ހަބަރު

ސީއެސްސީގެ ހަތަރު މެންބަރުން ވަކިކުރުން މާދަމާއަށް އެޖެންޑާކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ހަތަރު މެންބަރަކު ވަކިކުރުމުގެ މައްސަލަ އެޖެންޑާކޮށްފި އެވެ.

މަޖިލީހުގެ އިދާރާއިން އާންމުކޮށްފައިވާ މާދަމާގެ ޖަލްސާގެ އެޖެންޑާގައި ކޮމިޓީތަކުން ހުށަހަޅާ ކަންކަމުގެ ތެރޭގައި ފުރަތަމަ ކަމަކަށް އޮތީ، ސީއެސްސީގެ ހަތަރު މެންބަރަކު ވަކިކުރަން އެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމައި އެކުލަވާލާފައިވާ ރިޕޯޓެވެ. އެޖެންޑާގައި އެ ރިޕޯޓް ފުރަތަމަ އޮތުމުން ބަހުސް ނިމި، ވޯޓަށް އެހޭނެ ކަމަށް ބެލެވެ އެވެ.

މަޖިލީހުގެ ގަވާއިދު މިހާރު އޮންނަ ގޮތުން މިނިވަން މުއައްސަސާއެއްގެ މެންބަރަކު ވަކިކުރުމުގެ އިޖުރާއަތްތައް ފުރިހަމަކޮށް ތަޅުމަށް ފޮނުވާ ރިޕޯޓަށް ބަހުސް ކުރާން ފުރުސަތު ދޭނީ ކޮންމެ ސިޔާސީ ޕާޓީއެއްގެ މެންބަރަކާއި އަމިއްލަ މެންބަރުންގެ ތެރެއިން އެއް މެންބަރަކަށެވެ.

މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީނިން ނިންމާފައި ވަނީ ސީއެސްސީގެ ރައީސް އަލީ ޝަމީމް އާއި ކޮމިޝަންގެ ނައިބު ރައީސް ޝަހީދު މުހައްމަދާއި މެންބަރު ޒަކަރިއްޔާ ހުސައިން އަދި މެންބަރު އިބްރާހިމް ޝަހީގެވެ. ދެން ކޮމިޝަންގައި އިންނަވަނީ މެންބަރު ފާތިމަތު އާމިރާ އެކަންޏެވެ.

އާމިރާއަކީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގައްރިރު އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްގެ ބޮޑު ދައިތަ އެވެ. އާމިރާ ވަކިކުރަން ވެސް ކޮމިޓީގައި ވޯޓަށް އެހި އެވެ. ނަމަވެސް ވޯޓު ދެއްވި ނުވަ މެންބަރުންގެ ތެރެއިން ފަސް މެންބަރުންގެ އަޣުލަބިއްޔަތުން ފާސްވީ އާމިރާ ވަކިނުކުރުމަށެވެ.

އާމިރާގެ މައްސަލަ ކޮމިޓީން ދިރާސާކުރިއިރު ރޮޒައިނާ ކޮމިޓީގައި ބައިވެރިވެވަޑައެއްނުގަންނަވަ އެވެ. ކޮމިޓީގެ ރިޔާސަތުގައި ވެސް އިންނެވީ ނައިބު މުގައްރިރު، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމެވެ.

މި ސަރުކާރުގެ ވަޒީރުން ވަނީ ސީއެސްސީގެ ފަރާތުން ސަރުކާރުގެ ވުޒާރާތަކަށް އެއްބާރުލުން ނުލިބޭ ކަމުގެ ޝަކުވާ ކުރައްވައިފަ އެވެ. އެ މައްސަލާގައި މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހުރިހާ ވަޒީރުން ހާޒިރު ވެސް ކުރި އެވެ. އެއީ މި މަޖިލީހުގައި އެއް ކޮމިޓީއަކަށް އެއް ފަހަރާ މިހާތަނަށް ހުރިހާ ވަޒީރުން ހާޒިރު ކުރި ހަމައެކަނި ފަހަރެވެ.