(ނުވަވަނަ ބައި)
"ވަރަށް ބަނޑުހައި ވެއްޖެ." ފާޚާނާއިން ނުކުތް އިރަށް ފިނާގެ ޝަކުވާކުރާ ރާގުގައި ބުނެލިއެވެ.
އަވަސް އަވަސްކޮށްލައިގެން ރެސްޓޯރެންޓަށް ދިޔުމަށް ދެމީހުން އެކުގައި ނުކުތީމެވެ. މުޅިތަނަށް ވެރިވެފައި ވަނީ ހަލަބޮލިކަމެވެ. އަހަންނަށް ހުރެވުނީ ބަލާށެވެ. އަހަރުމެން ނޫނީ ދިވެއްސަކު އެތަނުން ނުފެނެއެވެ. މުޅީން ވެސް ފެނުނީ ބޭރު މީހުންނެވެ. ދޮން ނަސްލުގެ މީހުންނެވެ.
"ހިނގައިބަލަ ކުޑަކޮށް ބޭރު ވެސް ބަލައިލަން." ހުސްތަށި މޭޒު މަތީގައި ބަހައްޓަމުން ފިނާ ބުނެލިއެވެ.
"ހަވީރު ތުނޑިއަށް ދާން ރާވައިގެން މި ހުންނަނީ. ސިރާޖު ވެސް ގުޅައިފަ އެހެން ބުނެފަ އޮތީ." ފެން ހުރިތަށި މޭޒު މަތީ ބަހައްޓާލަމުން އަހަރެން ބުނެލީމެވެ.
"އެހެންވިޔަސް، ހިނގައިބަލަ މި ސަރަހައްދު ބަލައިލަން. ރަށުތެރެ އެކްސްޕްލޯރ ކޮށްލަން." ފިނާ ލަފާދިނެވެ.
"ތި ރަނގަޅު ހިޔާލެއް."
އަވި އައިނު ލޮލަށް ހެޔޮކޮށްލަމުން ދެމީހުން ވެސް ނުކުތީ ބޭރަށެވެ. ބޭރަށް ނުކުމެ މަގުގެ ދެކޮޅަށް ބަލައިލީމެވެ. ދުރުން ފެންނަން އޮތީ ފެންގަނޑެކެވެ.
"ތަރައްގީކޮށްލެވޭނެ ބޮޑު ރަށެއް. އެކަމަކު ތަރައްގީގެ ކުލަވަރު ފެންނަނީ ކުޑަކޮށް. އާބާދީ ވެސް ބޮޑުރަށެއް. ވިޔަފާރިތައް ވެސް ހިންގޭނެ. އެވަރުގެ ކެޕޭސިޓީ މިރަށު މީހުންގެ ހުންނާނެ،" ފިނާ އަހަރެންގެ މުލައްދަނޑީގައި އަތްއަޅުވާލަމުން ބުނެލިއެވެ. "މިހާރު މިއޮތް ވަރަށް ވުރެ މިރަށް ތަރައްގީ ކޮށްލާނެ ވަރުގެ ބަޔަކު އުފެދިއްޖެ ނަމަ މި ވާނެ ނަމޫނާ ސިޓީއަކަށް."
"ފިނާ ދެން މިރަށަށް އަންނަންވީނު، ތަރައްގީގެ މަޝްރޫއުތައް ހިންގައިދޭން." ދިމާކޮށްލުމުގެ ރާގުގައި އަހަރެން ބުނެލީމެވެ.
ދެމީހުން ހިނގަމުން ދިޔައީ ވަކި މަންޒިލެއް ނެތިއެވެ. ކުޑަކޮށް ރަށުތެރެ ބަލައިލާ، ރަށުގެ ހާލަތު ދެނެގަތުމުގެ ބޭނުމުގައެވެ.
"ހިނގައިބަލަ އެ އުނދޯލިތަކުގައި އިށީނދެލަން." ގަހެއްގައި އެލުވާފައިވާ ހެއްލާ އުނދޯލިތަކެއް ދައްކާލަމުން ފިނާ ބުނެލިއެވެ.
