ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ފިއްތުންތަކަށް ބެލުމެއްނެތި ތުރުކީގެ އާޔާ ސޫފިޔާ އަނެއްކާވެސް މިސްކިތަކަށް ބަދަލުކޮށްފި އެވެ.
ތުރުކީގެ އިދާރީ އެންމެ މަތީކޯޓުން "އާޔާ ސޫފިޔާ" ދާރުލު އާސާރެއްގެ ގޮތުގައި ކަނޑައަޅާފައިވާތީ 86 އަހަރު ފަހުން އެ ނިންމުން އުވާލުމާ ގުޅިގެން އެތަން މިސްކިތަކަށް ބަދަލުކޮށް މުސްލިމުންނަށް ނަމާދު ކުރެވޭގޮތަށް ހަމަޖައްސާފައިވަނީ އިއްޔެ އެވެ. އެކަން އިއުލާނު ކުރެއްވީ ތުރުކީގެ ރައީސް ރަޖަބް ތޮޔިބު އުރުދުގާނު އެވެ.
"އާޔާ ސޫފިޔާ، ދީނީކަންތައްތައް ބަލަހައްޓާ އިދާރާގެ ދަށަށް ބަދަލުކުރުމަށް ނިންމައިފިން. އަދި ނަމާދުކުރެވޭގޮތަށް އެތަން ހުޅުވިގެންދާނެ" ޓުވިޓާ މެދުވެރިކޮށް އުރުދުގާނު އާއްމުކުރެއްވި ބަޔާނުގައިވެއެވެ.
"އާޔާ ސޫފިޔާ" އަކީ ކޮންތަނެއް؟
"އާޔާ ސޫފިޔާ" އަކީ މީލާދީން 537 ގައި އޭރު ދުނިޔޭގެ ބޮޑު ބާރެއްކަމަށްވާ ބޭޒިންޓައިން ނުވަތަ ރޫމު ވެރިކަށް ކުރަމުންދިޔަ ގިސްތަންޠީނިޔާ (ފަހުން:އިސްތަންބޫލު) ގައި ބިނާކުރެވުނު ކަނީސާއެކެވެ. މިއީ ނަސާރާއިންގެ ތެރެއިން އިރުމަތީ ޔޫރަޕަށް ނިސްބަތްވާ "އޯތަޑޮކްސް" ނަސާރާއިންގެ މަޒުހަބުގެ ފާހަގަކޮށްލެވެ ތާރީހީ ބިނާއެކެވެ.
ނަމަވެސް މީލާދީން 1453 ވަނަ އަހަރު އޭރު މުސްލިމުންގެ ހަލީފާ އައްސުލުތާނު މުހައްމަދު އަލްފާތިހް "ގިސްތަންތީނިޔާ" ފަތަހަ ކުރައްވާ އެރަށުގައި ހުރި ނަސާރާއިންގެ އެ މުހިއްމު ބިނާ މިސްކިތަކަށް ބަދަލު ކުރެއްވިއެވެ. އެގޮތުގެ މަތިން އެދުވަހަށް ފަހު އިރުމަތީ ޔޫރަޕުގެ ނަސާރާއިންގެ އެ ފަހުރުވެރި ރަމުޒު އެމީހުންގެ އަތުން ގެއްލިގެން ދިޔައެވެ.
ނަމަވެސް އޭގެ 481 އަހަރު ފަހުން އިގިރޭސިވިލާތުން ވާގިވެރިވެގެން ތުރުކީގައި 1924 ވަނަ އަހަރު ގާއިމުކުރެވުނު އަލްމާނީ ސަރުކާރު ކަމަށްވާ މުސްތަފާ ކަމާލުގެ ވެރިކަމުގައި 1934 ވަނަ އަހަރު ކެބިނެޓުން ފާސްކުރި ގަރާރަކުން "އާޔާ ސޫފިޔާ" މިސްކިތަކުން ދާރުލްއާސާރަކަށް ބަދަލުކުރިއެވެ. އެކަށް ވެގެން ދިޔައީ އެތަށް ޒަމާނަކަށްފަހު "އޯތޮޑޮކްސް" ނަސާރާއިންނަށް ލިބުނު ވަރަށް ބޮޑު އުފަލަކަށެވެ.
ދުނިޔޭގެ ބާރުތަކުން ފިއްތުއްތައް
"އާޔާ ސޫފިޔާ" އަލުން މިސްކިތަކަށް ބަދަލު ކުރަށް ތުރުކީ ސަރުކާރުން ގަސްތުދުކުރާ ވާހާކަ ތިލަވެގެން ދިޔަ ހިސާބުން ޔުނެސްކޯއާއި އެމެރިކާ އާއި ފަރަންސޭސި ވިލާތުން ތުރުކީއަށް އެތައް ފިއްތުންތަކަކާއި އިންޒާރެއް ދެމުން ދިޔައެވެ.
