ހަބަރު

އަދީބުގެ މައްސަލާގައި ބިޝާމާއި ރިޔާޒު ގާނޫނާ ހިލާފުވި: ކޯޓު

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރަށް ޓޯޗާކޮށް ނުފޫޒު ފޯރުވައި ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް އަދި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ގާނޫނާ ހިލާފުވެފައިވާ ކަމަަށް ކުރިމިނަލް ކޯޓުން ކަނޑައަޅައިފި އެވެ.

ކުރިމިނަލް ކޯޓުން މި ގޮތަށް ކަނޑައެޅީ ބިޝާމާއި ރިޔާޒު އިސްވެ ތިއްބަވައި ހިންގެވި ތަހުގީގެއް ދަށުން އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާ ބާތިލު ކުރުމަށް ކުރިމިނަލް ކޯޓުން ނިންމި ނިންމެވުމުގަ އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި ފަހުން އަދީބުގެ މައްޗަށް އުފުލާފައި ވަނީ ވަރަށް ބޮޑެތި ސީރިއަސް ދައުވާތަކެވެ. އޭގެ ތެރޭގައި މަނީ ލޯންޑްރިން ވެސް ހިމެނެ އެވެ. މި ދައުވާތަކަކީ އަދީބާއެކު ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން އެކުލަވާލި އެއްބާރުލުން ދިނުމުގެ އެއްބަސްވުމުގެ ދަށުން އުފުލި ދައުވާތަކެކެވެ. އަދި އެ އެއްބަސްވުމުގެ ދަށުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާން ކުރާ ފަދަ އިއުތިރާފު އެއްބަސްވުމެއް ހަދާފައި ވެއެވެ.

އަދީބުގެ މައްޗަށް މީގެ ކުރިން އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މައްސަލައެއް ސާބިތުވި އެވެ. އެއީ މާބިންހުރާ މައްސަލަ އެވެ. އެ މައްސަލާގައި ކުރިމިނަލް ކޯޓުން އިއްވާފައި އޮތް 10 އަހަރުގެ ޖަލު ހުކުމް ބާތިލްކޮށް ހައިކޯޓުން އެންގީ މައްސަލަ އަލުން ކުރިމިނަލް ކޯޓުން ބެލުމަށެވެ. އެއީ އެ މައްސަލާގެ ތަހުގީގު ކުރިއަށް ގެންގޮސްފައި ވަނީ މިނިވަން ކަމާއެކު ނޫން ކަމަށް ހައިކޯޓުން ކަނޑައެޅުމަށް ފަހު އެވެ.

އެ މައްސަލަ ޕީޖީ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ވެސް ކުރި އެވެ. ނަމަވެސް އަދީބާއެކު އެއްބާރުލުން ދިނުމުގެ އެއްބަސްވުމަކަށް ގޮސް އޭގެ ޝަރުތެއްގެ ގޮތުގައި އެ މައްސަލަ ސުޕްރީމް ކޯޓުން ނެގުމަށް ޕީޖީ އެއްބަސްވެ، އެކަން އެގޮތަށް ކުރި އެވެ. އޭގެ ފަހުން ކުރިމިނަލް ކޯޓުން ވަނީ މާބިންހުރާ މައްސަލާގެ ތަހުގީގު ގޯސް ކަމަށް ހައިކޯޓުން ނިންމާފައި ވާތީ، އެ މައްސަލަ އަލުން ނުބެލުމަށް ނިންމާފަ އެވެ. އަދި އަދީބުގެ މައްޗަށް ހުރި އެހެން ދައުވާތައް ވެސް އަނބުރާ ފޮނުވާލި އެވެ.

