ތިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން ރ. ދުވާފަރުގައި އަޅަފައިވާ ބައެއް ފިޔަވަޅުތައް ލުއިކޮށް އެ ރަށުގެ 48 މީހަކު ގޭގައި ކަރަންޓީނު ކޮށްފި އެވެ.
ދުވާފަރުގެ ފިޔަވަޅުތަކަށް ލުއި ދިން އިރު އެ ރަށުން ޕޮޒިޓިވް ވި މީހުންގެ ކޮންޓެކްޓް ޓްރޭސިން ހަދާ ވަނީ ނިންމާފަ އެވެ. ގޭގައި 48 މީހަކު ކަރަންޓީނު ކުރީ އޭގެ ފަހުންނެވެ.
ދުވާފަރުން ޕޮޒިޓިވް ވެފައި ވަނީ މާލެއިން އެ ރަށަށް ގޮސް ހޯމް ކަރަންޓީނުގައި ތިބި ދެމަފިރިއަކާއި އެ މީހުންގެ ދަރިފުޅެވެ. އެ އާއިލާ މިދިޔަ މަހުގެ 19 ވަނަ ދުވަހު ދުވާފަރަށް ގޮސް ހޯމް ކަރަންޓީންގައި 14 ދުވަސް ހޭދަ ކުރުމަށް ފަހު ބޭރަށް ނުކުތީ އޭގެ ފަހުން ހެދި ފުރަތަމަ ޓެސްޓް ނެގެޓިވް ވެގެނެވެ. ނަމަވެސް ފަހުން އެޗްޕީއޭއިން ވަނީ އެ މީހުންގެ ޓެސްޓް ޕޮޒިޓިވް ކަމަށް އަންގާފަ އެވެ. އެގޮތަށް އެންގި އިރު، އެ އާއިލާ ވަނީ ރަށުގެ ގިނަ ބަޔަކާ ކޮންޓެކްޓްވެފަ އެވެ.
އެކަމާ ގުޅިގެން އެރަށް މޮނިޓަރިންއަށް ގެންގޮސް، ރަށުގައި އެއްވެ އުޅުމާއި، ހޮޓާ ރެސްޓޯރަންޓް ފަދަ ތަންތަން ހުޅުވުމާއި، ޖަމާއަތުގައި ނަމާދު ކުރުމާއި ރަށަށް އަރާ ފޭބުން މަނާ ކުރި އެވެ.
ދުވާފަރު ކައުންސިލުގެ އިދާރާއިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ކޮންޓެކްޓް ޓްރޭސިން ނިމުމާއެކު ބައެއް ފިޔަވަޅުތަކަށް ލުއި ދޭން އެޗްޕީއޭއިން އަންގާފައިވާ ކަމަށެވެ. އެގޮތުން ރަށަށް އަރާ ފޭބުން ފިޔަވާ އެހެން ހުރިހާ ފިވަޅަކަށް މިހާރު ލުއި ދީފައިވާ ކަމަށް އެ އިއުލާނުގައި ވެއެވެ.
ދުވާފަރުން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި އެ ރަށުން ޕޮޒިޓިވްވި މީހުންނާއި ބައްދަލުވި 48 މީހަކު ގޭގައި ކަރަންޓީނު ކޮށްފައިވާއިރު މިހާތަނަށް އެމީހުންގެ ސާމްޕަލް ނަގާފައެއް ނުވެއެވެ.