(ދިހަވަނަ ބައި)
އާތިފާގެ ވާހަކަތަކުން އަޑު އިވިފައި ހައިރާންކަން ލިބެމުން ދިޔައެވެ. އޭނާގެ މޫނަށް ބަލައިގެން އިނދެވުނުވެ.
"ބަލަ މަ މި އަހަނީ އޭނާ ކަމެއް ކުރިހޭ؟" އާތިފާ ނުރުހިފައި އަހަންނާ ދިމާއަށް ބަލައިލިއެވެ.
"ކޮން؟ ކާކު؟" ސިހިފައި އަހަންނަށް ބުނެވެލެވުނެވެ.
"ޝާހިދާ." އާތިފާ ދެ ބުމަ ކައިރިކޮށްލަމުން ހިތްހަމަ ނުޖެހުނުކަން އަންގައިލިއެވެ.
"ކޮން؟" ފިނާގެ މޫނަށް ރޫތަށް ގިނަކޮށްލިއެވެ.
"ޝާހިދާ." އާތިފާ ތަކުރާރުކޮށްލިއެވެ.
"ކޮން ޝާހިދާއެއްތަ؟" އަހަންނަށް އަހައިލެވުނެވެ.
"ފެނުނުދޯ! ދިމާވިދޯ! އާނ! އެއީ އޭނާ،" އާތިފާގެ އަޑު ބަދަލުވާން ފެށިއެވެ. "ރަހުމުގެ ކަންފުޅެއް ވެސް ނެތް. ހަމްދަރުދީއާއި ކުލުނޭ މިކިޔާ އެއްވެސް ކަމެއް ނެތް."
އަހަންނަށް ފާޑަކަށް ބަލައިލެވުނީ އާތިފާގެ މޫނަށެވެ. ދެވަނަ ސިކުންތުގައި ފިނާގެ މޫނަށެވެ. އެއްފަހަރު ފިނާއަށް އަނެއް ފަހަރު އާތިފާއަށް ބެލުނެވެ. އާތިފާ ދައްކާވާހަކަތައް ދޭހަ ނުވެގެންނެވެ. ބުނާ ވާހަކަތައް ފަހުމު ނުވުމުންނެވެ.
"ކަލޭމެންނަށް އޭނާ ފެނުނުތަ؟ އޭނާ ވާހަކަ ދެއްކިތަ؟" ކޮންމެ މީހެއްގެ މޫނަށް ވަކިވަކިން ބަލަމުން އާތިފާ އަހައިލިއެވެ.
ފިނާ ބޯހޫރައިލިއެވެ. އަހަންނަށް ހުރެވުނީއެވެ. އާތިފާގެ މޫނަށް އަރައި ފައިބަމުންދާ ކުލަވަރަށް ބަލާށެވެ.
"ޝަރީފާ އޭނާ ވާހަކަދެއްކި ދޯ؟" އާތިފާ ބަލައިލީ ސީދާ އަހަރެންގެ މޫނަށެވެ.
އާތިފާ އުއްމީދުކުރީ އަހަރެން އާއެކޭ ބުނާނެ ކަމަށެވެ. އަހަރެން ބޭނުންވީ ގަސްތުގައި އޮޅުވާލާށެވެ. ގޮތް ނޭނގޭ މީހެއްގެ ވާހަކައިގެ ތެރެއަށް ނުވެއްޓޭށެވެ. އަމުދުން މޮޔައެއް ކަމަށް މީހުން ގަބޫލުކުރާ މީހަކު ދައްކާ ވާހަކައިގައި ނުޖެހޭށެވެ.
"މަށަށް އޭރުވެސް އެނގޭ ކަލޭ އެއްބަސް ނުވާނެކަން. ކަލޭ ބޭނުން ނުވާނެ މި ވާހަކަ ދައްކާކަށް ވެސް." އާތިފާ ފާޑަކަށް ހިނިތުންވެލިއެވެ.
