ރިޕޯޓް

ރައްޔިތުން މަގުމައްޗަށް، ސަރުކާރު ޖެހީ އުނބަށް!

ސަރުކާރު ޖަވާބުދާރީ ކުރުވާ، ޒިންމާދާރު ކުރަން ރައްޔިތުން މަގުމައްޗަށް ނުކުތުމާއި، ކުރިން އަންގާ ހުއްދަ ހޯދުމަކާ ނުލާ އެއްވެ އަޑު އުފުލުން މަނާ ކަމަކަށްވެފައި އޮންނަނީ ނޫ ގާނޫނުއަސާސީގެ ކުރިންނެވެ. ހިޔާލު ފާޅު ކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމާއި، ރައްޔިތުން ބާރުވެރިކޮށް ސަރުކާރު ޖަވާބުދާރީ ކުރުވޭނެ ގޮތް ހޯދަން ވަކާލާތުކޮށް، އަހަރުތަކަކަށް ފަހު 2008 ގައި އާ ގާނޫނުއަސާސީ ތަސްދީގު ކުރުން ވެގެން ދިޔައީ "ޑިމޮކްރަސީގެ މަގަށް ކުރި ދަތުރު" ކާމިޔާބު ކުރި ދުވަހުގެ ގޮތުގަ އެވެ. އެހެން ނަމަވެސް އެ މިނިވަންކަމާއި ހައްގުތައް ވެގެން ދިޔައީ އޭގެ ފަހުން ވެރިކަމާ ހަވާލުވި ކޮންމެ ވެރިއަކަށް ތުރާލަކަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މި ހައްގުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފައިގެން އޭރުގެ އިދިކޮޅު ފަރާތް -- މިހާރު ވެރިކަން ކުރާ ޕާޓީ، އެމްޑީޕީ -- ހުއްޓުމެއް ނެތި މުޒާހަރާކޮށް އަޑު އުފުލަމުން ދާތީ ރައީސް ޔާމީން ނިންމެވީ އެ ހައްގުތަކުގެ "ސާޖަރީއެއް" ހަދައި، ބާރު ކަނޑުވާލާށެވެ. އެގޮތުން އޮގަސްޓް 18، 2016 ގައި އޭރުގެ މަޖިލީހުގައި އޮތް ޕީޕީއެމްގެ މެޖޯރިޓީގެ ބޭނުން ކޮށްގެން ގާނޫނުއަސާސީގެ ދަށުން ހަދާފައިވާ ސުލްހަވެރި ކަމާއެކު އެއްވެ އުޅުމުގެ ގާނޫނު ބަދަލު ކުރި އެވެ. އޭގެ ފަހުން ފުލުހުން ދޭ ހުއްދައަކާ ނުލައި މާލޭގައި އެއްވުމެއް ނުވަތަ ހިނގާލުމެއް ބޭއްވުން މަނާ ކުރި އެވެ. އެކަން ހަމައެކަނި ކުރެވޭނީ ކާނިވާ ތެރޭގައި އެކަންޏެވެ.

މިކަމާ ބަދަލާ ދެކޮޅަށް އެންމެ ގަދައަށް އަޑު އުފުލީ އެމްޑީޕީންނެވެ. އެ ޕާޓީ އެންމެ ގަދައަށް ދެއްކީ ގާނޫނުއަސާސީން އެ ހައްގު ކަށަވަރު ކޮށްދީފައިވާ ވާހަކަ އެވެ. އަދި ގާނޫނުއަސާސީއާ ތައާރުޒު ވާތީ ބާތިލު ގާނޫނެއް ކަމަށް ބުނެ، ދެން ވެސް މަގުމައްޗަށް ނިކުތެވެ. އެކަމާ ދެކޮޅު ހަދައި، އޭރުގެ އެމްޑީޕީ ޕީޖީ ލީޑަރު އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ މިހެނެވެ؛

