ހަބަރު

އަދީބަށް ކުރާ ހަތް ދައުވާ ބާތިލުކޮށްފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރުގެ މައްޗަށް އަލަށް އުފުލި ހަތް ދައުވާއަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފަށް ކޮށްފައިވާ ދައުވާތަކެއް ކަމަށް ކަނޑައަޅައި، އެ ދައުވާތައް ކުރިމިނަލް ކޯޓުން ބާތިލުކޮށްފި އެވެ. މި ނިންމުމާއެކު، އަދީބު ވަނީ މިނިވަންވެފަ އެވެ. އަދީބުގެ މައްޗަށް މިހާރު އެއްވެސް ޖަލު ހުކުމެއް ނެތްއިރު އޭނާ ބަންދުގައި ހުރީ އާ ދައުވާތަކުގެ ޝަރީއަތަށެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި ފަހުން އަދީބުގެ މައްޗަށް އުފުލާފައިވަނީ ވަރަށް ބޮޑެތި ސީރިއަސް ދައުވާތަކެވެ. އޭގެ ތެރޭގައި މަނީ ލޯންޑްރިން ވެސް ހިމެނެ އެވެ. މި ދައުވާތަކަކީ އަދީބާއެކު ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން އެކުލަވާލި އެއްބާރުލުންދިނުމުގެ އެއްބަސްވުމުގެ ދަށުން އުފުލި ދައުވާތަކެކެވެ. އަދި އެ އެއްބަސްވުމުގެ ދަށުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާން ކުރާ ފަދަ އިއުތިރާފު އެއްބަސްވުމެއް ހަދާފައިވެ އެވެ.

ކުރިމިނަލް ކޯޓުގައި މިއަދު ވަނީ އަދީބުގެ މައްޗަށް ކުރާ ހަތް ދައުވާގެ އިބްތިދާއީ އަޑުއެހުމެއް އޮންލައިންކޮށް ބާއްވާފަ އެވެ. އެ އަޑުއެހުމަކީ ދައުވާތަކާމެދު ޝަރީއަތުން ގޮތެއް ނިންމުމަށް ބޭއްވި އަޑުއެހުމެކެވެ. މީގެކުރީގެ އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ އިސްމާއިލް ރަޝީދު ވަނީ އެއްބަސްވުމާއި މި މައްސަލާގެ ތަހުގީގާ ގުޅޭ ގޮތުން ގިނަ ސުވާލުތަކެއް ކުރައްވާފަ އެވެ.

ސުވާލުތަކަށް ޖަވާބު ދެއްވަމުން އަދީބު ވިދާޅުވެފައިވަނީ އޭނާ އިއުތިރާފު އެއްބަސްވުމެއްގައި ސޮއި ކުރެއްވީ ބޭސްފަރުުވާއަށް ރާއްޖެއިން ބޭރަށް ދެވޭނެ ޝަރުތެއްގެ ގޮތުގައި އެކަން ކަނޑައެޅުމުން ކަމަށެވެ. ޑޮކްޓަރުން ވަނީ ބޭރަށް ދިޔުމަށް ލަފާ ދީފައި ކަމަށާއި ނަމަވެސް ބޭސްފަރުވާއަށް ދެވޭނީ އެ އެއްބަސްވުމުގައި ސޮއިކުރުމުން ކަމަށް އޭރުގެ ޕީޖީ އައިޝަތު ބިޝާމް ވިދާޅުވެފައިވާ ކަމަށެވެ. ޕީޖީގެ ވަކީލް ވިދާޅުވެފައިވަނީ އެއްބާރުލުން ދިނުމުގެ އެއްބަސްވުމުގައި އަދީބަށް ލުއިތަކެއް ދިނުމަށް ހިމެނި ކަމަށާއި އޭގައި ބޭސްފަރުވާއަށް ފޮނުވުމުން ވެސް ހިމެނީ އަދީބު ވެސް އެކަމަށް އެދޭތީ ކަމަށެވެ. އަދި އެއީ ޕީޖީއަށް ލިބިދޭ ގާނޫނީ ބާރުގެ ތެރެއިން ކޮށްފައިވާ ކަމެއް ކަމަށާއި އިއުތިރާފު އެއްބަސްވުމަކީ ގާނޫނުގައިވާ ގޮތުން ޕީޖީ އާއި ދައުވާ ލިބޭ ފަރާތް މަޝްވަރާ ކުރުމަށްފަހު ވެވޭ އެއްބަސްވުމެއް ކަމަށެވެ. އެ މަޝްވަރާ ކުރިއަށްދާން ޖެހޭ ވަކި ސީދާ ގޮތެއް ގާނޫނުގައި ނެތް ކަމަށެވެ.

