ވިޔަފާރި

ސްޕޭންގެ މަޝްހޫރު "ކަތުނަމްބޫ ކޮފީ" ރާއްޖެއަށް

ސްޕެނިޝް ޕްރިމިއަމް ކޮފީ އެއް ކަމަށްވާ، ކަތުނަމްބޫ ކޮފީ އަށް ހާއްސަ ކެފޭ އެއް މާލޭގައި ހުޅުވައިފި އެވެ.

"ލެޓްސް ކޮފީ މޯލްޑިވްސް" ނަމުގައި ރޭ ހުޅުވި މި ކެފޭ ހުންނާނީ ހަވީރީ ހިނގުމުގައި ހުންނަ ލެޓްސްގޯ ޓަވަރުގެ އެންމެ ތިރީގަ އެވެ. މި ކޮފީ އަކީ 1897 ގައި އުފައްދަން ފެށި ކޮފީ އެކެވެ. 120 އަހަރު ވެފައިވާއިރު ދުނިޔޭގެ ގިނަ ގައުމުތަކެއްގެ މަގުބޫލުކަންވަނީ ހޯދާފަ އެވެ.

ކެފޭގެ އޯނަރު، މުހައްމަދު ރިޔާޒް ވިދާޅުވީ ކެފޭގެ އަމާޒަކީ "ލެޓްސް ކޮފީ"އަކީ ރާއްޖޭގައި ވިއްކާ އެންމެ ހައި ކޮލިޓީ ކޮފީ އަށް ހެދުން ކަމަށެވެ. އަދި ވިދާޅުވީ ޒުވާނުންނަށް ކޮފީ ހަދަން ދަސްކޮށްދިނުމުގެ ގޮތުން ބަރިސްޓާ ޓްރެއިނިން ޕްރޮގްރާމެއްވެސް ހިންގުމަށް ނިންމާފައިވާ ކަމަށާއި މި ޕްރޮގްރާމްގައި ކޮފީ އަށް ލޯބިކުރާ ޒުވާނުންނަށް ބައިވެރިވެވޭނެ ކަމަށް ވިދާޅުވި އެވެ.

އިތުރަށް ފާހަގަ ކުރެއްވީ، ލެޓްސް ކޮފީ ކެފޭ އަކީ ހަމަ އެކަނި ކޮފީ ބުއިމަށް މީހުން އަންނަ ތަނަކަށް ހެދުމުގެ އިތުރުން އެ ތަނަކީ ޓްރެއިނިން އިންސްޓިޓިއުޓް އަކަށް ހެދުން ކަމަށެވެ. އަދި ކެފޭގައި މިހާރު ތިބި ކޮލިފައިޑް މަސައްކަތްތެރިންނާއެކު ޕްރިމިއަމް ކޮފީ ވިއްކުމަށް ރަނގަޅު މާހައުލެއް ފޯރުކޮށްދެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

"ލެޓްސް ކޮފީ މޯލްޑިވްސް" ގެ ވެބްސައިޓް މެދުވެރިކޮށް، ވިއްކާ ކޮފީ ތަކާއި ޓްރެއިނިން ޕްރޮގްރާމްގެ މައުލޫމާތުވެސް ލިބޭނެ އެވެ.