ހަބަރު

ޝަހީދު އިސްތިއުފާ ދެއްވައިފި، ޝަހީގް ވަކިކުރަން ފާސްކޮށްފި

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ނައިބު ރައީސް ޝަހީދު މުހައްމަދު ވެސް އެ ކޮމިޝަނުން އިސްތިއުފާ ދެއްވައިފި އެވެ. އަދި ސީއެސްސީގެ މެންބަރު ކަމުން އިބްރާހިމް ޝަހީގް ވަކިކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ސީއެސްސީގެ ނައިބު ރައީސް ކަމުގައި ހުންނެވި ޝަހީދު ކޮމިޝަނުން އިސްތިއުފާ ދެއްވިއިރު، އެ ކޮމިޝަންގެ ރައީސް ކަމުގައި ހުންނެވި ޑރ. އަލީ ޝަމީމް އާއި މެންބަރު ކަމުގައި ހުންނެވި ޒަކަރިއްޔާ ހުސައިން ވެސް ވަނީ އެ ކޮމިޝަނުން މިއަދު އިސްތިއުފާ ދެއްވައިފަ އެވެ.

ސީއެސްސީން މި ތިން ބޭފުޅުން ކޮމިޝަނުން އިސްތިއުފާ ދެއްވާފައި މިވަނީ، ތިން ބޭފުޅުން ކޮމިޝަންގެ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެޖެންޑާ ކޮށްފައިވަނިކޮށެވެ. ތިން ބޭފުޅުންގެ އިތުރުން މެންބަރު އިބްރާހިމް ޝަހީގް ވެސް ވަކިކުރަން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމައި ތަޅުމަށް ފޮނުވި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސީއެސްސީގެ މެންބަރު ޝަހީޤް ވަކިކުރަން ފާސްކުރީ 48 މެންބަރުންގެ ވޯޓުންނެވެ. ޝަހީގް ވަކިކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.

ކޮމިޝަންގެ ނައިބު ރައީސް ކަމުގައި ހުންނެވި ޝަހީދު އެ ކޮމިޝަނަށް އައްޔަންކުރީ، ނޮވެމްބަރު 29، 2015 ގަ އެވެ. ކޮމިޝަންގެ ނައިބު ރައީސް ކަމަށް ހަމަޖެއްސީ އޮކްޓޯބަރު 10، 2017 ގަ އެވެ. އޭގެ ކުރިން ހެލްތު މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލްގެ މަގާމު އޭނާ ފުރުއްވި އެވެ.

ކޮމިޝަންގެ މެންބަރު ކަމުގައި ހުންނެވި ޝަހީގް އެ ކޮމިޝަނަށް އައްޔަން ކުރީ، ފެބްރުއަރީ 20، 2017 ގަ އެވެ. އޭގެ ކުރިން ދައުލަތުގެ އިސް މަގާމެއް ފުރުއްވާފައެއް ނުވެ އެވެ. އޭނާއަކީ އެޑިއުކޭޝަނަލް މެނޭޖްމަންޓް ދާއިރާއިން މާސްޓާ ޑިގްރީ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.

ސީއެސްސީގައި ދެން އިންނަވަނީ މެންބަރު ފާތިމަތު އާމިރާ އެކަންޏެވެ. އާމިރާ ވަކިކުރަން ވެސް މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ވޯޓަށް އެހި އެވެ. ނަމަވެސް އެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ނުވަ މެންބަރުންގެ ތެރެއިން ފަސް މެންބަރުންގެ އަޣުލަބިއްޔަތުން ފާސްވީ އާމިރާ ވަކިނުކުރުމަަށެވެ.

އާމިރާއަކީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގައްރިރު، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްގެ ބޮޑު ދައިތަ އެވެ. ނަމަވެސް އާމިރާ މައްސަލަ ދިރާސާ ކުރުމުގައި ރޮޒައިނާ ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ. ރިޔާސަތުގައި ވެސް އިންނެވީ ނައިބު މުގައްރިރު، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމެވެ.