ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

13 ކެންޑިޑޭޓަކު ނަން ނަގައިފި، އެމްޑީޕީގެ ފަހެއް

ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމަށް ހުޅުވާލި ފުރުސަތުގައި މިހާތަނަށް 13 ކެންޑިޑޭޓަކު ނަން ނަގާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލީ ޖޫން މަހުގެ 23 ވަނަ ދުވަހުއެވެ. އެ ކޮމިޝަނުން ގެންދަނީ ކޮންމެ ހަފްތާއަކުވެސް ނަން ނަގާ ކެންޑިޑޭޓުންގެ މައުލޫމާތު ގެޒެޓް ކުރަމުންނެވެ.

ކޮމިޝަނުން ބުނީ މިއަދުގެ ނިޔަލަށް 13 ކެންޑިޑޭޓަކު ނަން ނަގާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ގިނައީ އެންމެ ބޮޑު ސިޔާސީ ޕާޓީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ. 13 ކެންޑިޑޭޓުންގެ ތެރެއިން ފަސް ކެންޑިޑޭޓުންނަކީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ. ދެން ހިމެނެނީ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓަކާއި އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރަން ފޯމް ހުށައެޅި ކެންޑިޑޭޓުންނެވެ.

މީގެ އިތުރުން އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓަކު ވަނީ މަރުވެފައެވެ. އެއީވެސް އެމްޑީޕީގެ ޓިކެޓް ލިބުނު ކެންޑިޑޭޓެވެ. މެއި މަހުގެ ކުރީކޮޅު މަރުވެފައިވަނީ ހދ. ހަނިމާދޫ ކައުންސިލް ގޮނޑިއަށް ވާދަ ކުރަން އެމްޑީޕީގެ ޓިކެޓް ލިބުނު ހުސްނުބާން އަބްދުއްރަހުމާނެވެ.

މިއަދު ނަން ނަގާފައިވާ ކެންޑިޑޭޓުންނަކީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އައްޑޫ ސިޓީ މީދޫ ދާއިރާގައި އަންހެނުންނަށް ހާއްސަ ކޮށްފައިވާ ގޮނޑިއަށް އެމްޑީޕީން ވާދަކުރަން ނިންމި އާއިޝަތު ޝޫޒާއާ ކ. ތުލުސްދޫ ކައުންސިލްގެ މެންބަރު ކަމަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރަން ނިންމި ހުސައިން އަރްޝަދުގެ އިތުރުން ހއ. އުލިގަމު ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑިއަށް އަމިއްލަ ގޮތުން ވާދަކުރާ ޖައުފަރު އަލީއާ ލ. އިސްދޫ ކައުންސިލްގެ ރައީސް ކަމަށް އަމިއްލަ ގޮތުން ވާދަކުރާ އިބްރާހީމް ހަމީދުއާ ގއ. ނިލަންދޫ ކައުންސިލްގެ މެންބަރު ކަމަށް އަމިއްލަ ގޮތުން ވާދަކުރާ ނަދީމް އަހްމަދެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ހަތަރު ކެންޑިޑޭޓަކުވެސް ވަނީ ނަން ނަގާފައެވެ.