އެޗްޑީސީ

އެޗްޑީސީއަށް ކުރެހުން ހުށަހަޅަން ޕޯޓަލް އެއް

އެޗްޑީސީއަށް ހުށަހަޅާ ލިޔެކިޔުންތަކާއި ކުރެހުންތައް ހުށަހެޅުމަށް އޮންލައިން ޕޯޓަލްއެއް ތައާރަފު ކޮށްފި އެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގައި ބޭއްވި މި ހަފުލާއެއްގައި ޕޯޓަލް އިފްތިތާހު ކޮށްދެއްވީ، ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމެވެ. ޕޯޓަލް އިފްތިތާހު ކުރުމަަށް ފަހު އެ ކުންފުނިން ބުނީ، ހިދުމަތްތައް އިތުރަށް ފުޅާ ކުރުމަށްޓަކައި އެޗްޑީސީން އިތުރު މަސައްކަތްތަކެއް ކުރާ ކަމަށެވެ.

އޭގެތެރޭގައި ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ހިދުމަތް ފޯރުކޮށް ދިނުމާއެކު ހުޅުމާލޭގައި ކުރިއަށް ގެންދާ މަޝްރޫތަކަކީ ތިމާވެއްޓާ ރައްޓެހި މަޝްރޫތަކެއް ކަމުގައި ހެދުން ހިމެނެ އެވެ.

އެ ކޯޕަރޭޝަނުން ބުނީ، ހުޅުމާލޭގައި ހިންގާ އެކިއެކި މަޝްރޫޢުތަކާ އިމާރާތްތަކުގެ ކުރެހުންތައް ފާސް ކުރަން އަހަރަކު ގާތްގަނޑަކަށް 43،000 އަށްވުރެ ގިނަ ކަރުދާސް ހުށަހަޅާ ކަމަށާއި ޕޯޓަލްގެ ސަބަބުން އެ ކަމަށް ހައްލު ލިބޭނެ ކަމަށެވެ.

"މި ޕޯޓަލް އިފްތިތާހު ކުރުމުން، ކަރުދާސް ބޭނުން ނުކޮށް ކުރެހުން ފާސް ކުރެވޭނެ. އަދި ވަރަށް ގިނަ ފަރާތްތަކަކަށް ކުރެހުން ފާސް ކުރުމަށް ފަސޭހަ ވާނެ. ސަބަބަކީ، ކުރެހުން ފާސް ކުރުމުގެ މަރުހަލާ މުޅިން އޮންލައިން ކުރެވިގެން ދިއުމުން، އޮންލައިންގެ ޒަރިއްޔާއިން ކުރެހުން ފާސް ކުރުމަށް އެޗްޑީސީއަށް ހުށަހެޅޭނެ." ޕޯޓަލް އިފްތިތާހުކޮށް އެޗްޑީސީން ނެރުނު ފެކްޓް ޝީޓްގައި ބުނެފައި ވެއެވެ.

މި ޕޯޓަލް މެދުވެރިކޮށް، ކުރެހުންތަކުގެ މަސައްކަތް ގޮސްފައިވާ ހިސާބު ބެލުމާއި މަސައްކަތް ކުރިޔަށް ދާ މިންވަރު އަންގައިދިނުމުގެ ގޮތުން، ކުރެހުން ހުށަހަޅާފައިވާ ފަރާތްތަކަށް ނޮޓިފިކޭޝަން މެދުވެރިކޮށް މެސެޖްއެއްވެސް ލިބޭނެ ކަމަށެވެ.