އޭނާ ކުރިއަށް ޖެހިލާ ފިނާގެ ކަންފަތް ބުޑުގައި ވާހަކައެއް ބުނެލިއެވެ. އަހަންނަށް ފެނުނީ އޭނާގެ އަނގައިގެ ހަރަކާތްތަކެވެ. ދެއްކި ވާހަކައެއް ނޭނގުނެވެ. ފިނާގެ މޫނަށް ދެތިން ރޫއަރުވާލަމުން އަހަންނާ ދިމާއަށް ބަލައިލިއެވެ. ސުވާލުގެ ނަޒަރުންނެވެ. އަނެއްކާ ވެސް ފިނާގެ ކަންފަތާ ދިމާގައި އާތިފާ ކޮންމެ ވެސް ވާހަކައެއް ބުނެލިއެވެ. ދެއްކީ ކޮން ވާހަކައެއް ކަމެއް އަހަންނަކަށް ސާފެއް ނުވިއެވެ. މި ފަހަރު ވެސް ފިނާ ބަލައިލީ ސީދާ އަހަރެންގެ މޫނަށެވެ. ފާޑަކަށް ހިނިތުންވެލަމުންނެވެ. އަހަންނަށް ފާހަގަ ކުރެވުނީ އާތިފާ އަހަންނާ ގުޅޭގޮތުން ފާޑެއްގެ ލާނެތް ވާހަކައެއް ދައްކާކަމެވެ. އެހެންނޫނީ ފިނާ ވެސް އެ ނަޒަރުން އަހަންނާ ދިމާއަށް ނުބެލީހެވެ.
"ޗީޑި. ޑަރޓީ މައިންޑް؟" ފިނާ ދެ ބުމަ ކައިރިކޮށްލަމުން އާތިފާއާ ދުރަށް ޖެހިލިއެވެ.
ފިނާގެ މޫނުމަތިން ފެނުނީ ހިތްހަމަ ނުޖެހުމުގެ އަސަރުތަކެވެ. އަނެއްކާ ވެސް އާތިފާ ފިނާއާ ކައިރިވެލަން އުޅުނެވެ. ނަމަވެސް ފިނާ އެ ފުރުސަރެއް ނުދިނެވެ. އޭނާ ދުރަށް ޖެހިލީއެވެ.
"ޝަރީފުގެ މޭމަތީގައޭ ޝާހިދާ އިނީ. ހިލޭ އަންހެނަކު އަމިއްލަ ފިރިމީހާގެ މޭމައްޗަށް ލައިގެން އޮތުން ފިނާއަށް އޯކޭ ދޯ! މަ މިހެން ބުނީމަ ކަމު ނުދިޔައީ. އެހެންވީމަ ފިނާއަށް ވެސް ސަލާމަތެއް ނުވެވޭވެނެ." އާތިފާ ލާނެތް ފާޑަކަށް ބަލައިލަމުން ބުނެލިއެވެ.
އަހަންނަށް ބެލުނީ ސީދާ ފިނާގެ މޫނަށެވެ. އާތިފާގެ ސިއްރު ވާހަކަތައް އިވިފައި ފިނާގެ ވިސްނުމާއި ޚިޔާލު ބަދަލުވީތީ ސުވާލު އުފެދުނެވެ. އާތިފާ ދެއްކި ވާހަކަތައް އިވިފައި ފޫހިވާގޮތް ވެސްވިއެވެ.
"ކޮންހާ ސިއްރު ވާހަކައެއްތަ؟" ބަދަލުގައި އަހަންނަށް ކޮށްލެވުނީ ސުވާލެކެވެ. "ކޮންކަމަކާތަ ރުޅި އަންނަންވީ؟"
"ކޮން؟" އާތިފާ ކުރިއަށް ޖެހިލަމުން ބުނެލިއެވެ.
"ކޮބައިތަ ކަލޭގެ ބޭނުމަކީ؟" އަހަރެން ހިތްހަމަ ނުޖެހޭ ގޮތްވިއެވެ.
"އަހަރެން ބޭނުންވަނީ ކަލޭމެން ސަލާމަތްކުރާން. ކަލޭމެންނަށް ކަމެއް ދިމާނުވަނީސް މިތަނުން، މިރަށުން ފުރުވާލަން." އަޒުމާއެކު އާތިފާ ބުނެލިއެވެ.
"އަހަރުމެންނަށް ކޮންކަމެއް ދިމާވާނީ؟ ކަލޭ ތީ ކާކުތަ؟" ފިނާ ބުނެލިއެވެ. "ކަލޭ އިހަށް އެހެން މީހުންނަށް ހަމްދަރުދީ ނުވެ ފުރަތަމަ ކަމަށް އަމިއްލައަށް ތާހިރުވެބަލަ. އެއަށްފަހު ތި ފާސިދު ޚިޔާލުތައް ބޮލުންނެރެބަލަ."
"ކޮންމެ ފަދަ ހާލެއް ވެސް ޖެހިދާނެ." ނޭފަތުގައި އިނގިލި ޖައްސާލަމުން ފިނާ ބުނެލިއެވެ.