"ރަނގަޅުވާނެތަ؟ ބީރައްޓެހި ރަށްރަށުގައި އުޅޭ އިރު ވަރަށް ބަލަންވާނެ. ރަށު މީހުން ހިތްހަމަ ނުޖެހޭ ކަމެއް ވެއްޖެނަމަ ވަރަށް ގޯސްވާނެ. އަހަރުމެންނަކަށް ނޭނގެ މި ކޮން ކަހަލަ ރަށެއް ކަމެއް ވެސް،" އެ ދިމާއަށް މިސްރާބު ޖަހަމުން އަހަރެން ބުނެލީމެވެ. "އިވިފަ އޮތް ގޮތުން މި ރަށުގައި ވެސް އަރިއަށް ހިނގާ ކުދިން ވަރަށް ގިނަކަމަށްވަނީ."
"އުނދޯލި ހުންނާނީ އިށީންނާކަށް ނޫންތަ؟" ހީލަމުން ފިނާ ބުނެލިއެވެ. "އެ ހީވަނީ އާއްމުންނަށް ހުޅުވާލައިފަ ހުރިތަނެއްހެން. މައިޒާނެއް ގޮތަކަށްނު އެތަން ހަދައިފަ އެ ހުރީ ވެސް. މިހާރު ބޯ ފިހޭ ވަރުވެއްޖެ."
"ތި އެއްކަލަ. ދެތިން ފިޔަވަޅު އަޅާއިރަށް ބޯ ފިހެންޏާ ކިހިނެއް މިއޮށް ބޮޑު ރަށް އެކްސްޕްލޯ ކުރާނީ؟" މަޖާ ރާގެއްގައި އަހަރެން ބުނެލީމެވެ.
ފިނާއާއެކު އަހަރެން ވެސް އުނދޯލިތަކާ ހަމައަށް ގޮސް ފުން ނޭވާއެއް ދޫކޮށްލީމެވެ. އުނދޯލީގައި އޮށޯވެލަމުން ލޮލުގައި އޮތް އައިނު ނަގައި ބޮލަށް ހެޔޮކޮށްލަމުން ފުން ނޭވާއެއް ދޫކޮށްލިއެވެ.
"މީ ރަށްފުށުގެ އަރާމު ކަމަކީ. އަމާންވެފައި ހިތްހަމަ ޖެހޭ ތަންތަން ހުންނާތީ. މިހެން ބުނާއިރަށް އެންމެ ފުރަތަމަ ހިތަށް ވަންނާނީ މާލެއަކީ ކެޕިޓަލް ސިޓީއޭ. ކެޕިޓަލް ސިޓީ ޖެހޭނޭ ހަލަބޮލިވެފަ ބާރު ބޮޑުވާން،" ފިނާ ބަލައިލީ ސީދާ އަހަންނާ ދިމާއަށެވެ. "މަށަށް އެނގޭ ޝަރީ އެހެން ބުނާނެކަން އެހެންވެ ކުރިން މި ބުނެލީ."
ފިނާ ހޭންފެށިއެވެ. އަހަރެން ގާތަށް ވެސް ހިނިއައެވެ. ފިނާގެ ރާގު ހުރިގޮތުންނެވެ.
"ދޭބަލަ ފެން ފުޅިއެއް ހިފައިގެން އަންނަން. އަހަންނަށް ހީވަނީ ކުރިމަތީ ހުރި ފިހާރައިން ފެން ލިބޭނެހެން." ފިނާ އިނގިލި ދިއްކޮށްލީ މަގުގެ އަނެއް ފަރާތުގައި ތަންކޮޅެއް ދުރުގައި ހުރި ފިހާރައަކަށެވެ.
"އޯކޭ. އެބަ އަންނަންނަން. އެއްވެސް ތަނަކަށް ނުދައްޗެ." އަހަރެން ތެދުވެ ހިނގައިގަތީމެވެ.
