ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

ޖުލައި މަހު އެއާޕޯޓް ހުޅުވާލަނީ

އަންނަ ޖުލައި މަހުގެ ތެރޭގައި، ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓް، ބައިނަލްއަގްވާމީ ދަތުރުތަކަށް ހުޅުވާލަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރީ މާޗް މަހުގެ 27 ވަނަ ދުވަހުއެވެ. އެއާއެކު ރާއްޖޭގެ ފަތުރުވެރިކަން ވަނީ ހުއްޓިފައެވެ.

މިރޭ ގައުމާ މުހާތަބުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ ކޮވިޑް-19ގެ ހާލަތު އިތުރަށް ގޯސްނުވާނަމަ ޖުލައި މަހުގެ ތެރޭގައި، ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓް، ބައިނަލްއަގްވާމީ ދަތުރުތަކަށް ހުޅުވާލަން ނިންމާފައިވާ ކަމަށެވެ. އަދި ރިސޯޓްތައް ހުޅުވުމުގެ ހުއްދަވެސް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

"މި ލުއިތަކާއެކު، ރާއްޖޭގައި ކޯވިޑް-19ގެ ހާލަތު އިތުރަށް ގޯސްނުވެ، ރަނގަޅަށް ދާނަމަ، އިރާދަކުރެއްވިއްޔާ އަންނަ ޖުލައި މަހުގެ ތެރޭގައި، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް، ބައިނަލްއަގްވާމީ ދަތުރުތަކަށް ހުޅުވާލަން މިހާރު ވަނީ ނިންމާފައި. އޭގެ އިތުރުން، ރިޒޯޓްތައް ހުޅުވުމުގެ ހުއްދަ ދެވޭނެ. މިކަންކަން ކުރާނެ ގޮތުގެ ގައިޑްލައިންތައް، ކަމާ ބެހޭ ދާއިރާތަކުގެ އިރުޝާދާއެކު މިހާރު އަންނަނީ ކަނޑައަޅަމުން." ރައީސް ވިދާޅުވިއެވެ.

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކުރުމާއި ގުޅިގެން ފަތުރުވެރިކަން ހުއްޓިފައި އޮތް އޮތުން ނިމުމަކަށް ގެނެސް، އަލުން ފެށުމަށްޓަކައި އެކަމަށް ބޭނުންވާ ފައިނަލް ޕޮލިސީއެއް އެކުލަވާލުމުގެ މަސައްކަތް ޓޫރިޒަމް މިނިސްޓްރީން ވަނީ ފަށާފައެވެ.

ނިއު ނޯމަލްގައި ޓޫރިޒަމް ހުޅުވާލަން ތައްޔާރު ވުމުގެ ގޮތުން ޓޫރިޒަމް މިނިސްޓްރީން ޓޫރިޒަމް ސިނާއަތުގެ ހިޔާލު ހޯދަން "މޯލްޑިވްސް ސޭފް ޓޫރިޒަމް ގައިޑްލައިން" ގެ ނަމުގައި ގައިޑްލައިނެއް ތައްޔާރުކޮށް ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާ ވަނީ ހިއްސާކޮށްފައެވެ.

މި ދެލިކޮޕީއަށް އިސްލާހު ހުށައެޅުމުގެ ފުުރުސަތު މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ޑްރާފްޓުގައިވާ ގޮތުން އަލުން ހުޅުވާލާއިރު، ރާއްޖެ އަންނަ ޗާޓަރު ފްލައިޓްތަކާއި ޕްރައިވެޓް ޖެޓުތަކުން ބައިލައްކަ ޑޮލަރުގެ ފީއެއް ނަގާނެ އެވެ. މީގެ އިތުރުން ސްޕެޝަލް ޓޫރިސްޓު ސްޕެޝަލް ޓޫރިސްޓު ވިސާ ފީގެ ގޮތުގައި 100 ޑޮލަރުގެ ފީއެއް ޓޫރިސްޓުންގެ އަތުން ނަގާނެ އެވެ. އެ ވިސާ ދެވޭނެ އެންމެ ކުރު މުއްދަތަކީ 14 ދުވަހެވެ.

މި އުސޫލުގައި ބުނެފައިވާ ގޮތުން ރާއްޖެ އާދެވޭނީ އައުމުގެ ކުރިން ކޮވިޑަށް ޓެސްޓްކޮށް ނަތީޖާ ލިބިގެނެވެ. އަދި ރިސޯޓުތަކަށް ދާއިރު ވެސް ހާއްސަ ފިޔަވަޅު ތަކެއް އަޅަން ޖެހޭނެ އެވެ. އަދި ހިދުމަތް ދޭ ސްޓާފުން މާސްކް އާއި އަންގި ލައްވައިގެން ތިބުމާއި ސޯޝަލް ޑިސްޓެންސިން ބަހައްޓަން ޖެހުން ހިމެނެ އެވެ. އަދި ޓޫރިސްޓުން ދަތުރު ކުރާއިރު ވެސް ކޮންޓްކްޓް ޓްރޭސް ކުރެވޭނެ ގޮތަށް ބަލައްޓަން މަޖުބޫރު ކޮށްފައި ވެއެވެ.

އަދި ހުރިހާ ސްޓާފުންނަށް ޕާސަނަލް ޕްރޮޓެކްޓިވް އިކްއިޕްމަންޓް (ޕީޕީއީ) ބޭނުން ކުރާނެ ގޮތުގެ ތަމްރީން ދޭން ޖެހެ އެވެ. މީގެ އިތުރުން ރިސޯޓުތަކުގެ ކޮޓަރިތަކުގެ ވަކި އަދަދެއް ހުސްކޮށް ބެހެއްޓުމަށް ވެސް ހުށަހަޅާފައި ވެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ މި ގައިޑްލައިންގައިވާ ގޮތުން ޕްރައިވެޓް ޖެޓްތަކާއި ސުޕަ ޔޮޓް ފަހަރަށް ހުޅުވާލަން މަސައްކަތް ކުރަނީ ޖޫން އެއްވަނަ ދުވަހުން ފެށިގެންނެވެ. އަދި ޗާޓަރު ފްލައިޓްތަކާއި ޝެޑިއުލް ފްލައިޓްތަކަށް ޖުލައި އެއްވަނަ ދުވަހު ހުޅުވާލާނެ އެވެ. ގެސްޓްހައުސްތަކަށް ޓޫރިސްޓުން ގެންނަން ޕްލޭން ކޮށްފައިވަނީ އޮގަސްޓް މަހުގެ އެއްވަނަ ދުވަހު އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ "މޯލްޑިވްސް ސޭފް ޓޫރިޒަމް ގައިޑްލައިން" އާންމުކުރާނީ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ހިޔާލާ މަޝްވަރާއަަށްފަހު ކަމަށެވެ.