މިއަދު ގާޒީ އެކަމާ ގުޅޭ ގޮތުން ގޮތެއް އިއްވުމަށް މަސައްކަތް ކުރެއްވުމުން ޕީޖީގެ ވަކީލް އެކި ފަހަރު މަތިން ފުރުސަތަކަށް އެދި، ކުރީ ދުވަހު ދެއްކެވި ވާހަކަތައް އަލުން ދެއްކެވުމަށް މަސައްކަތް ކުރެއްވި އެވެ. އެކަމަށް އަދީބުގެ ވަކީލް މަހުފޫޒު ސައީދު ވެސް އިއުތިރާޒު ކުރެއްވި އެވެ. ގާޒީ އިސްމާއިލް ރަޝީދު ވެސް ވިދާޅުވީ އެ ފުރުސަތު ދެން ދެވެން ނެތް ކަމަށާއި ޝަރީއަތުގެ ނިންމުމާމެދު ހިތްހަމަނުޖެހޭނަމަ އިސްތިއުނާފަށް ދިޔުމަކީ އޮތް މަގު ކަމަށެވެ.

ޝަރީއަތުގެ ނިންމުން އިއުލާން ކުރައްވަމުން ގާޒީ އިސްމާއިލް ރަޝީދު ވިދާޅުވީ އަދީބުގެ މައްޗަށް އާ ދައުވާތަކެއް އުފުލުމުގައި އަމަލު ކޮށްފައިވަނީ ގާނޫނު ނުދަންނަ ގޮތްތަކެއް މަތިން ކަމަށެވެ. އެކަމުގައި ހިމެނޭ ފަރާތްތައް އަމަލު ކޮށްފައިވަނީ ގާނޫނީ ނިޒާމުން ބޭރުން ކަމަށެވެ. އެހެންކަމުން އެހެން އޮތް ދައުވާތަކެއް ޝަރީއަތުގައި ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

އަދީބުގެ މައްޗަށް މީގެކުރިން އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މައްސަލައެއް ސާބިތުވި އެވެ. އެއީ މާބިންހުރާ މައްސަލަ އެވެ. އެ މައްސަލާގައި ކުރިމިނަލް ކޯޓުން އިއްވާފައި އޮތް 10 އަހަރުގެ ޖަލު ހުކުމް ބާތިލްކޮށް ހައިކޯޓުން އެންގީ މައްސަލަ އަލުން ކުރިމިނަލް ކޯޓުން ބެލުމަށެވެ. އެއީ އެ މައްސަލާގެ ތަހުގީގު ކުރިއަށް ގެންގޮސްފައިވަނީ މިނިވަންކަމާއެކު ނޫން ކަމަށް ހައިކޯޓުން ކަނޑައެޅުމަށްފަހު އެވެ. އެ މައްސަލަ ޕީޖީ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި އެވެ. ނަމަވެސް އަދީބާއެކު އެއްބާރުލުންދިނުމުގެ އެއްބަސްވުމަކަށް ގޮސް އޭގައި ޝަރުތެއްގެ ގޮތުގައި އެ މައްސަލަ ސުޕްރީމް ކޯޓުން ނެގުމަށް ޕީޖީ އެއްބަސްވެ، އެކަން އެގޮތަށް ކުރި އެވެ. އޭގެ ފަހުން ކުރިމިނަލް ކޯޓުން ވަނީ މާބިންހުރާ މައްސަލާގެ ތަހުގީގު ގޯސްކަމަށް ހައިކޯޓުން ނިންމާފައިވާތީ، އެ މައްސަލަ އަލުން ނުބެލުމަށް ނިންމާފަ އެވެ. އަދި ދެން އަދީބުގެ މައްޗަށް ހުރި ދައުވާތައް ވެސް އަނބުރާ ފޮނުވާލި އެވެ.

