ކޮންމެ މީހަކުވެސް ތާއީދު ކުރާ އަދި ލޯބިވާ އެކްޓަރެއް ނުވަތަ އެހެން ވެސް ޝަޚްސިއްޔަތެއް ހުރެދާނެ އެވެ. ނަމަވެސް ބައެއް މީހުން އެ މީހުން ތާއީދުކުރާ މީހުންގެ ލޯބީގައި ޖެހޭ ވަރުން ވަރަށް އާދަޔާޚިލާފު ކަންތައްތައް ކުރާތަން ބައެއް ފަހަރު ފެނެ އެވެ.
ސެލެބްރިޓީން އަޅާ ގޮތަށް ހެދުން އެޅުމާއި އިސްތަށިގަނޑު ސްޓައިލް ކޮށްފައި ހުންނަ ގޮތަށް އިސްތަށިގަނޑު ހެދުމާއި ތުނބުޅި ބަހައްޓާ ގޮތަށް ތުނބުޅި ބެހެއްޓުން ފަދަ ވަރަށް ގިނަ ކަންތައްތަކަކީ މީހުން ކޮޕީކޮށްގެން ކޮށް އުޅޭ ކަންތައް ތަކެވެ. ނަމަވެސް އިންޑިޔާގެ ދިއްލީގައި ދިރިއުޅޭ ވިކްސް ކަރްދަމް އަކީ މިކަމުގައި ވެސް ހައްދުފަހަނައަޅާފައި ހުރި މީހެކެވެ. އޭނާ ދަންނަ އެންމެންނާއި އާއިލާގެ އެންމެން ގަބޫލު ކުރަނީ އެގޮތަށެވެ. ސަބަބަކީ 33 އަހަރުގެ މި މީހާ އޭނާގެ ނަން ޖޭމްސް ބޮންޑް އަށް ބަދަލު ކުރީމަ އެވެ.
ކަރްދަމް އަކީ ދިއްލީގައި ދެ ކޮޓަރީގެ އެޕާޓްމަންޓެއް ކުއްޔަށް ހިފައިގެން އަންހެނުންނާއި ތިން އަހަރުގެ އަންހެންދަރިފުޅާއެކު ދިރިއުޅޭ މީހެކެވެ. އަދި އޭނާގެ ނަން ބަދަލު ކުރަން ނިންމުމުގެ ކުރިން އޭނާއަކީ ލިބޭ އެއްޗަކުން ފުދިގެން އާދައިގެ ދިރިއުޅުމެއް އުޅެމުން އައި މީހެކެވެ.
ޖޭމްސް ބޮންޑަކީ ޚިޔާލީ ބްރިޓިޝް ސާވިސް އެޖެންޓެއްގެ ކެރެކްޓާއަކަށް ކިޔާ ނަމެކެވެ.
ޓައިމްސް އޮފް އިންޑިޔާ އާ ވާހަކަ ދައްކަމުން ކަރްދަމް ބުނެފައިވަނީ އޭނާ ނަން ބަދަލުކުރި ވާހަކަ އަލިފާން ހުޅުގަނޑެއް ފަދައިން މުޅި ހިސާބަށް ފެތުރިގެން ދިޔަ ކަމަށެވެ. މީހުން ހީކުރީ އެއީ ވައްތަރެއްގެ ޖޯކެއް ކަމަށެވެ. ނަމަވެސް އެއީ ހަމަ ހަގީގަތެއް ކަމަށް ކަރްދަމް ބުންޏެވެ.
ކަރްދަމްގެ ވަށައިގެން ދިރިއުޅޭ އެންމެން ކަހަލަ ގޮތަކަށް އޭނާ ނަން ބަދަލު ކުރި ކަމަކަށް ގަބޫލެއް ނުކުރެ އެވެ. އެންމެން ވެސް ހީކުރަނީ މިއީ މަޖަލަކަށް އޭނާ ދައްކާ ވާހަކައެއް ކަމަށެވެ. ނަމަވެސް އޭނާގެ އަންހެނުންނަށް މިއީ ހަގީގަތުގައި ވެސް އޭނާ ކޮށްގެން އުޅޭ ކަމެއްކަން ޔަގީން ކުރެވެ އެވެ. އެހެންވެ އޭނާ މިހާރު ހުރީ ވަރަށް ދެރަވެ އަދި އެހާ ރުޅިގަދަ ވެފަ އެވެ.
"އަންހެނުންނަށް ފުރަތަމަ މި ޚަބަރު ދިނުމުން ޝޮކެއް ޖެހިފަ އިރުގަނޑަކު ހުރި. ދެން މަށާ ދިމާލަށް ވަރަށް ރުޅިގަދަވެގެން ބަލަން ހުރެހުރެފައި އެކައްޗެކޭ ވެސް ނުބުނެ ކޮޓަރިން ނުކުމެގެން ދިޔައީ،" ކަރްދަމް ބުންޏެވެ.