މިއަދު ކުރިމިނަލް ކޯޓުގައި އޮތް އަދީބުގެ މައްސަލާގެ އިބްތިދާއީ އަޑުއެހުމުގައި މައްސަލަ ބެއްލެވި ގާޒީ އިސްމާއިލް ރަޝީދު ވިދާޅުވީ، އެމްއެމްޕީއާރްސީގެ މަައްސަލާގެ ތަހުގީގު ގޯސް ކަމަށް ސުޕްރީމް ކޯޓުން 2018 ވަނަ އަހަރުގެ ފެބުރުއަރީ މަހު އެއްވަނަ ދުވަހު ނެރުނު އަމުރަށް ރިއާޔަތްކޮށް ހައިކޯޓުން ކަނޑައަޅާފައި އޮއްވާ އެކަމާ ގުޅޭ ގޮތުން ކޯޓުތަކުން ގޮތްތަކެއް ކަނޑައަޅާފައި ވަނިކޮށް އަނެއްކާ ހަމަ އެ މައްސަލަތަކުގައި ދައުވާކޮށް ކުރިއަށް ދެވޭނެ ހަމައެއް ނެތް ކަމަށެވެ. އޭގެ އިތުރުން މައްސަލާގެ ތަހުގީގުގައި ހަރަކާތްތެރިވި ފުލުހުންގެ މައްސަލަ ގާޒީ ފާހަގަ ކުރެއްވި އެވެ.

ރިޔާޒު ތަހުގީގުގައި ބައިވެރިކުރުން ގޯސް

ގާޒީ އިސްމާއިލް ރަޝީދު ވިދާޅުވީ އެމްއެމްޕީއާރްސީގެ ތަހުގީގުގައި ކުރިން ސީދާ ކަނޑައެޅިގެން އިޖުރާއަތްތަކާ ހިލާފަށް ފުލުހުން އަމަލު ކޮށްފައި ވާކަން ސާބިތުވާން އެބަ އޮތް ކަމަށެވެ. އެހެން އޮތްވާ އަލުން ތަހުގީގު ކުރިއިރު ވެސް ހަމަ އެ އޮފިސަރުން ތަހުގީގުގައި ބައިވެރި ކުރުމަކީ އޭގައި ޟަރޫރަތެއް ނެތް މުޅިން ގޯސް ކަމެއް ކަމަށެވެ. ކުރީގެ ތަހުގީގުގައި ވެސް އަދި ފަހުގެ ތަހުގީގުގައި ވެސް އިސްކޮށް ހުންނެވީ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒެވެ.

ދެން ގާޒީ ފާހަގަ ކުރެއްވީ އޭރުގެ ޕީޖީ ބިޝާމްގެ މައްސަލަތެކެވެ. އެގޮތުން މި މައްސަލާގައި ބިޝާމް ވަނީ ގާނޫނުން ބުނެފައި ނުވާ ޒިންމާއަކާ އަމިއްލައަށް ހަވާލުވެ ގާނޫނު ނުދަންނަ ކަންތައްތަކެއް ކުރައްވާފައި ކަމަށެވެ. އެގޮތުން ގައިދީން ބޭސްފަރުވާއަށް ފޮނުވުމަކީ ޕީޖީގެ ޒިންމާއަކަށް ނުވާއިރު އެކަން ކުރުމުގެ ހުއްދަ އެއްބަސްވުމެއް ޕީޖީއަށް ހަދައި ނުދެވޭނެ ކަމަށެވެ. ޕެރޯލްގެ ގާނޫނުގެ ދަށުން ގައިދީއަކު ބޭސް ފަރުވާއަށް ފޮނުވޭނީ ހޯމް މިނިސްޓަރު ދެއްވާ ބާރުތަކެއްގެ ދަށުން ކޮމިޝަނާ އޮފް ޕްރިޒަންސްއަށް ކަމަށާއި އެއީ ގާނޫނުގައި ބަޔާން ކޮށްފައިވާ ގާނޫނީ ނިޒާމެއް ކަމަށެވެ. އެ ނިޒާމްގެ ތެރެއަށް ވަނުމުގެ ފުރުސަތު ޕީޖީއަށް ނޯންނާނެ ކަމަށް ގާޒީ ވިދާޅުވި އެވެ. އަދި އޭރު ވެސް އަދީބަކީ ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ހުރި ފަރާތެއް ކަމަށް ވިދާޅުވި އެވެ.