ދައުވާކުރީ މުއްދަތު ދިޔަ ފަހުން

ގާޒީ އިސްމާއިލް ރަޝީދު ވިދާޅުވި ގޮތުގައި، އެ މައްސަލައެއްގައި ދެ ފަހަރަށް އަދަބު ނުދިނުމަކީ ގާނޫނު އަސާސީއިން ކޮންމެ މީހެއްގެ މައްޗަށް ވެސް ކަށަވަރުކޮށްދީފައި އޮތް އަސާސީ ހައްގެކެވެ. ނަމަވެސް އެމްއެމްޕީއާރްސީ މައްސަލާގައި އަދީބުގެ މައްޗަށް ދެ ފަހަރަށް ތަހުގީގު ހިންގައި ދައުވާ ކޮށްފައިވަނީ އެ ހައްގު ގެއްލޭ ގޮތަށް، އަދުލުގެ ނިޒާމްގައި ކަށަވަރުކޮށްދީފައިވާ އެއް ކުށަކަށް ދެ އަދަބު ނުލިބުމުގެ އުސޫލާ މުޅިން ހިލާފަށް ކަމަށެވެ.

އޭގެއިތުރުން މި މައްސަލާގައި ދައުވާ އުފުލާފައިވަނީ ޖިނާއީ އިޖުރާއަތުގައި ކަނޑައަޅާފައިވާ މުއްދަތު ފަހަނަ އަޅައިދިޔަ ފަހުން ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ. ޖިނާއީ އިޖުރާއަތުގައިވާ ގޮތުން ކުށެއްގެ ތުހުމަތުގައި ބަންދުގައި ހުންނަ މީހަކަށް 30 ދުވަހުގެ ތެރޭގައި ދައުވާ އުފުލަން ޖެހޭނެ އެވެ. މި ހާދިސާއަކީ ޖިނާއީ އިޖުރާއަތު ގާނޫނުގެ ކުރީގެ ހާދިސާއެކެވެ. ނަމަވެސް ފުރަތަމަ ފަހަރަށް އެމްއެމްޕީއާރްސީ މައްސަލާގައި އަދީބަށް ދައުވާ އުފުލީ އިސްތިސްނާއީ ހާލަތުގެ ދަށުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުންނެވެ. އެހެންކަމުން އެ ދައުވާތައް އުފުލިތާ ވެސް މިހާރަށް ދެ އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު ދައުވާ އުފުލޭނެ 30 ދުވަހުގެ މުއްދަތު ފަހަނައަޅައިފި ކަމަށް ގަބޫލު ކުރައްވާ ކަމަށް ގާޒީ ނިންމެވި އެވެ.

އެމްއެމްޕީއާރްސީގެ މަައްސަލާގެ ތަހުގީގު ގޯސްކަމަށް ސުޕްރީމް ކޯޓުން 2018 ވަނަ އަހަރުގެ ފެބުރުއަރީ މަހު އެއްވަނަ ދުވަހު ނެރުނު އަމުރަށް ރިއާޔަތްކޮށް ހައިކޯޓުން ކަނޑައަޅާފައި އޮތްވައި އެކަމާ ގުޅޭ ގޮތުން ކޯޓުތަކުން ގޮތްތަކެއް ކަނޑައަޅާފައިވަނިކޮށް އަނެއްކާ ހަމަ އެ މައްސަލަތަކުގައި ދައުވާކޮށް ކުރިއަށް ދެވޭނެ ހަމައެއް ނެތް ކަމަށް ގާޒީ ނިންމެވި އެވެ. އޭގެއިތުރުން މައްސަލާގެ ތަހުގީގުގައި ހަރަކާތްތެރިވި ފުލުހުންގެ މައްސަލަ ގާޒީ ފާހަގަ ކުރެއްވި އެވެ.