"މާނައަކީ؟" އަހަރެން ވެސް ހިތުގައި އޮތް ސުވާލު ދުލާހަމައަށް ބޭރުކޮށްލެވުނެވެ.
"ނޭނގޭނެ ދިމާވާނެ ކަމެއް. ދިމާވާނެއިރެއް. މިހާތަނަށް ހުރިހާ ކަމެއް ދިމާވެފައި އޮތީ ފިރިހެން މީހާއަށް. އަމުދުން ތި ކަހަލަ ވަރުގަދަ މީހުންނަށް،" އާތިފާ ބުނެލިއެވެ. "އެކަކު ވެސް އަހަރެން ވާހަކަ ގަބޫލެއް ނުކުރި. އެއްމެ މީހަކު ފިޔަވާ. އެމީހުން ސަލާމަތްވީ ހަމަ ކިރިޔާ. އަހަރެން އަތުގައި އެމީހުންގެ ނަންބަރު ވެސް އޮންނާނެ. ބޭނުންނަމަ ދީފާނަން."
"ކޮންކަމެއް ދިމާވާނެ ވާހަކައެއް ތި ކިޔަނީ؟ ކޮން ވާހަކައެއް ތި ދައްކަނީ؟" އަހަންނަށް އުނދަގޫ ގޮތްތަކެއް ވާން ފެށިއެވެ.
"މި ދައްކަނީ ޝާހިދާގެ ވާހަކަ. އޭނާގެ ސަބަބުން ކަލޭމެންނަށް ނުތަނަވަސްކަމެއްގައި އުޅެން ޖެހޭނެ ވާހަކަ. ޝަރީފު ދޮގު ހެދިޔަސް އަހަންނަށް ހުރިހާ ކަމެއް އެނގޭ. ރޭގައި ހިނގައިދިޔަ ކަންތައް ވެސް އެނގޭ."
"ކޮންކަމެއް؟ އެނގެންޏާ ދެން ކީއްކުރަން ތިހާ ސުވާލު ގިނަ ކުރަނީ. މިހާ ހާސަރު ގިނަވަނީ. ވެގެން އުޅޭ ގޮތް އެއްފަހަރުން ބުނެދޭންވީނު." ހިތްހަމަ ނުޖެހި ހުރެ ފިނާ ބުނެލިއެވެ.
"މައްސަލައަކީ ސިރާޖު. އޭނާ ހުރިހާ ވެސް މައްސަލައަކީ. އޭނާގެ ރޭވުން، އޭނާ ބޭނުން ގޮތް." އާތިފާ އަނެއްކާ ވެސް ފެށިއެވެ.
"އަނެއްކާ އަނެއް ވާހަކަ ފެށީ. އަހަންނަށް ތި ހުރިހާ ވާހަކައެއް އަލިފުން ޔާއަށް އަޑުއަހާނެހާ ވަގުތެއް ނެތް. އަޑު އަހަންވެސް ބޭނުމެއް ނޫން." ފިނާގެ ރާގު މުޅީން ބަދަލުވިއެވެ.
"އަހަންނަށް ހީވަނީ އާތިފާ އަހަރުމެންގެ ދުވަސް ހަރާބުކޮށްލަން ބޭނުންވާހެން." އަހަރެން ވެސް ހިތްހަމަ ނުޖެހި ހުރެ ބުނެލީމެވެ.
"ކަލޭމެން ބޭނުންގޮތަކަށް ވިސްނާ. އެކަމަކު ފަހުން އަހަރެން ގާތަށް ނާންނާތި. ފަހުން ދެރަ ނުވާތި." އާތިފާ ވެސް ރުންކުރު ރާގެއްގައި ބުނެލިއެވެ.
"ފިނާ ހިނގާ ދަމާ،" އަހަރެން ބޭނުންވީ ގެއަށްދާށެވެ. "މުޅި ދުވަސް ހަރާބުކޮށްލައިފި."
ފިނާގެ އަތުގައި ހިފައިލަމުން އަހަރެންގެ ހިނގައި ގަތީމެވެ. ފާޑަކަށް ތުން އަނބުރައިލަމުން ފޫހި ގޮތަކަށް ފިނާ ވެސް ބަލައިލީ އާތިފާގެ މޫނަށެވެ.