"އެއްވެ އުޅުން ހަނިކުރަން ފާސްކުރި އިސްލާހަކީ ގާނޫނުއަސާސީ އިން ރައްޔިތުންނަށް ދީފައިވާ އަސާސީ ހައްގުތައް ނިގުޅައިގަތުމުގެ ސިލްސިލާ އަށް އިތުރުވި ކަމެއް، މިއީ ގާނޫނުއަސާސީ އިން ލިބިދީފައިވާ ހައްގެއް،"

އެހެން ނަމަވެސް މިއަދު މި ވާހަކަތައް އަލުން ހަނދާނަށް ގެންނަން އެބަޖެހެ އެވެ. އެއީ ޖިންސީ ގޯނާ އާއި އަންހެނުނަށް ކުރާ ފުރައްސާރަ އާއި ރޭޕާ ދެކޮޅަށް މާލޭގައި ހުއްޓުމެއް ނެތި މުޒާހަރާ ކުރާތާ ދުވަސްތަކެއް ވުމުން ސަރުކާރަށް އޮބިނޯވެގެން، ސާކިއުލާއެއް ނެރެ ފުލުހުންގެ ހުއްދައަކާ ނުލާ އެއްވެ އުޅުން ގާނޫނުގައި މަނާކޮށްފައިވާކަން ހަނދާންކޮށްދިނުމުންނެވެ. ހޯމް މިނިސްޓްރީން ކުރި ޓުވީޓެއްގައި ދެއްކީ، މީގެ ކުރިން ގާނޫނުއަސާސީއާ ހިލާފު ކަމަށް ބުނި މާއްދާގެ ދަށުން އެ މިނިސްޓްރީން އޭރު ކުރި އިއުލާނެކެވެ.

އެހެންވެ މިއަދު އެ ޖެހުނީ ކޮންތާކު ހެއްޔެވެ؟ އޭރު ދެކޮޅުވެ މުޒާހަރާކޮށް، އެ މައްސަލަ ހިފަައިގެން ބޭރު ގައުމުތަކުގައި ދުވެ ހައްގު ހޯދަމުން ދިޔަ އެންމެ ބޮޑު މައްސަލަ މިއަދު މައްސަލައަކަށް ނުވި އެވެ. އެވަރު ނުވެގެން އެކަން ކުރީ ސަރުކާރުން ބޭނުން ކުރި ގޮތައް ބޭނުންކޮށް، އެއްވެ އުޅުމުގެ މިނިވަންކަމަށް ހުރަސް އަޅަން ނިންމީ އެވެ.

"އެއްވެ އުޅުމުގެ ހައްގު ގެއްލޭ ހިސާބުން ޑިމޮކްްރަސީގެ ވާހަކަ ދައްކާނެ ކަމެއް ނެތް،" އެ މައްސަލާގައި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވިދާާޅުވި އެވެ.

ގާނޫނުއަސާސީގެ 268 ވަނަ މާއްދާގައިވާ ގޮތުން ރާއްޖޭގައި އެންމެހާ ގާނޫނުތައް ހަދަންވާނީ ގާނޫނުއަސާސީގައި ބަޔާން ވެގެންވާ ގޮތުގެ މަތިންނެވެ. އަދި ގާނޫނުއަސާސީއާ ހިލާފުވާ ގޮތައް ހަދާ ކޮންމެ ގާނޫނެއް، ނުވަތަ ގާނޫނުގެ ބައެއް ވިޔަސް ވާނީ ބާތިލު އެއްޗަކަށެވެ. އެފަދަ ގާނޫނެއް ނުވަތަ ގާނޫނުގެ ބައެއްގެ ބާރެއް ނުހިނގާނެ ކަމަށް ވެސް އެ މާއްދާގައި ބުނެފައިވެ އެވެ.