ތަހުގީގުގައި ރިޔާޒު ބައިވެރިކުރުން ގޯސް

ގާޒީ އިސްމާއިލް ރަޝީދު ވިދާޅުވީ އެމްއެމްޕީއާރްސީގެ ތަހުގީގުގައި ކުރިން ސީދާ ކަނޑައެޅިގެން އިޖުރާއަތްތަކާ ހިލާފަށް ފުލުހުން އަމަލުކޮށްފައިވާކަން ސާބިތުވާ އެބަ އޮތް ކަމަށެވެ. އެހެން އޮތްވައި އަލުން ތަހުގީގުކުރިއިރު ވެސް ހަމަ އެ ފުލުހުންގެ އޮފިސަރުން ތަހުގީގުގައި ބައިވެރިކުރުމަކީ އޭގައި ޟަރޫރަތެއް ނެތް މުޅިން ގޯސްކަމެއް ކަމަށެވެ. ކުރީގެ ތަހުގީގުގައި ވެސް އަދި ފަހުގެ ތަހުގީގުގައި ވެސް އިސްކޮށް ހުންނެވީ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒެވެ.

ދެން ގާޒީ ފާހަގަ ކުރެއްވީ އޭރުގެ ޕީޖީ ބިޝާމްގެ މައްސަލަތެކެވެ. އެގޮތުން މި މައްސަލާގައި ބިޝާމް ވަނީ ގާނޫނުން ބުނެފައިނުވާ ޒިންމާއަކާ އަމިއްލައަށް ހަވާލުވެ ގާނޫނު ނުދަންނަ ކަންތައްތަކެއްކޮށްފައި ކަމަށެވެ. އެގޮތުން ގައިދީން ބޭސްފަރުވާއަށް ފޮނުވުމަކީ ޕީޖީގެ ޒިންމާއަކަށް ނުވާއިރު އެކަން ކުރުމުގެ ހުއްދަ އެއްބަސްވުމެއް ހަދައިި ޕީޖީއަށް ނުދެވޭނެ ކަމަށެވެ. ޕެރޯލްގެ ގާނޫނުގެ ދަށުން ގައިދީއަކު ބޭސްފަރުވާއަށް ފޮނުވޭނީ ހޯމް މިނިސްޓަރު ދެއްވާ ބާރުތަކެއްގެ ދަށުން ކޮމިޝަނާ އޮފް ޕްރިޒަންސްއަށް ކަމަށާއި އެއީ ގާނޫނުގައި ބަޔާންކޮށްފައިވާ ގާނޫނީ ނިޒާމެއް ކަމަށެވެ. އެ ނިޒާމްގެ ތެރެއަށް ވަނުމުގެ ފުރުސަތު ޕީޖީއަށް ނޯންނާނެ ކަމަށް ގާޒީ ވިދާޅުވި އެވެ. އޭރު ވެސް އަދީބަކީ ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ހުރި ފަރާތެއް ކަމަށެވެ.

ބިޝާމް އަމަލުކުރީ ގާނޫނީ ނިޒާމުން ބޭރުން

ގާޒީ ވިދާޅުވީ ބޭސްފަރުވާއަކީ ވަރަށް އަސާސީ ހައްގެއް ކަމަށެވެ. އެ ހައްގު ކަށަވަރުކޮށް ދިނުމަށް ކުށަކަށް އެއްބަސްވުމަށް ޝަރުތު ނުކުރެވޭނެ ކަމަށެވެ. އެފަދަ ޝަރުތެއް ވެގެންދާނީ ޓޯޗާއަކަށް ކަމަށްވާތީ އެވެ. އެއީ ގާނޫނު އަސާސީ އާއި ގާނޫނުތަކާއި ރާއްޖެ ބައިވެރިވާ މުއާހަދާތަކާ ވެސް ހިލާފު ކަމެއް ކަމަށެވެ. އެގޮތުން މި މައްސަލާގައި ހިމެނޭ އިއުތިރާފު އެއްބަސްވުމަކީ އޭނާއަށް މަޖުބޫރުކޮށްގެން ނުފޫޒު ފޯރުވައިގެން ހަދާފައިވާ އެއްބަސްވުމެއް ކަމާއި އެފަދަ ތަކެތި ކޯޓުތަކުން ބަލައިގަތުމަކީ ގާނޫނު އަސާސީ ކަނޑައެޅިގެން މަނާ ކުރާ ކަމެއްކަން ގާޒީ ފާހަގަ ކުރެއްވި އެވެ.

