ހަބަރު

ފެތިފައިވާ ދޯންޏެއް އޮޔާދާތީ ސަމާލުވާން އެދެފި

ހުޅުމާލެއާއި ޕެރަޑައިޒް އައިލެންޓް ރިސޯޓާއި ދޭތެރޭ ކަނޑުއޮޅިން ފެތިފައިވާ ދޯންޏެއް އޮޔާދާތީ ދަތުރުކުރާ އުޅަނދުތަކުން ސަމާލުވުމަށް އެމްއެންޑީއެފް އިން އިލްތިމާސްކޮށްފި އެވެ.

އެމްއެންޑީއެފް އިން ބުނީ މި ދޯނި އޮޔާދަނީ ބޮޑުކަޅިން ނުކުމެގެން ބޭރަށް އިރުމައްޗަށްވާގޮތަށް ކަމަށާއި މި ދޯނީގެ ގެގަނޑުން ބައެއް ފެންމަތިން ފެންނަން ހުރިއިރު، މި ދޯންޏަކީ 60 ފޫޓްގެ ދޯންޏެއް ކަމަށެވެ. އެހެންކަމުން މި ސަރަޙައްދުން ދަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުން ދިނުމަށް އިލްތިމާސްކުރާ ކަމަށެވެ.

މި ދޯނި އޮޔާދާކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް (އެމްއާރުސީސީ) އަށް ލިބިފައި ވަނީ މިއަދު މެންދުރު 12:17 ހާއިރު ކަމަށާއި މި ދޯނި އޮތް ސަރަހައްދުގައި ކޯސްޓްގާޑުން ހަރަކާތްތެރިވަމުންދާ ކަމަށްވެސް އެމްއެންޑީއެފް އިން ވަނީ ބުނެފަ އެވެ.