ދުނިޔެ

މޫނު ބުރުގާ އެޅި، ހެވީމެޓަލް ގިޓަރިސްޓެއްގެ ވާހަކަ އަޑުއެހިންތަ؟

Oct 3, 2015

އޭނާގެ ނަމަކީ ޖިޒެލް މޭރީ އެވެ. އުމުރުން 42 އަހަރުގެ މި އަންހެން މީހާ އަކީ ބްރެޒިލްގެ ސައޯ ޕައުލޯ އަށް އުފަން އަންހެނެކެވެ.

ނަމަވެސް އޭނާ މަޝްހޫރީ ފުޓްބޯޅަ ކުޅުންތެރިއެއްގެ ގޮތުގައެއް ނޫނެވެ. މޫނު ބުރުގާ އަޅައިގެން ހެވީ މެޓަލް މިއުޒިކް ކުޅޭ ގިޓަރިސްޓެއްގެ ގޮތުގަ އެވެ.

އޭނާ މިހާރު މިއުޒިކް ކުޅެމުން ދަނީ "ސްޕެކްޓްރަމް" ގެ ނަން ދީގެން 2012 ވަނަ އަހަރުން ފެށިގެން ޝޯތައް ދެމުން އަންނަ ހެވީ މެޓަލް ބޭންޑަކަށެވެ. މި ބޭންޑްގެ ލީޑް ގިޓަރިސްޓެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނައިރު އޭނާގެ މި ބޭންޑުން ދަނީ އެމީހުންގެ ފުރަތަމަ އަލްބަމް ނެރުމުގެ ތައްޔާރީތައް ވެސް ވަމުންނެވެ.

"މޫނު ބުރުގާ އަޅައިގެން މިއުޒިކް ކުޅޭތީ ވަރަށް ގިނަ މީހުންނަށް ތިބެނީ ހައިރާންވެފައި،" ލުބްނާނުގެ ނައު ނިއުސް އަށް ދިން އިންޓަވިއުއެއްގައި ޖިޒެލް ބުނެފައި ވަނީ މިހެންނެވެ.

"އެކަމަކު އުޅޭ މިކަމަށް ޝައުގުވެރިވެގެން އެކަން ބަލަން ތިބޭ މީހުން ވެސް."

ނަރޯސާއެއްގެ ގޮތުގައި ބޮޑުވި ޖިޒެލް އިސްލާމް ދީން ގަބޫލުކޮށް މުސްލިމަކަށް ބަދަލުވެފައި ވަނީ 2009 ވަނަ އަހަރު އެވެ. އެއީ އޭނާގެ ބައްޕަގެ މަރަށް ފަހު އެވެ.

ޖިޒެލް ބުނެފައި ވަނީ އޭނާގެ ލައިފްސްޓައިލް ގެންގުޅޭ ގޮތަށް ބައެއް މީހުންގެ ތައުރީފު ލިބުނަސް ބުރުގާ އަޅައިގެން މިއުޒިކް ކުޅޭތީ އެކަމާ ހިތްހަމަނުޖެހޭ ބައެއް މީހުން އޭނާ އަށް މަގުމަތިން ހަމަލާދީ ބުރުގާ އަށް ދަމައި ޖެއްސުން ވެސް ކޮށްފައި އެބަހުރި ކަމަށެވެ.

"މިއުޒިކަކީ އަހަރެންގެ ހާއްސަކަންތައް. މުސްލިމަކަށްވީތީ އެކަމަށް އެޅޭ ހުރަހެއް ނެތް،" ޖިޒެލް ބުންޏެވެ.