ހަބަރު

އަރަބިންނަށް ރާއްޖެ އިޝްތިހާރު ކުރުމަށް ވަރުގަދަ މަސައްކަތެއް

އަރަބި ގައުމުތަކަށް ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް އިޝްތިހާރު ކުރުމަށް ފުރަތަމަ ފަހަރަށް އަރަބި ވެބްސައިޓެއް ތައާރަފުކޮށް ސޯޝަލް މީޑިއާގެ އެކި ވަސީލަތްތައް ބޭނުންކޮށްގެން ރާއްޖެ އިޝްތިހާރު ކުރުމުގެ މަސައްކަތްތަކެއް ފެށުމަށް ތައްޔާރުވެއްޖެ އެވެ.

ރާއްޖޭގެ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިސްވެ ހުންނަވާ ފައްޓަވާ މި މަސައްކަތަކީ މާލްދީފް ގުރޫޕުން ފަށާ މަސައްކަތްތަކެކެވެ. އެގޮތުން ރާއްޖޭގެ ފުރަތަމަ އަރަބި ވެބްސައިޓާއި މާލްދީފް ގްރޫޕްގެ ސޯޝަލްމީޑިއާގެ އަރަބި ޕްލެޓްފޯމްތައް ބުދަ ދުވަހު ލޯންޗު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މާލްދީފް ގުރޫޕުން ބުނީ މިއީ ރާއްޖެއާއި ރާއްޖޭގެ ރަށްތަކުގެ ލޯކަލްޓޫރިޒަމާއި ރިޒޯޓްތަކާއި ޓޫރިޒަމް ސިނާއަތުގައި ހިމެނޭ ކަންކަން އަރަބިންނާ ހަމައަށް ގެންގޮސްދިނުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ.

"އަމާޒަކީ ގިނަ އަދަދެއްގެ އަރަބިންގެ ހިއްގައިމު މަންޒިލަކަށް ރާއްޖެ ހަދައި ރައްޔިތުންނަށް ދިމާވެފައިވާ އިގްތިސާދީ ދަތިކަމުން އަރައިގަތުމަށް އެހީވުން،" މާލްދީފް ގުރޫޕުން ބުންޏެވެ.

ދުނިޔޭގެ ހަތަރުވަނައަށް އެންމެ ގިނަ މީހުން ވާހަކަ ދައްކާއުޅޭ ބަހުރުވައަކީ އަރަބި ބަހެވެ. ފައްސަތޭކަ މިލިއަން މީހުން އަރަބިން ވާހަކަ ދައްކައެވެ. އެއްތަނުން އަނެއް ތަނަށް ދަތުރު ފަތުރު ކުރުމަކީ އަރަބީންގެ ތަބީއަތުގައި ހުންނަނަ ކަމަކެވެ. އެއީ ގަދީމީ ޒަމާނުއްސުރެ އަރަބީންގެ ފާހަގަކޮށްލެވޭ ސިފައެކެވެ.

މާލްދީފް ގުރޫޕުން ބުނީ އަރަބި ދުނިޔޭގެ އެންމެ އާދައިގެ މީހާއަށް ވެސް އޭނާގެ އަމިއްލަ ބަހުން ރާއްޖެއާއި ރާއްޖޭގެ ޓޫރިޒަމާބެހޭ މައުލޫމާތު ފަސޭހައިން ލިބޭނެ ގޮތް ވެއްޖެނަމަ ރާއްޖެއަށް އަރަބީންގެ ގިނަ އަދަދެއްގެ ޓޫރިސްޓުން އަންނާނެ ކަމަށެވެ.

"އަރަބި މުއައްރިހުންނާއި ލިއުންތެރިންގެ ނަޒަރުގައި ރާއްޖެއަކީ ދުނިޔެމަތީގެ ސުވަރުގެއެއް. ރާއްޖެ މި ވަގުތު އޮތް ހާލަތުން ރައްޔިތުންނާއި ވަޒީފާތަކުގައި އުޅުނު ގިނަ ޒުވާނުންނަށް ވަނީ އިގްތިސާދީ ދަތިތަކާ ކުރިމަތިލާންޖެހިފައި. އަދި ރަށްރަށުގެ ގެސްޓް ހައުސްތައްވެސް ވަނީ ހުއްޓިފައި. މިވަގުތު ރާއްޖެއަށްޓަކައި ކުރެވޭނެ ގައުމީ އެއް ހިދުމަތަކީ ރާއްޖެއަށް ޓުއަރިސްޓުން ގެނައުމުގެ ދައުވަތު ދުނިޔެއަށް ފެތުރުން. މިގޮތުން މެދު އިރުމަތީގެ ގައުމުތަކާއި މުޅި އަރަބި ދުނިޔެއަށް ރާއްޖޭގެ ޓޫރިޒަމް ސިނާޢަތުގައި ހިމެނޭ ކަންކަން ޕްރޮމޯޓްކޮށް މާކެޓްކުރުމަށްޓަކައި ރާއްޖޭގެ ތާރީހުގައި ވެސް މުޅިން އަލަށް، ސީދާ އަރަބި ބަހުން ފެށޭ އެންމެ ވަރުގަދަ ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކަކީ މާލްދީފް ގްރޫޕްގެ ޕްލެޓްފޯމްތައް،"

މިއީ އަރަބި ބަހުން ރާއްޖެ ޕްރޮމޯޓްކުރުމަށް މިވަރުގެ ފުޅާ މަސައްކަތެއް ފެށިގެންދާ ފުރަތަމަ ފަހަރެވެ.

މާލްދީފް ގުރޫޕުން ރާއްޖެއާއި ރާއްޖޭގެ ޓޫރިޒަމް ސިނާއަތް ޕްރޮމޯޓްކޮށް މާކެޓްކޮށްދިނުމަށް ސޯޝަލްމީޑިއާގެ ހުރިހާ ޕްލެޓްފޯމެއް ބޭނުންކުރާނެ ކަމަށާ އަދި އަރަބި ދުނިޔޭގެ އިންޓަނޭޝަނަލް ލިންކްތަކުގެ ބޭނުން ހިފާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

ރިޒޯޓްތަކާއި ގެސްޓް ހައުސްތަކާއި ރެސްޓޯރަންޓްތަކާއި ރާއްޖޭގެ ރަށްތަކާއި ރާއްޖޭގެ ހުރިހާ ކަމެއް އަރަބި ދުނިޔެއަށް ފޯރުކޮށްދިމުމުގެ މަސައްކަތް ލޯންޗްކުރެވިގެން ދާނީ އަރަބި ފޮލޯވަރުންނާއެކު ކަމަށްވެސް އެ ގުރޫޕުން ބުންޏެވެ.

ޕަބްލިކް ރިލޭޝަން ފާމް މެދުވެރިކޮށް ކަނޑައެޅިފައި އޮންނަ އުސޫލުން ޓޫރިޒަމް ސިނާއަތުގެ ހުރިހާ ފަރާތަކަށްވެސް ހިދުމަތް ލިބޭނެ ކަމަށާ ރަށްރަށުގެ ކައުންސިލްތަލާއި އަތޮޅު ކައުންސިލްތަކަށްވެސް އެރަށްތަކާއި އަތޮޅުތައް އަރަބި ދުނިޔެއަށް މާކެޓްކުރުމަށް ފުރުސަތު ދޭނެ ކަމަށް މާލްދީފް ގުރޫޕުން ބުންޏެވެ.