ވިޔަފާރި

އެއާޕޯޓުން ކުއްޔަށް ދީފައިވާ ތަންތަނުގެ ކުލި ކުޑަކޮށްދީފި

Jul 17, 2020
1

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ކުއްޔަށް ދޫކޮށްފައިވާ އޮފީސްތަކާއި ކައުންޓަރުތަކުގެ ކުލި ކުޑަކޮށްދީފި އެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ދިން މި ލުޔާއެކު، އެއާޕޯޓުގައި ހިންގާ އެއާލައިން އޮފީސްތަކާއި ޓޫރިސްޓުންނަށް ހިދުމަތްދޭ ކައުންޓަރުތައް އަދި ޕެވިލިއަން ތަކުގެ ކުލިން ކުޑަވާނެ އެވެ.

އެމްއޭސީއެލް އިން ބުނީ އެއާލައިން އޮފީސްތަކާއި އެއާލައިން އިންޖިނިއަރިން އޮފީސް އަދި ގުދަނަަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަނުން މި އަހަރުގެ މާޗް މަހުން ފެށިގެން 15 ޖުލައިގެ ނިޔަލަށް ކުލި 50 ޕަސެންޓުގެ ޑިސްކައުންޓެއް ދީފައިވާ ކަމަށެވެ. އަދި އެހެނިހެން ބޭނުންތަކަށް ކުއްޔަށް ދީފައިވާ ތަންތަނާއި ޓެލެކޮމް އައުޓް ލެޓުތަކަށް މިމަހުގެ އިން 15 އިން 16 އޮކްޓޫބަރުގެ ނިޔަލަށް 25 ޕަސެންޓް ޑިސްކައުންޓް ދޭން ނިންމާފައިވާ ކަމަށެވެ.

އެމްއޭސީއެލް އިން ވަނީ މީގެ ކުރިން ވީއައިއޭއަށް ޖައްސާ ފްލައިޓް ތަކަށް ވެސް ބޮޑު ޑިސްކައުންޓެއް ދީފައިވެ އެވެ. މީގެތެރޭގައި މިމަހު ޖައްސާ އެއްވެސް ފްލައިޓްކަަށް ފީއެއް ނުނެގުން ހިމެނެ އެވެ. އަދި އަންނަ މަހުން ފެށިގެންވެސް 50 ޕަސެންޓާ 100 ޕަސެންޓުގެ ޑިސްކައުންޓެއް ދޭނެ އެވެ.