ހަބަރު

އިއުތިރާފުވީ ފަރުވާއަށް ދިޔުމުގެ ޝަރުތަކަށް ހެދީމަ: އަދީބު

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ)ގެ އޮފީހާއެކު އިއުތިރާފް އެއްބަސްވުމެއްގައި ސޮއި ކުރެއްވީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދެވެން އޮތް ޝަރުތަކީ އެއީ ކަމަށް އެންގުމުން ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރްސީގެ ބޮޑު ކޮރަޕްޝަންގެ ތުހުމަތު އެންމެ ބޮޑަށް ކުރެވޭ އަދީބު ވަނީ އެ ކޮރަޕްޝަންގައި ޝާމިލްވި ކަމަށް އިއުތިރާފުވެ، ދައުލަތާއެކު މިދިޔަ އަހަރު އެއްބަސްވުމެއްގައި ސޮއި ކުރައްވާފަ އެވެ. އެގޮތުން އެއްބާރުލުން ދިނުމުގެ އެއްބަސްވުމަކާއި އިއުތިރާފު އެއްބަސްވުމެއްގައި ސޮއި ކުރެއްވި އެވެ. އެ އެއްބަސްވުމުގައި ސޮއި ކުރެއްވުމުން އޭރު އޭނާގެ މައްޗަށް ސާބިތުވެފައި އޮތް ކޮރަޕްޝަންގެ މައްސަލަ، ސުޕްރީމް ކޯޓުގައި ކުރިއަށް ނުގެންދަން ޕީޖީ ނިންމެވި އެވެ.

އޭގެއިތުރުން ކުރިމިނަލް ކޯޓުގައި އަދީބާ ދެކޮޅަށް އުފުލާފައިވާ ގިނަ ހިނާޔަތުގެ ދައުވާތައް ވެސް އަނބުރާ ގެންދެވި އެވެ. އޭރު ޕީޖީގެ މަގާމުގައި ހުންނެވީ އައިޝަތު ބިޝާމެވެ. އެ ދައުވާތައް އަނބުރާ ގެންދިޔުމަށްފަހު އިއުތިރާފު އެއްބަސްވުމުގެ ދަށުން އަދީބުގެ މައްޗަށް އިތުރު ދައުވާތަކެއް އުފުލި އެވެ. އެ ހަތް ދައުވާއަކީ މަނީ ލޯންޑްރިންއާއި ހިޔާނާތުގެ ދައުވާތަކެކެވެ.

އެ ދައުވާތަކުގެ އަޑުއެހުމެއް މިއަދު އޮންލައިންކޮށް ކުރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ އެވެ. ޝަރީއަތުން ވަނީ އިއުތިރާފު އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރައްވާފަ އެވެ. ދައުލަތުން ބުނީ އަދީބާއެކު އެންމެ ފުރަތަމަ އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއް ހެދީ އެގޮތަށް އަދީބު ބޭނުންވާތީ ކަމަށެވެ. އަދި ފަހުން ޖިނާއީ އިޖުރުއާތުގެ ގާނޫނާ އެއްގޮތުގެ މަތިން އިއުތިރާފު އެއްބަސްވުމެއް ދެ ފަރާތުގެ ދެމެދުގައި ސޮއިކުރީ ކަމަށެވެ.

އޮންލައިންކޮށް ކުރިއަށް ދިޔަ އަޑުއެހުމުގައި އަދީބު ވިދާޅުވީ އިއުތިރާފު އެއްބަސްވުމުގައި ސޮއި ކުރެއްވީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދެވޭނެ ޝަރުތަކެއް ކަމަށް އެކަން ކަނޑައެޅުމުން ކަމަށެވެ. އެ އެއްބަސްވުމުގައި ސޮއި ކުރުމަށް އެދިވަޑައިގެންނެވީ އޭރުގެ ޕީޖީ އައިޝަތު ބިޝަމާއި ފުލުހުންގެ ބައެއް އިސްވެރިން ކަމަށެވެ. އަދީބަށް ސިއްހީ ގޮތުން ގިނަ މައްސަލަތަކެއް އޭރު ކުރިމަތިވި އެވެ. ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް ޑޮކްޓަރުން އޭރު ލަފާ ވެސް ދިނެވެ.

