ހަބަރު

ޖިންސީ ގޯނާކޮށްފައި ސަލާމަތްނުވާނެ ކަން އެނގެންޖެހޭ: ޕީޖީ

ޖިންސީ ގޯނާގެ ބޮޑެތި ކުށްތަކަށް އަރައި ގަންނަ މީހުންނަށް އެކަން ކޮށްފައި ސަލާމަތް ނުވެވޭނެކަން އެނގެން ޖެހޭނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ޕީޖީ ޝަމީމް މިހެން ވިދާޅުވީ އުމުރުން 11 އަހަރުގެ ކުޑަކުއްޖަކު ގްރޫމްކޮށްގެން ގެސްޓްހައުސްއަކަށް ގެންގޮސް ޖިންސީ ގޯނާ ކުރި މައްސަލައާއި ގުޅޭގޮތުން ކުރެއްވި ޓުވީޓެއްގަ އެވެ.

ޝަމީމް ކުރެއްވި ޓްވީޓުގައި ވިދާޅުވީ މާގިނަ ވާހަކަ ނުދައްކަވާނެ ކަމަށާ އިހުލާސްތެރިކާމާއި އަމާނާތްތެރި ކަމާއެކު މަސައްކަތް ކުރައްވާނެ ކަމަށެވެ.

ގްރޫމްކޮށްގެން ކުޑަކުއްޖަކު ގެސްޓްހައުސްއަކަށް ގެންގޮސް ޖިންސީ ގޯނާކުރި މައްސަލައިގައި ދައުވާ ކުރާ ހއ. ބާރަށް، ސިލްސިލާގެ، އަނީސް ހިލްމީގެ މައްޗަށް ވަނީ ތިން ދައުވާއެއް އުފުލާފަ އެވެ.

އޭގެ ތެރޭގައި ހިމެނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލުމުގެ ކުށުގެ ދައުވާއާއި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމަށްޓަކައި އެކުއްޖާ ގްރޫމްކުރުމުގެ ކުށުގެ ދައުވާގެ އިތުރުން އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ދައުވާއެވެ.

މި ދައުވާތަކުގެ ތެރެއިން ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލުމުގެ ކުށުގެ ދައުވާ ސާބިތުވެއްޖެނަމަ 10 އަހަރާއި 14 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ. ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމަށްޓަކައި އެކުއްޖާ ގްރޫމްކުރުމުގެ ކުށުގެ ދައުވާ ސާބިތުވެއްޖެނަމަ 10 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

އޮރިޔާންކާޑު ގެންގުޅުމުގެ ދައުވާ ސާބިތުވެއްޖެނަމަ އެއް އަހަރާއި ހަ މަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ފަހަކަށް އައިސް ކުޑަކުދިންނާއި އަންހެނުންނަށް ޖިންސީ ގޯނާކުރަމުންދާ މައްސަލަތައް ދަނީ އިތުރުވަމުންނެވެ. އަދި މި މައްސަލަތައް އިތުރުވިނަމަވެސް ކަމާގުޅޭ އިދާރާތަކުން އެކަށީގެންވާ ފިޔަވަޅު އަޅަމުން ނުދާތީ އާންމުންދަނީ ސަރުކާރަށް ފާޑުކިޔާ މުޒާހަރާކުރަމުންނެވެ.