ދުވާފަރު

ދުވާފަރު ލޮކްޑައުންކޮށްފި

Jul 11, 2020
3

ރ. ދުވާފަރަށް މީހުން އަރާ ފޭބުން މަނާކޮށްފި އެވެ.

އެ ރަށް ލޮކްޑައުންކޮށްފައިވަނީ ހޯމް ކަރަންޓީންގެ މުއްދަތު ފުރިހަމަ ކުރުމަށްފަހު ދޫކޮށްލި ބަޔަކު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. ދުވާފަރުން ޕޮޒިޓިވްވެފައިވަނީ ދެމަފިރިންނާއި އެ މީހުންގެ ދަރިފުޅެވެ.

މިދިޔަ މަހުގެ 19 ވަނަ ދުވަހު ދުވާފަރަށް ގޮސް ހޯމް ކަރަންޓީންގައި 14 ދުވަސް ހޭދަ ކުރުމަށްފަހު އެ މީހުން ގެއިން ނިކުމެފައިވަނީ 14 ދުވަހަށްފަހު ހެދި ފުރަތަމަ ޓެސްޓް ނެގެޓިވްވުމުންނެވެ. ނަމަވެސް ފަހުން އެޗްޕީއޭއިން ވަނީ އެ މީހުންގެ ޓެސްޓް ޕޮޒިޓިވްވެފައިވާކަން އަންގާފައެވެ.

ނަމަވެސް އޭރު އެ މީހުން ވަނީ ރަށުގެ ގިނަ ބަޔަކާ ބައްދަލްވެފައެވެ. އެހެން ކަމުން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އެޗްޕީއޭއިން ވަނީ އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސް އަރާ ފޭބުން މަނާކޮށްފައެވެ.