އަދި ތުރުކީގެ އަވަށްޓެރި ގުރީގް އިތުރުން ރަޝިޔާއިން ދިޔައީ އެތަށް އިންޒާރެއްދެމުންނެވެ. މީގެ ފަހަތުގައިވަނީ "އާޔާ ސޫފިޔާ" ގެ ތާރީހެވެ. އެބިނާއާއި ނަސާރާއިންނާއި ގުޅިފައިވާލެ ބޮޑުވުމެވެ. ހާއްސަކޮށްރަޝިޔާއާ ގުރީސްއަކީ މިއަދުވެސް ދުނިޔޭގައި "އޮތޯޑޮކްސް" ނަސާރާއިންގެ އެންމެ މުހިއްމު ދެ ގައުމެވެ.
އަންކާރާއިން ހުކުރު ދުވަހު އިއުލާނުކުރި ގަރާރާ މެދު ކަންބޮޑުވުން ފާޅުކޮށް ގުރީސްގެ ސަގާފަތާއިބެހޭ ވުޒާރާއިންވަނީ ބަޔާންނެއްވެސް ނެރެފައެވެ. އެބަޔާނުގައި ތުރުކީގެ އެ އަމަލު ކުށްވެރިކޮށް އެއީ ޖެއްސުކުރުމުގެ އަމަލެއްގެ ގޮތުގައިވަނީ ސިފަކޮށްފައެވެ.
ރަޝިޔާގެ "އޮތޯޑޮކްސް" ކަނީސާއިންވެސް ވަނީ ބަޔާނެއް ނެރެފައެވެ. އެބަޔާނުގައި އަލުން "އާޔާ ސޫފިޔާ" މިސްކިތަކަށް ބަދަލު ކުރުމަކީ އެތަށް މިލިޔަން ނަސާރާއިންގެ އެކަމާއި މެދު ކަންބޮޑުވެފައިވާ ކަމަކަށް ފަރުވާލެއްނުބަހައްޓާ ތުރުކީވިލާތުގެ ޝަރުއީ ދާއިރާއިން ނިންމި ނިމުމެއްގެ ގޮތުގައިވަނީ ސިފަކޮށްފައެވެ.
އދގެ ތަރިކަ އާއި ސަގާފަތާއި ބެހޭ ބައިނަލްއަގްވާމީ ޖަމިއްޔާ "ޔުނެސްކޯ" އިންވަނީ އެޖަމިއްޔާއަށް ކަނޑައަޅާފައި ހުންނަ ތުރުކީވިލާތުގެ ސަފީރު މެދުވެރިކޮށް އެތައް އިންޒާރެއް އެ ގައުމުގެ ސަރުކާރަށް ދީފައެވެ. އެގޮތުން ބައިނަލްއަގްވާމީ ދާރުލްއާސާރަކަށް ބަދަލުކޮށްފައިވާ ތަނެއް މިސްކިތަކަށް ބަދަލުކުރުމަކީ "ޔުނެސްކޯ" ގެ މުއާހަދާތަކާއި ހިލާފު އަމަލެއް ކަމަށް ވަނީ ބުނެފައެވެ. އަދި ތުރުކީގެ ކޯޓުން ނިންމި ނިމުމަކީ އެކަމާއި މެދު އެޖަމިއްޔާއިން ކަންބޮޑުވާ ކަމެއް ކަމަށް ވަނީ ބުނެފައެވެ.
"އާޔާ ސޫފިޔާ" މިސްކިތެއްގެ ގޮތުގައި ހުޅުވާލާ ހުޅުވާލުމަށް ބޭރުން ފާޑުކިޔަމުންދާއިރު އުރުދުގާނުގެ ސަރުކާރަށް އެ ގައުމުގެ އިދިކޮޅު ޕާޓީތަކުންވެސް ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އާއްމުކޮށް ލާދީނީ ފަލްސަފާއެއް ކަމަށްވާ ދީނާއި ދުނިޔެ ވަކިކުރަށް ގޮވާލާ ޕާޓީތަކުން އުރުދުގާނުގެ އެ ނިންމުމަކީ މިއަދު ތުރުކީއަށް ދިމާވެފައިވާ އިގްތިސާދީ ހީނާރުކަމުން އާއްމުންގެ ސަމާލުކަށް އަބުރާލަށް ކުރިކަމެއްގެ ގޮތުގައިވަނީ ސިފަކޮށްފައެވެ. އަދި އުރުދުގާނުގެ ބޭނުމަކީ "އިސްލާމުދީނަށް ތަބާވާ" ގިނަ މުސްލިމުންގެ ލޯތްބާއި ތާއިދު ހޯދަށް ކަމަށްވެސް ވަނީ ސިފަކޮށްފައެވެ.
ނަމަވެސް އެތައް އަހަރެއް ފަހުން "އާޔާ ސޫފިޔާ" މިސްކިތަކަށް ބަދަލުކުރަން ނިންމުމުން ތުރުކީގެ ގިނަ ބަޔަކު ވަނީ އެކަމާ އުފާފާޅުކޮށްފައެވެ.