އަންހެނުންގެ ލޯ އަނދިރި ނޫން ކަން އޭނާއަށް ނޭނގޭ ކަމަށް އަންހެން މީހާގެ ފިރިމީހާ ބުނެފި އެވެ. އަންހެންމީހާ ލޯ އަނދިރިކަމަށް ހެދިގެން އުޅުނީ ސަރުކާރުން ދޭ އިނާޔަތްތައް ހޯދުމުގެ މަގްސަދުގަ އެވެ. މީގެ 15 އަހަރު ކުރިއްސުރެ އެމީހާ ސަރުކާރުން ނަގަމުން ދިޔަ އިނާޔަތްތައް އެއް މިލިއަން ޕައުންޑަށް ވަނީ އަރާފަ އެވެ.
ޖޯން ޕޮމްފްރީ، 60، ބުނި ގޮތުގައި އޭނާގެ އަންހެނުން ކްރިސްޓިއާނާ ދޮގު ހަދައިގެން އުޅުނުކަމެއް އޭނާ ނުދެނަހުއްޓެވެ. މިހާ ބޮޑު ދޮގެއް ހަދާ އޮޅުވާލުމުގެ ސަބަބުން މިހާރު ކްރިސްޓިއާނާއަށް ވަނީ ޖަލަށް ދާން ޖެހިފަ އެވެ.
އިންގްލެންޑްގެ ޗެޝާގައި ދިރިއުޅޭ 65 އަހަރުގެ މާމައަށް މިހާރު ވަނީ ތިން އަހަރާއި އަށް މަސް ދުވަހުގެ ޖަލު ހުކުމެއް އައިސްފަ އެވެ. ލޯ އަނދިރި މީހަކަށް ހެދި ފޯޖް ކޮށްފައިވާ ޑޮކިއުމަންޓްތަކެއް ހުށަހަޅައިގެން 15 އަހަރު ވަންދެން ސަރުކާރުގެ އިނާޔަތްތަކެއް ނެގި ކަމުގެ ކުށް ސާބިތު ވެގެންނެވެ.
އޭނާގެ ލޮލަށް އެއްގޮތަކަށް ވެސް ނުފެންނަ ކަމަށާއި ފުރޮޅުލީގޮނޑީގައި ނޫނީ އެއްވެސް ތަނަކަށް ނުދެވޭ ކަމަށް ބުނެ ކްރިސްޓިއާނާ ވަނީ އެންމެންނަށް ދޮގު ހަދާ އޮޅުވާލާފަ އެވެ. ނަމަވެސް އޭނާއާ ދޭތެރޭ ޝައްކު ވެގެން ކަމާބެހޭ އޮތޯރިޓީން ހިންގި ތަހުގީގަކުން އޭނާ އަމިއްލައަށް ކާރު ދުއްވާ ހަދާ ކަމާއި މީހެއްގެ އެހީތެރިކަމާ ނުލާ ހިނގާބިނގާވެ އުޅޭ ކަމާއި ނޫސް ކިޔާކަން ޔަގީން ކުރެވުނެވެ. އަދި ސްކޫލަށް މާމަ ކުދިން ބަލާ ގޮސް އެ ކުދިން ގެންނަކަން ވެސް ވަނީ ފަޅާ އަރާފަ އެވެ.
ކްރިސްޓިއާނާ އާއި ޕޮމްފްރީ ކައިވެނި ކުރީ 2005 ގައެވެ. އިނގިރޭސި ވިލާތުގެ ނޫހަކަށް ދީފައިވާ އިންޓަވިއު އެއްގައި ޕޮމްފްރީ ބުނީ މީހުން ހީކުރާނީ އޭނާއަށް ހުރިހާ ކަމެއް ވެސް އެނގޭނެ ހެން ކަމަށެވެ. އަދި ހުރިހާ ފައިސާއަށް ހެދި ގޮތެއް ވެސް އޭނާއަށް އެނގޭނެ ކަމަށެވެ. ޕޮމްފްރީ ބުނީ އޭނާގެ އަންހެނުންނާ ހެދި ދިރިއުޅުން މުޅިން ހަލާކުވެއްޖެ ކަމަށެވެ.
"އޭނާ އަހަންނަށް ވެސް ހެދީ ދޮގު. އޭނަ ބުނި އޭނާއަކީ މިލިއަނަރަކޭ،" ޕޮމްފްރީ ބުންޏެވެ.
އޭނާ ލޯ އަނދިރި ނޫންކަމުގެ ހެއްކާއެކު ފުލުހުން އައިސް ސުވާލު ކުރުމުން ކްރިސްޓިއާނާ ބުނީ އެންމެ ފަހުން އޭނާ ކުރާ ކަންތައް ފަޅާ އެރީމަ ވަރަށް ހިތްހަމަޖެހިއްޖެ ކަމަށާއި ލިބުނު ހުރިހާ ފައިސާ ބޭނުން ޖެހިފައިވާ ނިކަމެތިންނަށް ހަދިޔާ ކޮށްފައިވާ ކަމަށެވެ.
ނަމަވެސް ޗުއްޓީއަށް ތަންތަނަށް ގޮސްލުމަށާއި ކޮސްމެޓިކް ޓްރީޓްމަންޓަށް އަދި އަގުބޮޑު އަންނައުނު ގަތުމަށް ގިނަ އަދަދެއްގެ ފައިސާ ޚަރަދުކުރި ކަމަށް ވެސް ކްރިސްޓިއާނާ ވަނީ އެއްބަސްވެފަ އެވެ.
ކްރިސްޓިއާނާއަށް ހުކުމް އިއްވަމުން ފަނޑިޔާރު ވިދާޅުވީ 15 އަހަރު ވަންދެން މަކަރު ހަދާ އޮޅުވާލައިގެން އޭނާ ހޯދާފައިވާ އެއް މިލިއަން ޕައުންޑަކީ ރައްޔިތުންގެ ފައިސާ ކަމަށާއި އެ ފައިސާ ދައުލަތުގައި ހުރި ނަމަ އޭގެން ސްކޫލްތައް ބިނާ ކުރުން ފަދަ ކަންތައްތަކަށް ހޭދަ ކުރެވުނީސް ކަމަށެވެ.
މި މީހާއަކީ ކުޑައިރު ލިބުނު ޖިސްމާނީ އަނިޔާތަކެއްގެ ސަބަބުން ވަރަށް ބޮޑަށް ނަފްސާނީ މައްސަލަތަކެއް ދިމާވެފައިވާ މީހެއް ކަމަށް މި މީހާގެ ވަކީލު ކޯޓުގައި ބުނެފައި ވެއެވެ.
ކްރިސްޓިއާނާ އާއެކު އޭނާގެ އަންހެންދަރިފުޅު އައިމީ ބްރައުން ވެސް މިމައްސަލައިގައި ބެދި އޭނާއަށް 18 މަސް ދުވަހުގެ ޖަލު ހުކުމެއް އައިސްފައި ވެއެވެ. އެއީ މަންމަ ފައިސާ ހޯދި ގޮތެއް ނޭނގި އެކަމާ އަޅާ ނުލައި އެ ފައިސާގެ ބޭނުން ކޮށް މަނީ ލޯންޑްރިންގެ ކުށް ސާބިތުވެގެންނެވެ.