އެހެންކަމުން މި މައްސަލާގައި އަދީބު ހުންނެވީ ނުފޫޒެއް ނެތް މާހައުލެއްގައި ކަމަށް ކަނޑައެޅެން ނެތް ކަމަށް ގާޒީ ވިދާޅުވި އެވެ. އަދި ޕީޖީގެ އަމަލުތައް ހުރީ ގާނޫނު ނުދަންނަ އުސޫލުތަކެއްގެ މައްޗަށް ކަމަށެވެ. އެގޮތުން، އިއުތިރާފު އެއްބަސްވުމަށް ވާސިލްވުމަށްޓަކައި ކަމަށް ބުނެ އަދީބާއެކު އެކުލަވާލާފައިވާ އެއްބާރުލުން ދިނުމުގެ އެއްބަސްވުމަކީ އެއްވެސް ގާނޫނެއް ދަންނަ އެއްބަސްވުމެއް ނޫންކަން ގާޒީ ފާހަގަކުރެއްވި އެވެ. އެއީ ކިހިނެއް އެކުލަވާލި އެއްބަސްވުމެއްކަން ސާފުނުވާ ކަމަށެވެ.

އެ އެއްބަސްވުމުގައި ޕީޖީގެ ފަރާތުން ބިޝާމް އެކަނި ސޮއި ކުރައްވާފައިވާއިރު ދެން ހާޒިރުވެ ތިބި މީހުންގެ ގޮތުގައި ވެސް ސޮއި ކުރައްވާފައިވަނީ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ރިޔާޒު އެކަނި ކަމަށް ގާޒީ ވިދާޅުވި އެވެ. ގާޒީ އިސްމާއިލް ރަޝީދު ވިދާޅުވީ ތަހުގީގަކީ އޭސީސީ އާއި ރިޔާސީ ކޮމިޝަންގެ ބައިވެރިވުން އޮތް ތަހުގީގެއް ކަމަށް ބުނާއިރު އެއްބަސްވުމުގައި އެ ދެ ފަރާތުން ސޮއިކޮށްފައިނުވާކަން ވެސް ވަނީ ފާހަގަ ކުރައްވާފަ އެވެ. އެހެންކަމުން ގާނޫނަށް ހިލާފަށް ހިންގާފައިވާ މިކަމުގައި ބައިވެރިވެފައިވަނީ ބިޝާމް އަދި ރިޔާޒުކަން ގާޒީ ފާހަގަ ކުރެއްވި އެވެ.

މި މައްސަލާގައި ދެން ކުރިއަށްދާނެ ގޮތެއް މިހާތަނަށް ޕީޖީއިން ބުނެފައިނުވީ ނަމަވެސް ބެލެވޭ ގޮތުގައި ޕީޖީއިން ހައިކޯޓަށް ދާނެ އެވެ. އެމްއެމްޕީއާރްސީ މައްސަލައިން އަދީބު ސަލާމަތްވެ މިނިވަންވިއިރު އަދީބުގެ އަރިސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ވަނީ މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް އައިސްފަ އެވެ. އެ ކުށް ޔާމީނަށް ސާބިތުވުމުގެ އެންމެ ބޮޑު ސަބަބަކީ އަދީބުގެ ހެކި ބަހެވެ. މިހާރު ވެސް ޔާމީންގެ މައްޗަށް އިތުރު ދައުވާތަކެއް އުފުލާފައިވާއިރު އެ ދައުވާތައް ސާބިތުކުރުމަށް ވެސް އަދީބުގެ މުހިންމު ރޯލެއް އޮންނާނެ ކަމަށް ބެލެވެ އެވެ.