ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ޕޮޒިޓިވްވި މީހާ ކޯޑަންކޮށްފަ ބެހެއްޓުން ގޯސް: ނަޒްލާ

ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކު ކަރަންޓީން ފެސިލިޓީއަށް ގެންދިއުމުގެ ކުރިން ވިލިމާލޭގެ އާންމު ތަނެއްގައި ކޯޑަންކުރުމަށްފަހު ބެހެއްޓުމަކީ ގޯސްކޮށް ކުރެވިފައިވާ ކަމެއް ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.

ކޮވިޑަށް ޕޮޒިޓިވްވި ބިދޭސީއަަކު ކަރަންޓީން ފެސިލިޓީއަށް ގެންދިއުމުގެ ކުރިން ވިލިމާލޭގެ އާންމު ތަނެއްގައި ކޯޑަންކުރުމަށްފަހު އެތައް އިރެއް ވަންދެން ބަހައްޓާފައިވާތީ އެކަމާ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެއީ އެއްގޮތަކަށްވެސް ހިނގައިގެންވާނެ ކަމެއް ނޫން ކަމަށް ބުނެ ގިނަ ބަޔަކު ފާޑުކިޔެވެ.

މިރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ކަރަންޓީން ފެސިލިޓީއަކަށް ގެންދިއުމުގެ ކުރިން ވިލިމާލޭގައި އާންމުތަނެއްގައި ކޯޑަންކޮށް ބެހެއްޓިފައިވަނީ ކޮވިޑަށް ޕޮޒިޓިވްވި ބިދޭސީއެއް ކަމަށެވެ. އެމީހާއަކީ އޭނާއާ ނުގުޅިގެން ހޯދަމުންދިޔަ މީހެއް ކަމަށާ އެމީހާ ފެނުމާއެކު އެ ތަނުގައި ކޯޑަންކޮށް ބެހެއްޓުމަކީ ހެދިފައިވާ ގޯހެއް ކަމަށެވެ.

އަދި އާރުއާރުޓީ ދިއުމުގައިވެސް ލަސްތަކެއް ދިމާވެފައިވާ ކަމަށާ އޭނާ ކަރަންޓީނަށް ގެނެވިފައިވަނީ އިރުއޮއްސެން ކައިރިވެފައިވަނިކޮށް ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެންވެސް ގަބޫލުކުރަން އެއްވެސް މީހަކު، އެއީ ދިވެއްސެއްވިޔަސް ބޭރުމީހަކަށްވިޔަސް، ބަލި މީހެއްވިޔަސް އަދި ބަލި މީހެއް ނޫންނަމަވެސް އެ ގޮތަށް އާންމުކޮށް ކޯޑަންކޮށްފައި ބެހެއްޓުމަކީ އެއީ ވެގެންވާނެ ކަމެއް ނޫން. އަޅުގަނޑުމެން މިކަން ހިނގާދިޔަގޮތް ބަލާފައި މިކަން މިހެން ނުވާނެ ގޮތަށް، ޑިލޭއެއް އަޔަސް ވަގުތީ ގޮތުން އެމީހަކު އައިސޮލޭޓްކޮށްފައި ބެހެއްޓޭނެ ތަންތަން ހުރިހާ ތަނެއްގައި ބެހެއްޓުމަށް އަދި ހުރިހާ އިދާރާތަކުން އެއްގޮތަކަށް އަމަލުތައް ބެހެއްޓުމަށް އަންޑަސްޓޭންޑިއަންއަކަށްވަނީ އާދެވިފައި،" ނަޒްލާ ވިދާޅުވިއެވެ.