"އެންމެނަށް ވެސް ގޯސްވާނީ އަހަރެން، އާނ އަހަންނަކީ ވިއްޔަ މޮޔައަކީ، މި ހުރިހާ އެންމެންނަކީ ހޭ ޖެހޭ މީހުން ވިއްޔަ. އެކަމަކު މި މީހުން ކުރާ އެއްވެސް ކަމެއް ގޯހެއް ނުވާނެ. ހުރިހާ އިރަކު މި އެންމެން ތިބެނީ ސަޖިދައިގަ ވިއްޔާ!" އާތިފާ ހިތްހަމަ ނުޖެހުނެވެ.
އަހަންނަށް ދެތިން ފިޔަވަޅު އަޅައިލުމަށްފަހު ހުއްޓެން މަޖުބޫރުވިއެވެ. އާތިފާގެ ޖުމުލައެއް ކަންފަތުން ސިކުނޑިއަށް ވަދެގަތް ގޮތުންނެވެ.
"ފަހުން ނާންނާތި. ކަރުގައި ހުރި ނިޝާނަށް ވީގޮތް އަހަން. ފަހުން ނުބުނާތި އަހަރެންގެ ވާހަކަތައް އެހުނު ނަމައޭ." އަހަރެން ހުއްޓި ލުމުން އާތިފާ ތަކުރާރުކޮށްލިއެވެ.
އަހަންނަށް ފަސްއެނބުރި ބަލައިލެވުނެވެ. އާތިފާއަށެވެ. އޭނާގެ މޫނަށެވެ. އާތިފާ ހުރީ ހިތްހަމަ ނުޖެހިފައެވެ. އެކަން އޭނާގެ މޫނުމަތިން ސާފުކޮށް ބުނެދެއެވެ.
"އަހަންނަކީ އަދިވެސް ހަމަ މޮޔަ އާންޓީ. މޮޔަ އާތިފާ. ހަމަނުޖެހޭ ވާހަކަދައްކާ އާންޓީ. ކީއްވެ ތި ހުއްޓުނީ؟ ކީއްވެ ތި ބަލަނީ؟" އާތިފާގެ އަޑު ބާރުވިއެވެ.
އޭނާގެ ރާގު ބަދަލުވެ މޫނުމަތީގެ ކުލަވަރު ބަދަލުވަމުން ދިޔައެވެ. އާތިފާ ގާތަށް ދާންވީތޯ އޭނާގެ ވާހަކަ އަޑުއަހައިލަންވީތޯ ހިތައިހިތާ ސުވާލުކުރެވުނެވެ.
"އަދިވެސް ބުނެދޭނަން. އަޑުއަހަން ބޭނުމިއްޔާ އާދޭ." އާތިފާ ބަލައިލީ ސީދާ އަހަންނާ ދިމާއަށެވެ.
"ހިނގާ ގެއަށްދާން. ރަނގަޅަށް ވެސް އޭނާ ހަމަނުޖެހޭ." ފިނާ އަހަރެންގެ މުލައްދަނޑީގައި ހިފައިލަމުން ބުނެލިއެވެ.
"މޮޔައިން ދައްކާ ވާހަކައިގައި ވެސް ހަގީގަތްތަކެއްވާނެ. ބުއްދި ހަމަ ނުޖެހޭ މީހުން އަބަދު ދައްކާނީ މޮޔަ ވާހަކައެއް ނޫން. ހަމަނުޖެހޭ ވާހަކައެއް ނޫން. ބައެއް ފަހަރު އެމީހުންދައްކާ ވާހަކައިން ހަމަނުޖެހޭ ކަމެއް ފެނުނަސް ފުންކޮށް ވިސްނައިލީމަ އެނގޭނެ އެމީހުން އެ ދައްކަނީ ވަރަށް ބަރާބަރު ވާހަކަތަކެއްކަން." ފިނާގެ މޫނަށް ބަލައިގެން ހުރެ އަހަރެން ބުނެލީމެވެ.
"ތިބުނީ؟" ފިނާގެ ސުވާލުތަކުން ފުރިފައިވާ ހިތަކާއެކު ބުނެލިއެވެ.
"މި ބުނީ އާތިފާ އެ ދައްކާ ވާހަކަތަކުގައި ވެސް ހަގީގަތެއް އޮވެދާނޭ. އަހަރުމެން އެ ވާހަކަތައް އަޑުއަހައިލުމަކުން ގެއްލުމެއް ނެތެއްނޫންހޭ. އަހަރުމެންނަކީ ކުރާނެ ކަމެއް އޮތް ބައެއް ނޫނޭ." އަހަރެން ބެލީ ފިނާއަށް ވިސްނައިދެވޭތޯއެވެ.