މަގު ހުރަސްކޮށްލުމަށްފަހު ފިނާއާ ދިމާއަށް ބަލައިލީމެވެ. ބަދަލުގައި ފިނާ ހިނިތުންވެލިއެވެ. އަހަރެން ވެސް ލުއި ގޮތަކަށް ހިނިތުންވެލަމުން ހިނގައިގަތީމެވެ. ފިހާރައަށް ގޮސް ދެ މައިލޯ ޕެކެޓާއި ދެ ޗޮކުލެޓާއި ފެންފުޅިއެއް ހިފައިގެން ނުކުމެ ބަލައިލީ ފިނާ ކޮބައިތޯއެވެ.
އަހަންނަށް ލިބުނީ ހައިރާން ކަމެކެވެ. އުނދޯލީގައި ފިނާ ނެތުމުންނެވެ. އޭނާ އޮތް އުނދޯލި ހެއްލިލަ ހެއްލިލާ ހުއްޓެވެ. ދެފިޔަވަޅު އެއްކުރަމުން ވަށައިގެން ކަޅި އުކަމުން އަހަރެން ހިނގަން ފެށީމެވެ. އޭރު ހިތުގައި ސުވާލުތަކާއި ޝަކުވާތައް މަތިމައްޗަށް އަރައި ފައިބަމުން ދިޔައެވެ.
އުނދޯލިތަކާ ހަމައަށް ގޮސް ވަށައިގެން ހޯދައިލީމެވެ. ކޮންމެވެސް މީހެއްގެ އަޑު ފަނޑު ގޮތަކަށް އިވޭހެން ހީވުމުން އަހަރެން ވަށައިގެން ބަލައިލީމެވެ. ލޮލުގައި އަޅައިގަތީ ފިނާއެވެ. ފިނާގެ އަތުގައި ހިފައިގެން އަންހެނަކު ހުރި ތަން ފެނުނެވެ. އަހަންނަށް ފެނުނީ އެމީހުންގެ ފުރަގަހުންނެވެ. ކަޅުކުލައިގެ ގަޔަށްދޫ ހެދުމެއް ލައިގެން ހުރި އެމީހާގެ އިސްތަށިގަނޑު އޮތީ ދޫކޮށްލައިފައެއެވެ. އިސްތަށިގަނޑު ހުރީ ބޮލުގެ ދެފަރާތުން ފުއްޕާލައިފައެވެ. އެމީހާ ހިނގަމުން ދިޔައީ ފާޑެއްގެ ވާހަކައެއް ދައްކަމުންނެވެ. ފިނާ ވެސް މަޑުމަޑުން އޭނާއާ އެކު ހިނގަމުން ދިޔައެވެ.
ދުވެފައިވާ ކަހަލަ ގޮތަކަށް އަހަރެން ދިޔައީމެވެ. ފިނާމެންނާ ހަމައަށް ދެވުމުން ހިނގުން މަޑުކޮށްލީމެވެ. އެމީހާ ދައްކާ ވާހަކަ ސާފުވާތީ އަޑުއަހައިލާށެވެ.
"އެއީ ވަރަށް ނާމާން ގެއެއް؟ ބިރުވެރި ގެއެއް. ކޮއްކޮމެން އެތަނުން ސަލާމަތްވެގެން އަވަހަށް ދާން އުޅޭ. އެހެންނޫނީ ކޮއްކޮގެ ދުވަސް ދުއްވާލާނެ. އަހަރެން މިދައްކަނީ ރަނގަޅު ވާހަކައެއް. އެކަމަކު މިރަށު މީހުން އެކަމެއް ގަބޫލެއް ނުކުރާނެ. އެމީހުން ހީކުރަނީ އަހަންނަކީ މޮޔައެއް ކަމަށް. ބުއްދި ހަމަ ނުޖެހޭ މީހެއް ކަމަށް." އެ އަންހެން މީހާ ވާހަކަދައްކަމުން ދިޔައީ ބަރު އަޑަކުންނެވެ.
