ހަބަރު

ސްމިތް ކުރި ފުރައްސާރައިގެ ޓްވީޓެއްގެ މައްސަލަ ބަލަނީ

Jul 12, 2020
9

ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އެމްޑީޕީގެ އެކްޓިވިސްޓް އަލީ ހާސިމް (ސްމިތް) އަންހެނަކަށް ޖިންސީ ފުރައްސާރަ ކުރެވޭ ގޮތަށް ބޭއަދަބީ ބަހުރުވައިން ޓްވީޓެއް ކުރެއްވި މައްސަލަ ސަރުކާރުން ބަލަން ފަށައިފި އެވެ.

ޓްވީޓާގައި ޖިންސީ ގޯނާ ކުރުމާއި ފުރައްސާރަ ކުރުމާއި ދެކޮޅަށް ވާހަކަ ދެއްކި އަންހެން ކުއްޖެއްގެ ޓްވީޓަކަށް ސްމިތް ކުރެއްވި ރެޕްލައި ޓްވީޓެއްގައި ވަނީ "ލމ ރޭޕް ކުރީމަ ކަޑަވަނީ ދޯ" މި ގޮތަށެވެ. ސްމިތް އެފަދަ ގޮތަކަށް ވިދާޅުވެ ޓްވީޓް ކުރެއްވުމުން ޓްވީޓާގައި ގިނަ އަދަދެއްގެ މީހުން ދަނީ އޭނާއަށް ފާޑުކިޔައި ޓްވީޓްތައް ކުރަމުންނެވެ.

އެ ގޮތަށް އާންމު މީހަކު ކުރި ޓްވީޓަކަށް ޖަވާބު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސްމިތް ކުރެއްވި ޓްވީޓުގައި ބޭނުން ކޮށްފައި ވަނީ ވަރަށް ބޭއަދަބީ ބަހުރުވައެއް ކަމަށާއި އެފަދަ މަގާމެއްގައި ހުރި މީހެއްގެ ފަރާތުން ފެނިގެން ނުވާނެ ލަދުވެތި އަމަލެއް ކަމަށެވެ.

"[ސްމިތް ކުރެއްވި ޓްވީޓުގައިވާ] ބަހުރުވައަކީ ވަރަށް ބޭއަދަބީ އަދި ޑީގްރޭޑް ބަހުރުވައެއް، އެއްވެސް މީހެއްގެ ފަރާތުން ފެނިގެން ނުވާނެ ކަމެއް، އެކަން ގަބޫލު ކޮށް މި ކަން [ރައީސް އޮފީހުން] ބަލަމުން ދަނީ،" ހޫދު ކުރެއްވި ޓްވީޓްގައިވެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ބޭފުޅަކު މިފަދަ ޓްވީޓެއް ކުރައްވާފައިވާއިރު، ކުރިން ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަލީ ވަހީދު އެ މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ތުހުމަތުގައި އޭނާ ވަނީ އެ މަގާމުން ވަކިކޮށްފަ އެވެ.

ކުރީގެ މިނިސްޓަރު އަލީ ވަހީދު ދިރިއުޅުއްވައި ގެ ބަލައިފާސްކޮށް ފުލުހުން ވަނީ އަލީގެ ފޯނާއި ލެޕްޓޮޕް ވެސް ގެންގޮސްފަ އެވެ. އަދި ރާއްޖޭން ބޭރަށް ފުރުން މަނާކޮށް އަލީ ވަހީދުގެ ޕާސްޕޯޓް ވެސް ހިފަހައްޓާފައިވެ އެވެ. މީގެ އިތުރުން، ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް އެހެން ބޭފުޅުންނަށް ވެސް މިފަދަ ތުހުމަތުތައް ދަނީ ކުރެވެމުންނެވެ.