ހަބަރު

މުޅި ރާއްޖެއަށް އުދަ އަރާނެ ކަމަށް އެލާޓް ނެރެފި

ހއ. އިން ފެށިގެން އައްޑޫ ސިޓީގެ ރަށްރަށަށް، އުދަ އަރާނެ ކަމަށް ލަފާކޮށް ވައިިޓް އެލާޓް ނެރެފި އެވެ.

މެޓް އޮފީހުން މިއަދު ނެރުނު އެލާޓްގައި ބުނީ، ހއ. އިން އައްޑޫ ސިޓީގެ ބައެއް ރަށްރަށަށް އުދަ އެރުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ. މިއަދު 3:30 އިން ފެށިގެން ރޭގަނޑު 7:30 އަށް ވައިޓް އެލާޓް ނެރެފައިވާއިރު މިކަމަށް ސަމާލުވުމަށް ވަނީ އެދިފަ އެވެ.

މީގެ ދެ ދުވަސް ކުރިން މެޓް އޮފީހުން ވަނީ ތިން ދުވަހަށް ސަމާލުވުމަށް އެދި އެލާޓް ނެރެފަ އެވެ. އެއީ ދެކުނު އިންޑިއާ ކަނޑުގައި އުފެދިފައިވާ ދިގު ބާނިތައް ރާއްޖެ އަށް ފޯރާނެ ކަމަށް ލަފާ ކުރެވޭތީ ކުރިއަަށް އޮތް ތިން ދުވަހު ބައެއް ރަށްތަކަށް އުދަ އެރުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އަދި ހާއްސަކޮށް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އެކަމުގެ އަސަރު ބޮޑުވާނެ ކަމަށް ބެލެވޭ ކަމަށެވެ.

އެހެންކަމުން، މި ކަމަށް ސަމާލުވެ ތިބުމަށް އިލްތިމާސް ކުރާ ކަމަށާއިިި ހާއްސަކޮށް ގޮނޑުދޮށާއި ކައިރި ހިސާބުތަކުގައި ދިރިއުޅޭ މީހުންނާއި މޫދަށް އެރި އުޅުމުގައި ހާއްސަ ސަމާލު ކަމެއް ދިނުމަށް އެދޭ ކަމަށެވެ. މީގެ އިތުރުން، ފަޅުތެރޭގައި އަޅާފައި ހުންނަ އުޅަނދުތަކުގެ ރައްކާތެރިކަމަށްވެސް ވިސްނުމަކީ މި ދުވަސްވަރު މުހިއްމު ކަމެއް ކަމަށެވެ.

މިދިޔަ ހަފްތާ އިން ފެށިގެން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދަނީ އުދަ އަރަމުންނެވެ. ބައެއް ރަށްރަަށަށް އެރި އުދަ އަކީ އާދަޔާ ހިލާފު އުދައެއް ކަމަށްވެސް އެ ރަށްރަކުގެ މީހުން ސިފަކޮށްފައިވެ އެވެ. މިއަދުވެސް ވަނީ ބައެއް ރަށްރަށަށް އުދައިގެ އަސަރުކޮށްފަ އެވެ.