އޭނާގެ ރާގު ހުރި ގޮތުން ބައެއް ޖުމުލަތައް ސާފު ނުވިނަމަވެސް އޭނާ ބުނާ ހުރިހާ ވާހަކައެއް އަހަންނަށް ދޭހަވަމުން ދިޔައެވެ. ފިނާ ވެސް އޭނާގެ ވާހަކަތައް އަޑުއަހަން ހުރީއެވެ.
"އެމީހުން އަހަންނަށް ކިޔާނީ ސައިކޯ އާންޓީ. އެކަމަކު އަހަންނަކީ ސައިކޯ މީހެއް ނޫން. އަހަންނަކީ އާންޓީއެއް ވެސް ނޫން. އާތިފާ ކިޔާތީ އާންޓީ ކިޔަނީ،" އާތިފާ ހުއްޓުނެވެ. "ކާކު؟"
އާތިފާ ބަލައިލީ ފަހަތަށެވެ. އޭނާގެ ފަހަތުން އަހަރެން ހިނގަމުން ދިޔަކަން އެނގުމުންނެވެ. ފިނާ ވެސް ފަސްއެނބުރި ބަލައިލިއެވެ. ފިނާ ލުއިގޮތަކަށް ހިނިތުންވެލިއެވެ. އޭނާގެ ލޮލާއި މޫނުމަތިން ދެތިން ވާހަކައެއް ބުނެލިއެވެ. އަހަންނަށް އެކަން ދޭހަވިއެވެ.
އަހަންނަށް ބަލައިލެވުނީ އާތިފާގެ މޫނަށެވެ. އޭނާގެ މޫނުމަތި ފެންނަނީ ބިރުވެރި ގޮތަކަށެވެ. ދެފަރާތުން ފުއްޕާލައިފައިވާ އިސްތަށިގަނޑުގެ ސަބަބުން މޫނުމަތި އިތުރަށް ބިރުވެރިކަމަށް ދައްކައެވެ. އިސްތަށިގަނޑު ކަންފަތުގައި އަޅުވާލާފައިވާ ގޮތުން ވައްތަރު ވަނީ ކުޑަކުދިންގެ ކާޓޫނެއްގައި އުޅޭ ކެރެކުޓަރަކާއެވެ. ވަރުގަދަ ދެ ބުމައިގެ ބޭރާއެކު ފަވާފައި ހުރުމުން އިތުރަށް ބުމަ ފަލަކަމަށް ފެނެއެވެ. ލޮލުގައި އަނދުން އަޅައިފައި ހުރުމުން ރީތިގޮތެއް ހުރި ނަމަވެސް އަހަންނަށް އޭނާ ސިފަވީ ހުތުރު ގޮތަކަށެވެ. އާތިފާގެ ތުންފަތުގައި ޖައްސާފައި ހުރި ކެއްކިރަތްކުލައިގެ ސަބަބުން އޭނާގެ ތުންފަތް ކަޅުކަމަށް ދައްކައެވެ. ދެ ތުންފަތް އުފުލިފައިވާ ހެންވެސް ހީވިއެވެ.
އަހަންނަށް ބަލައިލެވުނީ އޭނާގެ އަތަށެވެ. ދެއަތް ފުރެންދެން އަޅައިފައި ހުރީ ރަން ތަނޑިތަކެކެވެ. ކަރުގައި ވެސް ވަރުގަދަ ދެ ރަންފަށް އޮތެވެ.
"ކޮންތާކަށް ތި ގެންދަނީ؟" އަހަރެން ލަސްލަހުން ބުނެލީމެވެ.
ފިނާގެ މޫނަށް ބަލަން ހުރެއެވެ. އާތިފާ ހިތްހަމަ ނުޖެހިގެން ބަލައިލިއެވެ.
"ޝަރީފު ވެސް މިކަމުން ސަލާމަތްވާން ބޭނުން ނަމަ އަހަރެން ދައްކާ ވާހަކަތައް އަޑުއަހާ." އާތިފާ ވާހަކަދައްކަން ފެށީ ސީދާ އަހަރެންގެ ނަމުންނެވެ.
