މާގިރި ހޮޓަލުގެ ސީސީޓީވީ ކެމެރާތަކުގެ ވީޑިއޯއެއް އެއްވެސް ފަރާތަކާ ހިއްސާކޮށްފައިނުވާކަމަށް ބުނެ، އެ ހޮޓަލާ ގުޅޭގޮތުން ދޮގު ހަބަރާއި މައުލޫމާތު ފަތުރާ މީޑިއާތަކާއި ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އެ ހޮޓަލުން ދީފި އެވެ.
މުވައްޒަފުންތަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ސީރިއަސް ތުހުމަތުތަކަކާއެކު، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މަގާމުން ވަކިކުރުމާއެކު، މާލެ ލޮކްޑައުންކޮށްފާ އޮތް ދުވަސްތަކުގައި، ޓޫރިޒަމް މިނިސްޓްރީގެ ބޭނުމަށް ނަގާފައިވާ މާގިރި ހޮޓަލުގައި އެ މިނިސްޓްރީގެ މުވައްޒަފުންތަކެއް އުޅެފައިވާ ގޮތް ފެންނަ ސީސީޓީވީ ފުޓޭޖް ލިބިފައިވާ ކަމަށް ބުނެ، ބައެއް މީޑިއާތަކުން ވަނީ ވަރަށް ތަފްސީލީ މައުލޫމާތުތަކެއް އާއްމުކޮށްފަ އެވެ.
އެގޮތުން އެ މިނިސްޓްރީގެ ބައެއް އަންހެން މުވައްޒަފުންނާއި ފިރިހެން މުވައްޒަފުންގެ އަހުލާގީ ގޮތުން ދަށް ފެންވަރުގެ އަމަލުތަކެއް ހިންގާފައިވާކަމަށް ތުހުމަތުކޮށް ކޮޓަރިތަކުގެ ރޫމް ނަންބަރާއެކު، ކޮންމެ ކޮޓަރިއެއްގައި ތިބި މުވައްޒަފުންގެ މައުލޫމާތު ވެސް ވަނީ ހާމަކޮށްފަ އެވެ.
އެކަމާ ގުޅިގެން، އިއްޔެ މާގިރި ހޮޓަލުން ޓްވިޓާ މެދުވެރިކޮށް ނެރުނު ބަޔާނެއްގައި ބުނީ އެ ހޮޓެލްގެ ކޮންމެ ގެސްޓެއްގެ ޕްރައިވަސީ ކަށަވަރުކުރާ ކަމުގެ ޔަގީންކަންދޭ ކަމަށެވެ.
އަދި ހޮޓެލްގެ ސީސީޓީވީ ކެމެރާތަކުގެ ވީޑިއޯ އެއް އެއްވެސް މީހަކަށް ވެސް އަދި މީޑިއާއަކާ ވެސް ހިއްސާކޮށްފައި ނުވާނެ ކަަމަށެވެ. އަދި އެކަމާ ދެކޮޅަށް އެއްވެސް ވާހަކައެއް މީޑިއާގައި އުޅޭ ނަމަ އެއީ ދޮގެއް ކަމަށްވެސް މާގިރި ހޮޓަލުން ބުންޏެވެ.
"މާގިރި ހޮޓެލް އާ ގުޅޭގޮތުން ދޮގު މައުލޫމާތު ފަތުރާ މީހުންނާއި މީޑިއާތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމާމެދު މި ހޮޓަލުން މި އަންނަނީ ވިސްނަމުން،" މާގިރި ހޮޓަލުން ބުންޏެވެ.
މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ، އަލީ ވަހީދު ކުރި ކަމުގެ މައްސަލަތައް ފެންމަތިވެގެން ދިޔައިރު މީގެކުރިން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއަށް ފޯނު ގުޅައިގެން ވެސް ޖިންސީ ފުރައްސާރަ އަލީ ވަހީދު ކޮށްފައިވެ އެވެ. އެކަމުގެ ޝަކުވާ މިނިސްޓަރު ނަހުލާ، ރައީސް ސޯލިހަށް އޭރު ހުށަހެޅުއްވި އެވެ. ނަމަވެސް އޭރު ރައީސް ސޯލިހު އެކަމަށް ފިޔަވަޅެއް ނޭޅުއްވި އެވެ. އެކަމުގެ ފާޑުކިޔުންތައް ވެސް ސަރުކާރަށް ވަރަށް ބޮޑަށް އަމާޒުވި އެވެ.