އެމްއޭސީއެލް

އެމްއޭސީއެލްއަށް ސީއީއޯއެއް ހޯދަން އިއުލާނުކޮށްފި

Jan 30, 2020
2

މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް) އަށް ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އެއް ހޯދަން އިއުލާނު ކޮށްފި އެވެ.

ސަރުކާރުގެ 21 ކުންފުނި އޮންނައިރު، މިހާތަނަށް ސީއީއޯއެއް ހަމަ ޖައްސާފައި ނުވާ ކުންފުނި ކަމަށްވާ އެމްއޭސީއެލަށް ސީއީއޯއެއް ހޯދަން ކޮށްފައިވާ އިއުލާނުގައި ބުނީ އެ މަގާމަށް ކުރިމަތިލާ ފަރާތަކީ އެ ދާއިރާގައި 15 އަހަރުގެ ތަޖުރިބާ ހުރި ފަރާތަކަށް ވާންޖެހޭނެ ކަމަށެވެ. މީގެ އިތުރުން ސީނިއާ މެނޭޖްމެންޓް ލެވެލްގައި 10 އަހަރުގެ ތަޖުރިބާ ހުރުމާއެކު ސީ-ސޫޓް ލެވެލް ގައި މަދުވެގެން ފަސް އަހަރު ހޭދަކޮށްފައިވާ މީހަކަށް ވާން ޖެހެ އެވެ.

މި މަގާމަށް ކުރިމަތިލާ މީހަކީ އޭވިއޭޝަން ދާއިރާއިން ޕޯސްޓް ގްރެޖުއޭޓް ޑިގްރީއެއް އޮންނަންޖެހޭ މީހެކެވެ. މީގެ އިތުރުން ވެސް އެހެނިހެން ޝަތުރުތައް ހިމަނާފައި ވެއެވެ.

މިހާތަނަށް އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މަގާމަށް މީހަކު ނަގަނީ ރައީސުލް ޖުމްހޫރިއްޔާ އެވެ.

އެމްއޭސީއެލްގައި މިހާރު ހުންނަނީ އެކްޓިން މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އެވެ. މި މަގާމުގައި މިހާރު ހުންނެވީ
މޫސާ ސޯލިހެވެ. އޭނާ އަކީ ރައީސް އިބްރާހިމް މުހަންމަދު ސޯލިހްގެ ބޮޑުބޭބޭފުޅެވެ. އޭގެ ކުރިން އެމްޑީ އަދި ސީއީއޯގެ މަގާމުގައި ހުންނެވީ އާދިލް މޫސާ އެވެ.

ސަރުކާރަށް އެންމެ ބޮޑު އާމްދަނީއެއް ވައްދާ އެމްއޭސީއެލްއަކީ ގާތްގަނޑަކަށް 3،000 މުވައްޒަފުން އުޅޭ ކުންފުންޏެވެ.