އޭގެ ފަހުން މިހާރު ދެ ދުވަސް ފާއިތުވެފައިވާ ކަމަށާއި އަންހެނުން އޭނާއާ އެއްގޮތަކަށް ވެސް ވާހަކަ ނުދައްކާ ކަމަށް ކަރްދަމްގެ އިންޓަވިއުގައި ބުނެފައި ވެއެވެ. ކަރްދަމް ބުނީ އޭނާ ނަން ބަދަލުކުރީމަ އަންހެނުން އެހާ ރުޅިއައީ އެކަމުގެ ސަބަބުން އެ އާއިލާއަށް މީހުންގެ ސަމާލުކަން ހުއްޓޭނެލެއް ބޮޑު ކަމުންނެވެ. އަދި މިއީ އޭނާ އެއްގޮތަކަށް ވެސް ބޭނުންވާ ގޮތެއް ނޫނެވެ. ދެ ވަނަ ކަމަކީ އެމީހުންނަށް މީހުން މަލާމާތްކުރާނެ ވަރު އިހްސާސް ކުރެވޭތީ އެވެ.
"އަހަންނަށް އެނގޭ ނަން ބަދަލުކުރީމަ މީހުން ޖޯކު ޖަހާ މަލާމާތް ކޮށް ހޭނެ ކަން ވެސް. އެކަމަކު މިކަމުގެ ސަބަބުން ވެސް މީހުންނަށް މޫނަށް އުފާވެރިކަމުގެ ހިނިތުންވުމެއް އަތުވެއްޖެނަމަ އަހަރެންގެ މަގްސަދު ހާސިލުވީ،" ކަރްދަމް ބުންޏެވެ.
ކަރްދަމް ބުނި ގޮތުގައި އޭނާ ނަން ބަދަލުކުރާ ވާހަކަ ބުނުމުން އެއްވެސް މީހަކު އެ ވާހަކަ ސީރިއަސް ކޮށެއް ނުނަގަ އެވެ. އަދި އޭނާގެ މައިންބަފައިންނަކަށް ވެސް ނަން ބަދަލުކުރި ކަމެއް ނޭނގޭނެ އެވެ.
އެކުވެރިންނާ މި ކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމުން އޭނާ އެކަން ނުކުރޭތޯ އެމީހުން ވަރަށް ވިސްނައިދީ މަސައްކަތް ކުރި ކަމަށް ވެސް ކަރްދަމް ބުންޏެވެ. ނަމަވެސް އެންމެން މިކަމާ ދެކޮޅު ހަދަން ފެށީމަ އޭނާއަށް އިތުރު ހިތްވަރު ލިބި އެކަން ކުރީ ކަމަށް ވެސް މިމީހާ ބުންޏެވެ.
އެހެންވެ ނަން ބަދަލުކުރަން ކުރަން ޖެހޭ މަސައްކަތްތައް އޭނާ ވަގުތުން ފަށައި ރަސްމީކޮށް ހުރިހާ ކަމެއް މިހާރު ވަނީ ނިންމާފަ އެވެ. ލޮކްޑައުން ކުރީ އޭނާ ނަން ބަދަލު ކުރަން ކުރަން ޖެހޭ ހުރިހާ ކަމެއް ގާތްގަނޑަކަށް ނިންމާފައި ވަނިކޮށެވެ. ނަމަވެސް އެންމެ ވެސް ނަން ރަސްމީކޮށް ބަދަލު ކުރެވިފައިވާ ކަމުގެ ލިޔުން ލިބިފައިވަނީ ލޮކްޑައުންއަށް ލުއި ލިބި ކަމާ ބެހޭ ސަރުކާރުގެ އިދާރާ ހުޅުވުމުން މިދިޔަ ހަފުތާ ތެރޭގަ އެވެ.
މިހާރު އޭނާގެ އައިޑީ ކާޑުގައި ވެސް އޭނާގެ ނަމަކަށް އިންނަނީ ޖޭމްސް ބޮންޑެވެ. ޑްރައިވަރު ލައިސަންސާއި އެނޫންވެސް ހުރިހާ ކާޑެއްގަޔާއި ލިޔެ ކިޔުމެއްގައި ވެސް މިހާރު އޭނާގެ ނަން އިންނަނީ މިގޮތަށެވެ.
ކަރްދަމް އަށް މިއީ އޭނާ އަމިއްލައަށް ހާސިލު ކުރަން ބޭނުންވީ ކަމެކެވެ. އަދި މިކަން ކުރެވުމުން އޭނާއަށް ކާމިޔާބު ހާސިލުވެފައިވާ ކަމުގެ އިހްސާސް ކަރްދަމް އަށް ކުރެވެ އެވެ. ނަމަވެސް އޭނާގެ އެކުވެރިންނާއި ދަންނަ މީހުންނަށް އަދި އާއިލާއަށް މިއީ ބޮޑު ލަދުވެތި ކަމެކެވެ.