ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

ވީއައިއޭގެ ތައްޔާރީތައް ރައީސް ބައްލަވާލައްވައިފި

ކޮވިޑް-19އާ ގުޅިގެން ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރުން ވަގުތީގޮތުން ހުއްޓާލާފައި އޮތް އޮތުމަށް ނިމުމެއް ގެނެސް ފަތުވެރިންނަށް ރާއްޖެ މާދަމާ އަލުން ހުޅުވާލާއިރު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ވެފައިވާ ތައްޔާރީތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ބައްލަވާލައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ހަވީރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ކުރެއްވި ޒިޔާރަތުގައި ވީއައިއޭގެ ޓާމިނަލްގެ އެރައިވަލް އަދި ޑިޕާޗާ ހޯލަށް ޒިޔާރަތްކުރައްވައި، އެތަންތަނުގައި ވެފައިވާ ތައްޔާރީތައް ބައްލަވާލެއްވިއެވެ.

ފަސިންޖަރުން ސްކްރީންކުރުމާއި ކޯވިޑަށް ޓެސްޓުކުރަންޖެހޭ ހާލަތުގައި ޓެސްޓުކުރުން ފަދަ އިންތިޒާމުތައް ހަމަޖެހިފައިވާ ގޮތް އެމަނިކުފާނު ވަނީ ބައްލަވާލައްވާފައެވެ. އަދި އެއާޕޯޓުގެ އިންޓަނޭޝަނަލް ޓާމިނަލްގައި ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކާއި ގުޅޭ މައުލޫމާތުވެސް އެއާޕޯޓުގެ ކަމާބެހޭ އިސް ބޭފުޅުން އަރިހުން އޮޅުންފިލުއްވިއެވެ.

މިދިޔަ މާޗް މަހުގެ 27 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ބަންދުކުރީ ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުގައެވެ. އޭގެ ތިން މަހަށްވުރެ ގިނަ ދުވަސްފަހުން މާދަމާ ރާއްޖެ ހުޅުވާލުމަށް ވަނީ ނިންމާފައެވެ.

މާދަމާ އަލުން ރާއްޖެއަށް ފަތުރުވެރިން އަންނަން ފަށާއިރު 30 ރިސޯޓް އޮޕަރޭޝަންގައި އޮންނާނެއެވެ. ގިނަ ރިސޯޓްތައް ހުޅުވާނީ އަންނަ މަހުގެ ތެރޭގައެވެ.