އޭނާ ޝަހާދަތް އިނގިލި ހިއްލައިލަމުން އަހަރެންގެ މޫނަށް ނު ގޮތަކަށް ބަލައިލިއެވެ. އަދި ދެ ލޮލަށް ފާޑެއްގެ ގޮތެއް ހަދައިލަމުން ނޭފަތް އޫކޮށްލިއެވެ.
"ނުވާނެ ސަލާމަތެއް. މިހާރު ވެސް މާ ލަސްވެއްޖެ." މޫނަށް ދެތިން ރޫއަރުވާލަމުން އާތިފާ އިންޒާރު ދިނެވެ.
ފިނާގެ އަތުން އާތިފާ ދޫކޮށްލިއެވެ. އޭނާ ހިނގައިގަތީ އަހަންނާ ދިމާއަށެވެ. އަހަރެން މޭ ތެޅިގަތެވެ. އަހަންނަށް އާތިފާ ސިފަކުރެވެނީ ބިރުވެރި މީހެއްގެ ގޮތުގައެވެ. އޭނާ ލައިފައި ހުރި ގަޔަށް ދޫ ހެދުމުގެ ސަބަބުން އޭނާ ފެންނަނީ ބިޔަ މީހެއްގެ ގޮތުގައެވެ.
"ޝަރީފަށް އެނގޭނެ މި ދައްކަނީ ކޮން ވާހަކައެއްކަން. ޝަރީފަށް ވިސްނޭނެ މި ކިޔަނީ ކީކޭކަން،" އާތިފާ އަހަރެންގެ ކުރިމަތީ ހުއްޓިލިއެވެ. "އޭނާ ރޭގަ ޝަރީފަށް ފެނުނެއްނު ދޯ."
މޫނާއި ދެ ލޮލަށް ރޫތަކެއް އަރުވާލަމުން ފިނާ އަހަންނާ ދިމާއަށް ޖެހިލިއެވެ. އަތުގައި އޮތް ކޮތަޅު ފިނާއަށް ދިއްކޮށްލީމެވެ.
"ކިހިނެއް އަހަރެން ނަން އެނގުނީ؟" އަހަންނަށް ކޮށްލެވުނީ ސުވާލެކެވެ.
"ޝޫޝް." އާތިފާ ޝަހާދަތް އިނގިލި ނަގައި އޭނާގެ ނޭފަތުގައި ޖައްސާލިއެވެ. ފިނާ ބޯހޫރައިލިއެވެ. އާތިފާއަށް އަހަރެންގެ ނަން ބުނެ ނުދޭ ކަން ފިނާގެ ހަރަކާތުން އަންގައިލުމަށެވެ.
"ދެން ކިހިނެއް އަހަރުމެން ގޮތް އެނގުނީ؟" އަނެއްކާ ވެސް އަހަރެން ސުވާލުކޮށްލީމެވެ.
"އަހަރެން ވަރަށް އިރު ވެއްޖެ ކަލޭމެން ޚަބަރެއް ލިބޭތޯ ހުންނަތާ. ފަތިހުން ސުރެ އިންތިޒާރު ކުރަނީ. ކަލޭމެން ބޭރަށް ނުކުމޭތޯ. ވަރަށް ބަލައިފިން. އެއްފަހަރު އެ ތަނަށް ވަދެފިން. އެކަމަކު އެމީހުން އަހަރެން ބޭރުކޮށްލީ. މިކަމާ ވިސްނާވިސްނާ އަހަންނަށް ރޭ ނުވެސް ނިދޭ." އާތިފާ ވާހަކަދެއްކީ ވައި އަޑުންނެވެ.
"ކޮން ކަމެއް؟ ކޮން ކަމެއް އެނގެނީ؟ ތި ކާކު؟" ހިތުގައި އުތުރި އަރަމުން ދިޔަ ސުވާލުތައް ފަތިފައްޗަށް އަމުނައިލީމެވެ.
