ދުނިޔެ

ރަޝިއާގެ ހަމަލާތަކުން އައިއެސް ދަނީ ވަރުގަދަވަމުން: އޮބާމާ

Oct 3, 2015

ރަޝިއާގެ ވައިގެ ހަމަލާތައް އަމާޒުކުރަމުން ދަނީ އައިއެސްއާ ދެކޮޅު އަދި ބައްޝާރުގެ ސަރުކާރާ ވެސް ދެކޮޅު ސިޔާސީ ހަނގުރާމަވެރިންނަށް ކަމަށް އެމެރިކާ އިން ބުނަމުން ދިޔަޔަސް ރަޝިއާ އިން ބުނަނީ މިހާތަނަށް އެމީހުންގެ ހަމަލާތަކުގައި އައިއެސްގެ ގިނަ ހަނގުރާމަވެރިންތަކެއް މަރާލާފައިވާނެ ކަމަށެވެ.

ނަމަވެސް ބައްޝާރާ ދެކޮޅު ސިޔާސީ ހަނގުރާމަވެރިން ވެސް ބުނަމުން ދަނީ ރަޝިއާގެ ހަމަލާތައް އަމާޒުކުރަމުން ދަނީ އެމީހުންނަށް ކަމަށާއި އައިއެސް އަށް ރަޝިއާގެ އެއްވެސް ނުރައްކަލެއް ނެތް ކަމަށެވެ. އެކަމަކު ރަޝިއާ އިން ބުނެފައި ވަނީ އައިއެސްގެ ކޮމާންޑް ސެންޓަރުތަކާއި ހަތިޔާރު ގުދަންތަކާއި އަސްކަރީ އުޅަނދުތަކެއް ވެސް މިހާތަނަށް ހަލާކުކޮށްލާފައިވާ ކަމަށެވެ.

އެގޮތުން ރަޝިއާ އިން މިހާތަނަށް ހަމަލާ ދީފައި ވަނީ ވެސް އައިއެސްގެ ބާރުގަދަ ރައްގާ އާއި ހަލަބް އަދި ހަމަ އާއި އިދްލިބް ޕްރޮވިންސަށް ކަމަށް ވެސް ބުނެފައިވެ އެވެ.

ނަމަވެސް ރަޝިއާގެ މި ވާހަކަތަކަށް ބީރު ކަންފަތެއް ދީގެން އެމެރިކާ އިން ބުނަމުން ދަނީ މައްސަލައަކީ ބައްޝާރު ކަމަށާއި ހުއްޓުވަން ޖެހޭ މީހަކީ އޭނާ ކަމަށެވެ.

ބައްޝާރާ ދެކޮޅަށް ހަތިޔާރު ނަގާފައިވާ އެންމެން ޓެރަރިސްޓުންގެ ގޮތުގައި ސިފަނުކުރެވޭނެ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވަމުން އޮބާމާ ވިދާޅުވެފައި ވަނީ މައްސަލައަކީ ބައްޝާރުގެ ސަރުކާރުން ހިންގަމުން ގެންދާ ލާއިންސާނީ ޖަރީމާތައް ކަމަށާއި ބައްޝާރާ ދެކޮޅު އެއްވެސް ބަޔަކަށް ހަމަލާދީ ގެއްލުން ދީގެން ނުވާނެ ކަމަށެވެ.

މި މޭރުމުން ވާހަކަ ދައްކަވަމުން އޮބާމާ ވިދާޅުވީ ބައްޝާރާ ދެކޮޅަށް ހަތިޔާރު ނަގާފައިވާ ސިޔާސީ ފިކުރުގެ މީހުން ވެސް ރަޝިއާ އިން ސިފަކުރަނީ ޓެރަރިސްޓުންގެ ގޮތުގައި ކަމަށެވެ.