ގާޒީ ވިދާޅުވީ ބޭސް ފަރުވާއަކީ ވަރަށް އަސާސީ ހައްގެއް ކަމަށެވެ. އެ ހައްގު ކަށަވަރުކޮށް ދިނުމަށް ކުށަކަށް އެއްބަސްވުމަށް ޝަރުތު ނުކުރެވޭނެ ކަމަށެވެ. އެފަދަ ޝަރުތެއް ވެގެންދާނީ ޓޯޗާއަކަށް ކަމަށެވެ. އެއީ ގާނޫނު އަސާސީ އާއި ގާނޫނުތަކާއި ރާއްޖެ ބައިވެރިވާ މުއާހަދާތަކާ ވެސް ހިލާފު ކަމެއް ކަމަށެވެ. އެގޮތުން މި މައްސަލާގައި ހިމެނޭ އިއުތިރާފު އެއްބަސްވުމަކީ އޭނާއަށް މަޖުބޫރުކޮށްގެން ނުފޫޒު ފޯރުވައިގެން ހަދާފައިވާ އެއްބަސްވުމެއް ކަމާއި އެފަދަ ތަކެތި ކޯޓުތަކުން ބަލައިގަތުމަކީ ގާނޫނު އަސާސީ ކަނޑައެޅިގެން މަނާ ކުރާ ކަމެއްކަން ގާޒީ ފާހަގަ ކުރެއްވި އެވެ.

ބިޝާމްގެ އަމަލުތައް ގާނޫނު ނުދަނޭ

މި މައްސަލާގައި އަދީބު ހުންނެވީ ނުފޫޒެއް ނެތް މާހައުލެއްގައި ކަމަށް ކަނޑައެޅެން ނެތް ކަމަށް ގާޒީ މިއަދު ވިދާޅުވި އެވެ. އަދި ވިދާޅުވީ ޕީޖީގެ އަމަލުތައް ހުރީ ގާނޫނު ނުދަންނަ އުސޫލުތަކެއްގެ މައްޗަށް ކަމަށެވެ. އެގޮތުން، އިއުތިރާފު އެއްބަސްވުމަށް ވާސިލްވުމަށްޓަކައި ކަމަށް ބުނެ އަދީބާއެކު އެކުލަވާލާފައިވާ އެއްބާރުލުން ދިނުމުގެ އެއްބަސްވުމަކީ އެއްވެސް ގާނޫނެއް ދަންނަ އެއްބަސްވުމެއް ނޫންކަން ގާޒީ ފާހަގަ ކުރެއްވި އެވެ. އަދި ވިދާޅުވީ އެއީ ކިހިނެއް އެކުލަވާލި އެއްބަސްވުމެއްކަން ސާފު ނުވާ ކަމަށެވެ.

އެ އެއްބަސްވުމުގައި ޕީޖީގެ ފަރާތުން ބިޝާމް އެކަނި ސޮއި ކުރައްވާފައިވާއިރު ދެން ހާޒިރުވެ ތިބި މީހުންގެ ގޮތުގައި ވެސް ސޮއި ކުރައްވާފައި ވަނީ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ރިޔާޒު އެކަނި ކަމަށް ގާޒީ ވިދާޅުވި އެވެ.

ގާޒީ އިސްމާއިލް ރަޝީދު ވިދާޅުވީ ތަހުގީގަކީ އޭސީސީ އާއި ރިޔާސީ ކޮމިޝަންގެ ބައިވެރިވުން އޮތް ތަހުގީގެއް ކަމަށް ބުނާއިރު އެއްބަސްވުމުގައި އެ ދެ ފަރާތުން ސޮއި ކޮށްފައި ނުވާކަން ފާހަގަވާ ކަމަށެވެ. އެހެންކަމުން ގާނޫނަށް ހިލާފަށް ހިންގާފައިވާ މިކަމުގައި ބައިވެރިވެފައި ވަނީ ބިޝާމާއި ރިޔާޒުކަން ގާޒީ ފާހަގަ ކުރެއްވި އެވެ. ގާޒީ އިސްމާއިލް ރަޝީދު ވިދާޅުވީ އަދީބުގެ މައްޗަށް އާ ދައުވާތަކެއް އުފުލުމުގައި އަމަލު ކޮށްފައި ވަނީ ގާނޫނު ނުދަންނަ ގޮތްތަކެއް މަތިން ކަމަށެވެ. އެކަމުގައި ހިމެނޭ ފަރާތްތައް އަމަލު ކޮށްފައިވަނީ ގާނޫނީ ނިޒާމުން ބޭރުން ކަމަށެވެ.