"މާ ވާހަކަ ގިނަ ނުކުރޭ. މާ ގިނަ ސުވާލު ނުކުރޭ. ސުވާލު ގިނަ ކުރީމަ ގެއްލުން ވާނީ ކަލޭއަށް. ކަލޭމެން ދެމީހުންނަށް. އަހަރެން މިއުޅެނީ ކަލޭމެން ސަލާމަތްކޮށްދޭން. ކަލޭމެންނަށް ހަގީގަތް ބުނެދޭން. ކަލޭމެންނަށް ގެއްލުމެއް ލިބިދާނެތީ." އާތިފާ އަހަރެންގެ އަތުގައި ހިފިއެވެ.
އަތްފޮޅުވާލަންވީއޭ ވެސް ހިތަށް އެރިއެވެ. ދެވަނަ ސިކުންތުގައި އަހަންނަށް ބަލައިލެވުނީ ފިނާއަށެވެ. ފިނާގެ މޫނަށެވެ. އޭނާ މަޑުމަޑުން ބޯ ހަރަކާތްކޮށްލިއެވެ. އާތިފާ ދައްކާ ވާހަކައަޑު އަހައިލުމަކުން ގޯހެއް ނެތޭ ބުނާފަދަ މޭރުމަކުން އަހަންނާ ދިމާ ބަލައި ވެސް ލިއެވެ.
"އާދެބަލަ އެ ޖޯލީގައި އިށީނދެލަން." ތަންކޮޅެއް ދުރުގައި ހުރި މައިޒާނެއް ދެއްކުމަށްފަހު އާތިފާ ބުނެލިއެވެ.
ބަރު ފިޔަވަޅުތަކެއް އަޅަމުން އާތިފާއާއެކު އަހަރުމެން ދެމީހުން ހިނގައިގަތީމެވެ. އާތިފާ ހުރީ އަހަރެންގެ އަތުގައި ހިފައިގެންނެވެ. އަތްފޮޅުވާލަން އަހަރެން ބޭނުންވި ނަމަވެސް އެކަން ކުރާކަށް ނުކެރުނެވެ. މައިޒާނަށް ދެވުމުން އަހަންނާ ފިނާ އިށީނީ ޖޯލީގައެވެ. އާތިފާ ހުރީ ކޮޅަށެވެ. އަހަރުމެން ކުރިމަތީގައެވެ.
"ރޭގަ އޭނާ ފެނުނުތަ؟" އާތިފާ ބަލައިލީ ފިނާގެ މޫނަށެވެ.
"ކާކު؟" ފިނާ މަޑުމަޑުން ބުނެލިއެވެ.
"އެއްވެސް އިތުރު މީހަކު ފެނުނުހޭ؟" އާތިފާ އަޑު ބަރުވިއެވެ.
"އުހުނ." ފިނާ ބޯހޫރައިލިއެވެ.
"ފެންނާނެ. ދޮގު ހަދަނީތި. ކަލޭމެން ގާތަށް އޭނާ ދިޔަ. އަހަންނަށް އެކަން އެނގޭ. އޭނާ ބޭނުން ކަންތައް ކޮށްފަ ދިޔައީ ވެސް." އާތިފާގެ އަތުގެ އިނގިލިތަކަށް ފާޑެއްގެ ވައްތަރެއް ޖައްސަމުން ބަރުއަޑަކުން ބުނެލިއެވެ.
"ކާކު؟ ކޮންކަމެއް؟" އަހަރެން ވެސް ސުވާލުކޮށްލީމެވެ.
"އަހަންނަށް އެނގުނު. އޭނާ ދިޔަކަން. އަހަންނަށް އަޑު ވެސް އިވުނު. އޭނާ ދެއްކި ވާހަކަތައް. އަހަންނަށް ނޭނގުނު އުޅެވުނު ގޮތް ވެސް. އޭނާ އުޅުނު ގޮތުން. އެ ހިތެއް އޮތް މީހެއް ވެސް ނޫން. އެހެން ނޫން ނަމަ ކަލޭމެންނަށް އޭނާ އެހެން ނުހެދީސް." އާތިފާ ހިންދިރުވާލިއެވެ.
(ނުނިމޭ)