ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އޮންލައިން ހެލްތު ޑެކްލެރޭޝަން ހުށަހަޅަންޖެހޭ ގޮތަށް ހަދައިފި

Jul 15, 2020

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށްފަހު މިއަދު އަލުން ހުޅުވާލާފައިވާއިރު، ރާއްޖެއަށް އަންނަ އަދި ފުރާ ދަތުރުވެރިން 'ޓްރެވެލާ ހެލްތް ޑިކްލަރޭޝަން ފޯމް" އޮންލައިންކޮށް ހުށަހަޅަންޖެހޭ ގޮތަށް އިމިގްރޭޝަނުން ހަމަޖައްސައިފި އެވެ.

އިމިގްރޭޝަނުން ކުރި އިއުލާނެއްގައި ބުނީ އެތެރެވާ ރާއްޖެއަށް އަންނަ އަދި ފުރާ ދަތުރުވެރިން، ދަތުރު ކުރުމުގެ 24 ގަޑިއިރު ކުރިން، މިފޯމް އޮންލައިންކޮށް ފުރުމަށް ފަހު ހުށަހަޅަންޖެހޭނެ ކަމަށެވެ.

އިމިގްރޭޝަނުން އިތުރަށް ބުނީ މި ފޯމު ހުށަހެޅޭނީ މޯލްޑިވްސް އިމިގްރޭޝަންގެ އޮންލައިން ޕޯޓަލް، "އިމުގާ" މެދުވެރިކޮށެވެ. އެގޮތުން "އިމުގާ" ޕޯޓަލްއަށް ޒިޔާރަތް ކުރެއްވުމަށްފަހު "Traveller "ޓްރެވެލާ ހެލްތް ޑިކްލަރޭޝަން" ނެގުމުން މިކަމަށް ހާއްސަކޮށްފައިވާ ފޯމު ފެންނާނެ ކަމަށެވެ. އަދި "އިމުގާ" ޕޯޓަލްއަށް ޒިޔާރަތްކުރެވޭނީ imuga.immigration.gov.mv އިން ކަމަށާއި، އިމިގްރޭޝަންގެ ވެބްސައިޓަށް ގޮސް މެނޫ ބާ އިން "އިމުގާ" ޕޯޓަލް ހިޔާރު ކުރުމުން ވެސް މިޕޯޓަލްއަށް ޒިޔާރަތް ކުރެވޭނެ ކަމަށެވެ.

މީގެ އިތުރުން، ރާއްޖެއަށް ޒިޔާރަތްކުރާ ހުރިހާ ފަރާތްތަކުން ވެސް މިފޯމު ހުށަހަޅަން ވާނެ ކަމަށާއި، އެގޮތުން ޓުއަރިސްޓުންނާއި، ވާކް ވިސާ އަދި އެހެނިހެން ވިސާ ތަކުގައި ރާއްޖެ އަންނަ ބިދޭސީންނާއި އަދި ދިވެހިން ވެސް މި ފޯމު ފުރިހަމަ ކުރަންޖެހޭނެ ކަމަށްވެސް އިމިގްރޭޝަނުން ބުންޏެވެ.

"އިމިގްރޭޝަންގެ މަގުސަދަކީ، މި ނާޒުކު ދަނޑިވަޅުގައި ބޯޑަރުގެ ކަންތައްތައް ހަރުދަނާކޮށް ބަލަހައްޓާ، ދަތުރުވެރިން އެއާޕޯޓުގައި ހޭދަކުރަންޖެހޭ ވަގުތު މަދުކުރުމާއެކު ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމެވެ،" އެ އިއުލާނުގައި ބުންޏެވެ.

ރާއްޖޭގެ ބޯޑަރު މިއަދު ހުޅުވުމާއެކު ފުރަތަމަ ޖެއްސި ފްލައިޓުން 104 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފަ އެވެ.

ކޮވިޑް-19 އިގެ ބަލި ފެތުރުން ކޮންޓްރޯލް ކުރަން ރާއްޖޭގެ ބޯޑަރު ބަންދު ކޮށްފައިވަނީ މާޗް 27 ވަނަ ދުވަހު އެވެ. ގާތްގަނޑަކަށް ހަތަރު މަހަށް ފަހު ބޯޑަރު ހުޅުވާލުމާއެކު އެންމެ ފުރަތަމަ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ފުރަތަމަ ޖައްސާފައި ވަނީ ގަތަރު އެއާވޭސްގެ ފްލައިޓެކެވެ.

މި ފްލައިޓުން 128 މީޙަކު ރާއްޖެ އައިސްފައިވާއިރު މީގެ ތެރޭގައި ހިމެނެނީ 24 ދިވެހިންނާއި 104 ފަތުރުވެރިންނެވެ.

ބޯޑަރު ހުޅުވާއިރު 11 އެއާލައިނެއް ރާއްޖެ އަންނަން ވަނީ ޝެޑިއުލްކޮށްފަ އެވެ. ރާއްޖެއަށް މި މަހު ތެރޭގައި ޖައްސަން ޝެޑިއުލްކޮށްފައި ވަނީ ތިން އެއާލައިނަކުންނެވެ. އަންނަ މަހުގައި ހަ އެއާލައިންއެއް އައުމަށް ވަނީ ޝެޑިއުލްކޮށްފަ އެވެ. އަދި ސެޕްޓެމްބަރު މަހު ދެ އެއާލައިނެއް އަންނާނެ އެވެ. އަދި އޮކްޓޫބަރު އަންނާނީ އެންމެ އެއާލައިނެކެވެ.