ގާނޫނުއަސާސީގެ އަސާސީ ހައްގުތަކާއި މިނިވަންކަމުގެ ބާބުގެ ދަށުން 32 ވަނަ މާއްދާގައި ބުނެފައި ވަނީ ދައުލަތުގެ ހުއްދައެއް ކުރީން ހޯދުމަކާ ނުލައި ސުލްހަވެރި ކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވެ އެވެ. އަދި 262 ވަނަ މާއްދާގައިވާ ގޮތުން "އަސާސީ ހައްގުތަކާއި މިނިވަންކަމުގެ" ބާބުގައި ހިމެނޭ އެއްވެސް މާއްދާއެއް ރައްޔިތުންގެ މަޖިލީހުން އިސްލާހުކޮށް، ބިލެއް ފާސް ކުރި ނަމަވެސް ރައިސުލްޖުމްހޫރިއްޔާއަށް އެ ބިލު ތަސްދީގު ކުރެވޭނީ އެކަމަށް ރައްޔިތުން ރުހޭތޯ ބެލުމަށް ނަގާ އާންމު ވޯޓެއްގައި އަގުލަބިއްޔަތު ލިބިގެނެވެ.

"މިއީ ޑިމޮކްރަސީއާ ހިލާފު، ގާނޫނުއަސާސީއާ ހިލާފު ހުދުމުހުތާރު ބަދަލެއް،" ހޯމް މިނިސްޓްރީގެ އެ ސާކިއުލާ ރީޓުވީޓް ކުރައްވަމުން ބާ ކަައުންސިލްގެ ރައީސް މައުމޫން ހަމީދު ވިދާޅުވި އެވެ.

މި މައްސަލާގައި ފާޑު ކިޔުން ބޮޑުވެފައިވާއިރު، އެމްޑީޕީގެ ސުޕަ މެޖޯރިޓީ ރައްޔިތުންގެ މަޖިލީހުގައި އޮތްއިރު މިއަދާ ހަމަޔަށް އައިއިރު ވެސް އިސްލާހު ބާތިލު ނުކޮށްލާ އޮތީ ކީއްވެ އެތައް ބަޔަކު ދަނީ ސުވާލު ކުރަމުންނެވެ. އަދި އެކަމާ ދެކޮޅަށް އެމްޑީޕީގެ މަޖިލިސް މެންބަރުންނާއި އެ ޕާޓީގެ އެކްޓިވިސްޓުން ވެސް އަޑު އުފުލަމުން އެބަދެ އެވެ.

"މިއީ މަހްކަމަތުއްދާހިލިއްޔާގެ ޒަމާނެއް ނޫން. ގާނޫނުއަސާސީން މުތުލަގަށް ދީފައިވާ ހައްގެއް ނިގުޅައެއް ނުގަނެވޭނެ،" އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވި އެވެ. ވައްޑޭ މިހެން ވިދާޅުވި ނަމަވެސް މި މާއްދާ ބާތިލު ކުރުމުގެ މައްސަލަ މިދިޔަ އަހަރުގެ އޮގަސްޓު މަހުން ފެށިގެން ވަނީ މަޖިލީހުގައި ބާއްވާ ޕާކްކޮށްފަ އެވެ.

މިއަދު މުޒާހަރާކޮށް، ސަރުކާރަށް ޕްރެޝަރު އަންނަން ފެށުމުން އަހަރެއް ވަންދެން އަތް އަޅައި ފޮރުވައިގެން ހުރި ގާނޫނުގެ އެ މާއްދާ ނެރެ ދެއްކުމުން މިހާތަނަށް ވެސް އެ މާއްދާ ބާތިލު ނުކޮށް އޮތް ސަބަބު ކޮންމެ ވެސް ވަރަކަށް އެބަ ތިލަވެ އެވެ. އަދި މިކަން "ޑިމޮކްރަސީއަށް ކުރި ދަތުރު" މެޑަލް ޖެހި ޕާޓީގެ ފަރާތުން ފެންނަން ފެށުމުން އަދި އިތުރަށް ލަދު ގަންނަން ޖެހެ އެވެ. މިއަދުގެ ހާލަތު މި އޮތީ 2008 ފަހަތައް ކައްސާލައިގެން ގޮސްފައި ހެއްޔެވެ؟