އެންމެ ފުރަތަމަވީ އެއްބާރުލުން ދިނުމުގެ އެއްބަސްވުމަށްފަހު، އަދީބު ވަނީ ރާއްޖެއިން ބޭރަށް ވަޑައިގެން ފަރުވާ ވެސް ހޯއްދަވާފަ އެވެ. އޭގެ ފަހުން އަދީބު ހުންނެވީ ވެސް ގޭބަންދުގަ އެވެ. އަދީބު މިއަދު ވިދާޅުވީ، އެ އެއްބަސްވުން އެކުލަވާލީ ވެސް ދައުލަތުން ކަމަށާއި އޭނާއަށް އެފަދަ އެއްބަސްވުމެއް އެކުލަވާލަން ވެސް ނޭނގޭ ކަމަށެވެ. އެ އެއްބަސްވުމާ ގުޅޭ ގޮތުން އޭނާގެ ވަކީލުންގެ އިޖުރާއީ ގިނަ މައްސަލަތަކެއް ފާހަގަކުރި ކަމަށާއި ނަމަވެސް އެއަށް ބެލުމެއް ނެތި އޭނާ އޭގައި ސޮއި ކުރެއްވީ ކޮންމެހެން ވެސް ބޭސް ފަރުވާއަށް ދާން މަޖުބޫރުވެފައިވާތީ ކަމަށެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވީ ޝަރުތެއްގެ ތެރޭގައި ކަމުގައި ވިޔަސް މައްސަލާގެ ޝަރީއަތްތަކަށް އެއްބާރުލުން ދެއްވާނެ ކަމަށް އަދީބު ވިދާޅުވި އެވެ. ނަމަވެސް ފަހުން އެމްއެމްޕީއާރްސީގެ ތަހުގީގު ކުރިއަށް ދިޔަ ގޮތް ސާފު ނުވާ ކަމަށް ވެސް ވިދާޅުވި އެވެ. ނަމަވެސް ދައުވާތަކަށް އިންކާރު ކުރައްވާ ކަމަކަށް ވިދާޅެއް ނުވެ އެވެ.

ބަންދުގައި ހުރި މީހަކު ބޭސްފަރުވާއަށް ފޮނުވުމުގެ ޝަރުތަކަށް ހަދައި އެއްބަސްވުން ހެދީ ކޮން ހަމައަކުންތޯ މައްސަލަ ބައްލަވާ ގާޒީ އިސްމާއިލް ރަޝީދު ދައުލަތާ ސުވާލު ކުރެއްވި އެވެ. ޖަވާބުގައި ދައުލަތުގެ ވަކީލް ވިދާޅުވީ ފަރުދުންގެ ހައްގުތަކާއި މިނިވަންކަން ހިމާޔަތް ކުރުމަކީ ގާނޫނު އަސާސީން ޕީޖީއަށް ލާޒިމްކުރާ ކަމެއް ކަމުގައިވާއިރު އެފަދަ ޝަރުތެއް ހިމަނައިގެން އެއްބަސްވުމުން ހެދުމުގައި ހުރަހެއް ނެތް ކަމަށެވެ.

އަދީބު ވިދާޅުވީ ޕެރޯލްގެ ގާނޫނުގެ ދަށުން ޑޮކްޓަރުން ލަފާ ދީފިނަމަ ގައިދީން ބޭރަށް ފޮނުވުމަކީ ލާޒިމް ކަމެއް ކަމަށާއި ނަމަވެސް އެކަމަށް ދައުލަތުން ހުރަސްއެޅި ކަމަށެވެ. ދައުލަތުން ބުނީ އިއުތިރާފް އެއްބަސްވުން ހެދީ އަދީބު ބޭސްފަރުވާއިން ރާއްޖެއަށް އެނބުރި ވަޑައިގެން ފަހުން ކަމަށެވެ. އަދި ބޭނުންނަމަ އެއްބަސްވުން އޮތަސް އަދީބަށް މިހާރު ވެސް ދައުވާތަކަށް އިންކާރު ކުރެވިދާނެ ކަމަށެވެ.

މިއަދުގެ އަޑުއެހުން ނިންމާލައްވަމުން މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ ދެން އަންނަ އަޑުއެހުމެއްގައި އެއްބަސްވުމާ ގުޅޭ ގޮތުން ޝަރީއަތުން ނިންމާ ގޮތެއް އަންގަވާނެ ކަމަށެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން އިއުތިރާފު އެއްބަސްވުމެއް ދައުވާ ލިބޭ މީހާއާއެކު ވެފައިވާނަމަ، އެ އަޑުއެހުމެއް ކުރިއަށް ގެންދަނީ އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގަ އެވެ. އަދި، އެ މައްސަލާގައި ދައުުވާ ލިބޭ މީހާއަށް އިއްވާ ހުކުމްގެ ދަރަޖަ ވެސް ދަށްވެގެން ދާނެ އެވެ.

އަހުމަދު އަދީބު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއާ ދެކޮޅަށް ހެކި ބަސް ދެއްވަމުން ވެސް އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގައި ޝާމިލްވެފައިވާނެ ކަމަށް ވިދާޅުވެ، ކުށަށް އިއުތިރާފުވެފަ އެވެ. ރައީސް ޔާމީން ތަކުރާރުކޮށް އެކަން އެއްސެވެމުން ވެސް އަދީބު ވިދާޅުވެފައިވަނީ ކުށަށް އިއުތިރާފުވާ ކަމަށެވެ. ރައީސް ޔާމީންގެ މައްޗަށް ކުށް ސާބިތުވި އެންމެ ބޮޑު އެއް ސަބަބަކީ ވެސް އަދީބުގެ ހެކި ބަހެވެ.