މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)އާ ދެކޮޅަށް އިދިކޮޅުން މުޒާހަރާއެއް ކުރުމަށް ނިންމާ އެކަން އިއުލާނުކޮށްފި އެވެ.
މިރޭ ޕީޕީއެމްގެ އޮފީހުގައި އިދިިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ މީޑިއާތަކަށް ވަރަށް ބޮޑަށް ބިރު ދައްކަމުންދާ ކަމަށެވެ. ސަރުކާރާ މަޖިލީސްތެރެއިން އަދި ނޫސްވެރިން ހިމާޔަތް ކުރުމަށް އުފައްދާފައިވާ ބައެއް މުއައްސަސާތަކުން އެ މަސައްކަތް ކުރަމުންދާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ ބްރޮޑްކާސްޓިން ކޮމިޝަންގެ ޒިންމާއަކީ މީޑިއާތަކަށް ހުރަސްއަޅާ ނޫސްވެރިންނާއި މީޑިއާތަކަށް ފިޔަވަޅު އެޅުން ނޫން ކަމަށެވެ. ސަރުކާރުގެ ނުފޫޒުގައި މިއަދުވެސް ބްރޯޑްކާސްޓިން ކޮމިޝަނުން މަސައްކަތްތަކެއް ކުރަމުންދާ ކަމަށާ އެކަމާ ދެކޮޅަށް އިދިކޮޅުން މުޒާހަރާ ކުރާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
"މާދަމާ ދިހަގަޑި ބަޔަށް އަޅުގަނޑުމެން މި ދަނީ ބްރޮޑްކާސްޓިން ކޮމިޝަން ކުރިމައްޗަށް. ދިވެހި ރައްޔިތުންގެ އަޑު އުފުލުމަށްޓަކައި،"
ޗެނަލް 13އިން ފޮނުވި ރިޕޯޓެއްގެ މައްސަލަ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން މިހާރުވެސް ދަނީ ބަލަމުންނެވެ.
މި މަހުގެ ހަވަނަ ދުވަހު މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ ޗެނަލް 13 ގެ މައްސަލައެއް ބަލަމުންދާ ކަމަށް ލިޔުމުން އަންގާފައެވެ. ބަލަމުންދަނީ ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕްކުރި ކަމަށް ބުނާ މައްސަލައާއި ގުޅޭގޮތުން އޮންލައިން ނޫހެއްގައި ޝާއިއުކޮށްފައިވާ ރިޕޯޓެއް އަކުރުން އަކުރަށް ޗެނަލް 13 އިން ތަކުރާރުކޮށް ގެނެސްދީފައިވާތީ، އެ ރިޕޯޓް އެ ސްޓޭޝަނުން ބްރޯޑްކާސްޓް ކުރަމުން ގެންދަނީ އެއީ ތެދުކަން ކަށަވަރު ކޮށްގެންކަން ބަލައިދިނުމަށް އެދި ހުށައަޅާފައިވާ މައްސަލައެއް ކަމަށް ވަނީ ބުނެފައެވެ.
އެއީ ކޮން ފަރާތަކުން ހުށައެޅި މައްސަލައެއް ކަމަށް ބްރޯޑްކޮމްއިން ބުނެފައެއް ނުވެއެވެ.
ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ރައީސް ޔާމީނާއި އިދިކޮޅު ޕާޓީތަކުގެ ހަބަރުތައް ގެނެސްދޭ ޓީވީ ޗެނަލްގެ ގިނަ މައްސަލަތަކެއް މީގެ ކުރިންވެސް އެ ކޮމިޝަނުން ވަނީ ބަލާފައެވެ.
މި ސަރުކާރު އައިފަހުން މަޖިލީހުން ވަނީ ބްރޯޑްކޮމްގައި ކުރިން ތިއްބެވި ގިނަ ބޭފުޅުން ވަކިކޮށް މި ސަރުކާރު "ރުހޭ" ބޭފުޅުން އެ ކޮމިޝަނަށް އައްޔަން ކޮށްފައެވެ.