"ހަނީމޫނަށް އަހަރުމެން އައީ މޮޔައެއްގެ އަޑުއަހަންތަ؟" ފިނާ ހިތްހަމަ ނުޖެހިފައި ހުރެ ބުނެލިއެވެ. "ޝަރީގެ މައްސަލައަކީ ތިއޭ. މާހިތްބަލިވުން، މާއަވަހަށް އިމޯޝަނަލްވުން. މީހަކު އެއްޗެއް ބުނާއިރަށް ހިތް ބަދަލުވުން."
"ފިނާއެއް ނޫންތަ އޭނާ ސިއްރުން ދެއްކި ވާހަކަ ވެސް އަޑުއެހީ؟" އަހަންނަށް ހިތްހަމަ ނުޖެހި ހުރެ ބުނެލެވުނެވެ.
"އޭނާ ނުދައްކާ މާގިނަ ވާހަކައެއް. އޭނާ ބުނީ އޭނާ ވަރަށް ޖޭވެޔޯ ޝަރީކަހަލަ ބައިމަތި ފުޅާ، ފަތިހަށި މީހަކު އަހަންނަށް ލިބުނީމަ." ފިނާ ފޫހި ގޮތަކަށް ބުނެލިއެވެ.
"ހެއް." އަހަންނަށް ފާޑަކަށް ހެވުނެވެ.
"ދެން ބުނީ ބަލައިބެލުމަށް ރަހަ ރަނގަޅުވެފައި ކުޅަދާނަ ވާނޭ." ފިނާ އަހަރެންގެ އަތަށް ބާރުކޮށްލިއެވެ.
އަހަރެން ގާތަށް ވެސް އައީ ފާޑެއްގެ ހިންޏެކެވެ. ފިނާގެ މޫނުމަތިން ފޫހިވާކަމުގެ ނިޝާންތައް ފެނުނެވެ.
"ހާދަ ވިސްނުން ވެސް ގޯހޭދޯ. އެހެންވީމަ އޭނާގެ މަގުސަދު ވަރަށް ސާފުހެން ހީވަނީ. އަހަރެން ނޫޅެން ސަމުސަލަކަށް ވާކަށް." ފިނާގެ އުނަގަނޑުގައި އަތްއެޅުވާލަމުން ހިނގައިގަތީމެވެ.
އަނެއްކާ އާތިފާ ބާރަށް ހަޅޭއްލަވާގަތް އަޑު އިވުނެވެ. އަހަރުމެން ފަހަތެއް ނުބަލަމެވެ. އޭނާގެ އަޑު އިވުނަސް އަޅައިނުލާ ކުރިއަށް ހިނގައިގަތީއެވެ. ފިނާ ދެއްކި ވާހަކަތަކުން އާތިފާގެ ހިތުގެ މުޑުދާރު ވަސް ދުވަން ފެށީއެވެ. އޭނާގެ ވިސްނުމުގެ ނުބައިކަން ހާމަވީއެވެ.
އިތުރު ބައެއްގެ އަޑު އިވޭހެން ހީވުމުން އަހަރުމެން ފަސްއެނބުރި ބަލައިލީމެވެ. ފެނުނީ ފުލުހުންނާއެކު އުޅުނު ދެތިން އަންހެނުންނެވެ. އެމީހުން އާތިފާ ގެންދެވޭތޯ އުޅުނެވެ. އޭނާ ނުދާން ވަރަށް ވަރު ދައްކަމުން ދިޔައެވެ. ބާރުބާރަށް ހަޅޭއްލަވަމުން ވީއްލިގަންނަން އުޅެނީއެވެ.
"އެ ދަނީ. ޝާހިދާ. ޝާހިދާ އުޅެނީ އޭނާއާ ހިތާ ވެގެން. ޝާހިދާ ރޭ ވެސް އެ ތަނަށް ވަތް. އޭނާ މޭމަތީގައި އިށީނދެ އިން. ޝާހިދާ އޭނާގެ ކަރުގައި ހިފި. އެތަންތަން ނޫފައިގެންފައި ވެސް ހުރި. އޭނާގެ ފެންވެރީމަ އެތަންތަން ދިޔައީ ވެސް. ގޮސް އަހައިބަލަ. ޔަގީންކޮށްބަލަ. އަހަރެން މިދައްކަނީ ތެދުތޯ އަހައިބަލަ." އާތިފާ ބާރަށް ހަޅޭއްލަވަން ފެށިއެވެ. (ނުނިމޭ)