ހަބަރު

ސީއެސްސީގެ މެންބަރު ޒަކަރިއްޔާ ވެސް އިސްތިއުފާ ދެއްވައިފި

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މެންބަރު ޒަކަރިއްޔާ ހުސައިން ވެސް އެ ކޮމިޝަނުން އިސްތިއުފާ ދެއްވައިފި އެވެ.

ސީއެސްސީގެ މެންބަރު ޒަކަރިއްޔާ ހުސައިން މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ، ކޮމިޝަންގެ ރައީސް ކަމުގައި ހުންނެވި ޑރ. އަލީ ޝަމީމް ވެސް މަގާމުން އިސްތިއުފާ ދެއްވާފައިވަނިކޮށެވެ. މި ދެ ބޭފުޅުން ވެސް ކޮމިޝަނުން އިސްތިއުފާ ދެއްވަފައި ވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދެ މެންބަރުން ވަކިކުރަން އެޖެންޑާ ކޮށްފައިވަނިކޮށެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ކޮމިޝަންގެ މެންބަރު ކަމުން ޑރ. އަލީ ޝަމީމް އާއި ޒަކަރިއްޔާ ހުސައިން މަގާމުން އިސްތިއުފާ ދެއްވަމުން އެ ދެ ބޭފުޅުން ވަކިކުރަން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވޯޓަކަށް ނާހާނެ ކަމަށެވެ.

އަލީ ޝަމީމާއި ޒަކަރިއްޔާ ހުސައިންގެ އިތުރުން ކޮމިޝަންގެ ނައިބު ރައީސް މުހައްމަދު ޝަހީދު އާއި، މެންބަރު އިބްރާހިމް ޝަހީގް ވެސް ކޮމިޝަންގެ މަގާމުން ވަކިކުރަން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމައި މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވެ އެވެ.

ސީއެސްސީން އިސްތިއުފާ ދެއްވި އަލީ ޝަމީމް އެ ކޮމިޝަނަށް އައްޔަން ކުރެއްވީ އޮގަސްޓް 18، 2015 ގަ އެވެ. ކޮމިޝަންގެ މެންބަރު ކަމުން އިސްތިއުފާ ދެއްވި ޒަކަރިއްޔާ އެ ކޮމިޝަނަށް ވެސް އައްޔަން ކުރެއްވީ އޮގަސްޓް 18، 2015 އެވެ.

ސީއެސްސީގައި ދެން އިންނަވާނީ މެންބަރު ފާތިމަތު އާމިރާ އެކަންޏެވެ. އާމިރާ ވަކި ކުރަން ވެސް ކޮމިޓީގައި ވޯޓަށް އެހި އެވެ. ނަމަވެސް ވޯޓު ދެއްވި ނުވަ މެންބަރުންގެ ތެރެއިން ފަސް މެންބަރުންގެ އަޣުލަބިއްޔަތުން ފާސްވީ އާމިރާ ވަކި ނުކުރުމަށެވެ.

އާމިރާއަކީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގައްރިރު އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްގެ ބޮޑު ދައިތަ އެވެ. އާމިރާގެ މައްސަލަ ކޮމިޓީން ދިރާސާ ކުރިއިރު ރޮޒައިނާ ކޮމިޓީގައި ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ. ކޮމިޓީގެ ރިޔާސަތުގައި ވެސް އިންނެވީ ނައިބު މުގައްރިރު، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމެވެ.