ޗެމްޕިއަންސް ލީގްގެ ޖާގަ ހޯދަން ބޭނުން ވާނަމަ އާސެނަލްއިން ބޮޑު ހޭދައެއް ކުރަން ޖެހޭ ކަމަށް، އެ ޓީމުގެ ކޯޗް މިކަލް އާޓެޓާ ބުނެފި އެވެ.
މި ސީޒަންގައި އާސެނަލްއަށް ލީގްގައި ހޯދެން އޮތް ހަމައެކަނި ކާމިޔާބަކީ ޔޫރޮޕާ ލީގުން ޖާގަ ހޯދުމެވެ. މިރޭ ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗުން ބަލި ވެއްޖެނަމަ އެ އުންމީދުވެސް ގެއްލިގެންދިއުން ކައިރި އެވެ. ދެން އޮތީ ޑެމޮސްޓިކް ކަޕެވެ. އެފްއޭ ކަޕްގެ ސެމީ ފައިނަލުގައި އާސެނަލް ނުކުންނާނީ ހޮނިހިރު ދުވަހު މެންޗެސްޓާ ސިޓީ އާ ދެކޮޅަށެވެ.
އޭޕްރިޅް މަހު އާޓެޓާ ބުނީ ޓްރާންސްފާ ޕީރިއަޑްގައި ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. އޭރު އޭނާ ބުނީ އެކަން ކުރެވޭނީ ލީގްގައި އެ ޓީމަށް ނިންމާލެވޭ ހިސާބަކުން ކަމަށެވެ. މިރޭލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އާޓެޓާ ބުނީ، އަހަރަކަށް ވުރެ އަހަރެއް ޗެމްޕިއަންސް ލީގަށް ވާދަ ކުރުމުގެ ރޭސް ވަރުގަދަ ވަމުން އަންނަ ކަމަށެވެ. ހަރަދު ކުރަން ޖެހޭނީ ޗެމްޕިއަންސް ލީގްގެ ޖާގަ ލިބުމުން އެކަނި ނޫން ކަމަށާއި އެ ރޭހަށް ވަންނަން ވާދަ ކުރުމަށްޓަކައިވެސް ސްކޮޑް ވަރުގަދަ ކުރަން ބޮޑު ހޭދައެއް ކުރަން ޖެހޭ ކަމަށް އާޓެޓާ ބުންޏެވެ.
"ޗެމްޕިއަންސް ލީގްގައި ނެތިއްޔާ (މިސާލަކަށް) އަހަރެން މި ބުނަނީ ހޭދައެއް ނުކުރާނަމޭ މާލީގޮތުން އެވަރުގެ ގާބިލު ކަމެއް ނެތޭ،" ޓްރާންސްފާ ޕީރިއަޑްގައި ހޭދަ ކުރުން މުހިންމު ކަމަށް ބުނެ އާޓޭޓާ ވާހަކަ ދެއްކި އެވެ. "އެހެންނަމަވެސް އެހެން ކުލަބުތަކުން ހޭދަ ކުރާނެ، ދެން ވާގޮތަކީ އެހެން ޓީމުތަކާ އަހަރެންގެ ޓީމާ ފަރަގު ބޮޑުވާ ގޮތްވޭ."
އޭނާ ބުނީ، ޓީމަށް އިންވެސްޓް ކޮށްގެންވެސް ޗެމްޕިއަންސް ލީގްގެ ޖާގަ ނުހޯދިދާނެތީ ރިސްކެއް ނެގެންނެތުމުން ހަރަދު ނުކޮށް ހުރުމަކީ ބުއްދިވެރި ކަމެއް ނޫން ކަމަށެވެ.
"ބައެއް މަރުހަލާ ތަކުގައި ޖެހޭނެ (ހޭދަ ކުރަން) ނިންމަން، ވާދަ ކުރަން އަޒުމު ކަނޑައެޅުމަށްޓަކައި، ބޭނުމަކީ އެހެން ޓީމުތަކާ ފަރަގު ކުޑަ ކުރަން، އެކަން ނުކުރަންޏާ ހުރިތާންގައި ހުންނަންވީ."
އޭނާ ބުނީ، ޗެމްޕިއަން ލީގް ޖާގަ ހޯދުމުގެ ގޮތުން ޓްރާންސްފާގައި ރަނގަޅު މަސައްކަތްތަކެއް ކޮށްފައިވާ ކުލަބުތަކުން އަލުން އެ މާގަމަށް އެނބުރި އައިތަން ފެންނާނެ ކަމަށެވެ. ޓޮޕް ލެވަލްގެ ކުޅުންތެރިން އާސެނަލްއަށް ކުޅެން ބޭނުންވާނެތޯ ސުވާލު ކުރުމުން އާސެނަލްގެ ކެޕްޓަންކަންވެސް ކުރިން ކުރި އާޓެޓާ ބުނީ، އޭނާ ވަރަށް ގިނަ މީހުންނާ ވާހަކަ ދައްކާއިރު އާސެނަލްއަށް ކުޅެން ބޭނުންވާ ގިނަ ޓޮޕް ލެވަލްގެ ކުޅުންތެރިން ތިބޭކަން ފާހަގަ ކުރެވޭ ކަމަށެވެ.