ރައީސް އޮފީސް

ސްޓޭޓް މިނިސްޓަރު ރިޔާޒު ސަސްޕެންޑްކޮށްފި

އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ރިޔާޒު ސަސްޕެންޑްކޮށްފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް މިއަދު ވިދާޅުވީ ބަލަމުންދާ މައްސަލައަކާއި ގުޅިގެން ރިޔާޒު ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ. ބަލަމުންދަނީ ކޮން މައްސަލައެއް ކަމެއް މަބްރޫކް ވިދާޅެއް ނުވެ އެވެ.

އަވަސްއަށް އެނގިފައިވާ ގޮތުގައި ރިޔާޒު ސަސްޕެންޑް ކުރީ އޭނާގެ ޖިންސީ ފުރައްސާރައިގެ މައްސަލައެއް ބަލަމުން ދާތީ އެވެ.

ރިޔާޒުގެ ފަރާތުން މިނިސްޓްރީގައި މަސައްކަތްކުރާ ދެ އަންހެން ކުއްޖަކަށް ޖިންސީ ފުރައްސާރަކޮށްފައިވާ ކަމުގެ ތުހުމަތު އުފުލާފައިވާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

ރިޔާޒު އަކީ އެޑިޔުކޭޝަން މިނިސްޓްރީގެ ދަށުން ހިންގާ ޕީއެސްއައިޕީ ޕްރޮޖެކްޓްތައް ހިންގުމާ ހަވާލުވެ ހުންނަ އެންމެ އިސް ފަރާތެވެ.

ރިޔާޒު އެ މަގާމަށް އައްޔަންކުރައްވާފައިވަނީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގަ އެވެ. އެކަމަކު މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އުފެއްދުމާއިއެކު އޭނާ ވަނީ އެ ޕާޓީއާ ގުޅިވަޑައިގެންފަ އެވެ.

ސްޓޭޓް މިނިސްޓަރު ރިޔާޒަކީ ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެންބަރު އަދި އެމްއެންޕީގެ ނައިބް ރައީސް އަބްދުﷲ ރިޔާޒުގެ ބޭބެ އެވެ.