިތާ ދެ ހަފުތާ ވީއިރު މިއަދު ކެފޭއަކަށް އަލަށް ވަނީމެވެ. ސަރުކާރުން ވަނީ ކެފޭތަކުގެ ހިންގުމަށް ހާއްސަ ގައިޑްލައިނެއް އެކުލަވާލާފަ އެވެ. މިކަން ކަމަށް ސަމާލުކަން ދޭނީ ކިހާވަރަކަށް ކަމެއް ނޭނގެއެވެ.
ކެފޭތަކުގެ އައުޓްޑޯ މާހައުލު ދާ މީހުންގެ މެދުގައި ވަކިން މަގުބޫލެވެ. ހުކުރު ދުވަހަކާއި ބަލާއިރު ވަން ކެފޭގައި ބަޔަކު ނެތެވެ. އެހެންޏާ ހަވީރު ގަޑީގައި އެއީ ކްރައުޑް ބޮޑުތަންތަނެވެ. ހުރިހާ މޭޒެއްްގައި މީހުން ފުރިފައި އޮވެ އެވެ. ކަސްޓަމަރުން ވާހަކައިގެ އަޑާއި ހީ ސާމާސާ ކުރާ އަޑު އިވޭނެ އެވެ.
ހުސްކޮށް އޮތް ކެފޭގެ ބޭރުގައި މާސްކް ނާޅާ ނުވަނުމަށް ލިޔެފައި އޮތެވެ. ވެއިޓަރު އައިސް މޭޒުމަތީ މެނޫ ބޭއްވުމުގެ ކުރިން އަވަހަށް ކޮފީއެކޭ ބުނެލެވުނެވެ. ވީހާވެސް އަވަހަށް ނުކުތުމަށް ބޭނުންވީ އެވެ. މާ ގިނަ މީހުން ނާންނަނީހެވެ. ކުރިން މިތަންތާނގެ ހާސްކަމަކާއި ނުލައި އެތައް ގަޑިއިރެއް ހޭދަވިއަސް މިހާރު މިކަން މިގޮތަށް ކުރަން ޖެހިލުން ވިއެވެ.
ޖޯޑެއްގެ ކޮފީއެއް ބޯލަން މިޖެހެނީ ވެސް ބިރުން ހުރެގެނެވެ. ކުރިން ހިޔާލެއް ފިކުރެއް ނެތެ މާހައުލެއް މިހާރަކު ނެތެވެ. ވަންނަން ކެރެނީ ވެސް ބޭރުން ބަލާފައި މީހުން މަދު ތަނަށެވެ. އޭސީ ބައިގައި އިންނަން ނުކުރެނީ ބަަންދު ބޮޑުވެދާނެތީ އެވެ. ކޮފީ ތަށި ގެންނަންދެން މޫނުގައި އަޅާފައި އޮތް މާސްކް ނަގާކަށް ނުކެރުނެވެ. އަދި މާސްކް ނަގާފައި ބާއްވަން ބޭރު ގައުމުތަކުގައި ކަރުދާސް ކޮތަޅުތަކެއް ދިނަސް ރާޢްޖޭގައި އެކަމެއް ނޯވެ އެވެ.
ކޮފީތަށި ގެނައުމުން އެއްބުރުން ކަހަލަ ގޮތަކަށް ބޯލައިގެން ނިކުމުގެން ދިޔައީ އެވެ. އިރުއޮއްސެން ގާތްވެފައިވާ އެވަގުތު އެހެންޏާ މީހާއަށް ލިބޭ ހިތްހަމަޖެހުމެއް ކޮފީއަކަށް ގޮސސްގެން ނުލިބުނެވެ.
ކެފޭތަކާއި ވިޔަފާރިތައް ހުޅުވާލިއަސް ޑަބްލިއުއެޗްއޯ އިން ދެއްވާފައިވާ އިރުޝާދެއްގައި ބުނާ ގޮތުން ގިނަ މީހުން ތިބޭ ތަންތަނަށް ނުދާންވީ، ނުވަންނަންވީ އެވެ. ކައިރި ކައިރީގައި އެކަކު އަނެކަކާއި އިށީނދެގެން ތިބެންޖެހޭ ބަންދު ކޮށްފައިވާ ތަންތަނަށް ވީހާވެސް މަދުން ދާންވީ އެވެ.