ގާޒީ އިސްމާއިލް ރަޝީދު ވިދާޅުވި ގޮތުގައި، އެ މައްސަލައެއްގައި ދެ ފަހަރަށް އަދަބު ނުދިނުމަކީ ގާނޫނު އަސާސީއިން ކޮންމެ މީހެއްގެ މައްޗަށް ވެސް ކަށަވަރުކޮށްދީފައި އޮތް އަސާސީ ހައްގެކެވެ. ނަމަވެސް އެމްއެމްޕީއާރްސީ މައްސަލާގައި އަދީބުގެ މައްޗަށް ދެ ފަހަރަށް ތަހުގީގު ހިންގައި ދައުވާ ކޮށްފައިވަނީ އެ ހައްގު ގެއްލޭ ގޮތަށް، އަދުލުގެ ނިޒާމްގައި ކަށަވަރުކޮށްދީފައިވާ އެއް ކުށަކަށް ދެ އަދަބު ނުލިބުމުގެ އުސޫލާ މުޅިން ހިލާފަށް ކަމަށެވެ.

އޭގެއިތުރުން މި މައްސަލާގައި ދައުވާ އުފުލާފައިވަނީ ޖިނާއީ އިޖުރާއަތުގައި ކަނޑައަޅާފައިވާ މުއްދަތު ފަހަނަ އަޅައިދިޔަ ފަހުން ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ. ޖިނާއީ އިޖުރާއަތުގައިވާ ގޮތުން ކުށެއްގެ ތުހުމަތުގައި ބަންދުގައި ހުންނަ މީހަކަށް 30 ދުވަހުގެ ތެރޭގައި ދައުވާ އުފުލަން ޖެހޭނެ އެވެ. މި ހާދިސާއަކީ ޖިނާއީ އިޖުރާއަތު ގާނޫނުގެ ކުރީގެ ހާދިސާއެކެވެ. ނަމަވެސް ފުރަތަމަ ފަހަރަށް އެމްއެމްޕީއާރްސީ މައްސަލާގައި އަދީބަށް ދައުވާ އުފުލީ އިސްތިސްނާއީ ހާލަތުގެ ދަށުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުންނެވެ. އެހެންކަމުން އެ ދައުވާތައް އުފުލިތާ ވެސް މިހާރަށް ދެ އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު ދައުވާ އުފުލޭނެ 30 ދުވަހުގެ މުއްދަތު ފަހަނައަޅައިފި ކަމަށް ގަބޫލު ކުރައްވާ ކަމަށް ގާޒީ ނިންމެވި އެވެ.

މި މައްސަލާގައި ދެން ކުރިއަށްދާނެ ގޮތެއް މިހާތަނަށް ޕީޖީއިން ބުނެފައިނުވީ ނަމަވެސް ބެލެވޭ ގޮތުގައި ޕީޖީއިން ހައިކޯޓަށް ދާނެ އެވެ. އެމްއެމްޕީއާރްސީ މައްސަލައިން އަދީބު ސަލާމަތްވެ މިނިވަންވިއިރު އަދީބުގެ އަރިސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ވަނީ މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް އައިސްފަ އެވެ. އެ ކުށް ޔާމީނަށް ސާބިތުވުމުގެ އެންމެ ބޮޑު ސަބަބަކީ އަދީބުގެ ހެކި ބަހެވެ. މިހާރު ވެސް ޔާމީންގެ މައްޗަށް އިތުރު ދައުވާތަކެއް އުފުލާފައިވާއިރު އެ ދައުވާތައް ސާބިތުކުރުމަށް ވެސް އަދީބުގެ މުހިންމު ރޯލެއް އޮންނާނެ ކަމަށް ބެލެވެ އެވެ.