ލައިފްސްޓައިލް

ވިދްޔާގެ "ޝަކުންތަލާ ދޭވީ" ޓްރެއިލާއަށް ތައުރީފު އޮހެނީ

ވިދްޔާ ބާލަންގެ އާ ފިލްމު "ޝަކުންތަލާ ދޭވީ"ގެ ޓްރެއިލާ މިހާރު ލޯންޗުކޮށްފައިވާއިރު ޓްރެއިލާ ބަލާފައި ގިނަބަޔަކު ދަނީ މި ފިލްމު ވަރަށް މޮޅުވާނެކަމަށް ބުނެ ތައުރީފު ކުރަމުންނެވެ.

މި ފިލްމަކީ "ހިއުމަން ކޮމްޕިއުޓަރެއް"ހާ ހިސާބު އިލްމަށް މޮޅު މީހެއްގެ ބައޮޕިކް ކަމަށް ވާތީ ޝަކުންތަލާގެ ރޯލު ވިދްޔާ ކުޅެލާފައިވާލެއް ވަރަށް މޮޅު ކަމަށް ސޯޝަލް މީޑީއާގައި ފިލްމަށް ތައުރީފުކުރާ ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

މި ފިލްމުގައި ވިދްޔާގެ ދަރިފުޅުގެ ރޯލު ކުޅެނީ ސަންޔާ މަލްހޯތުރާ އެވެ. ޓްރެއިލާއިން ފެންނަ ގޮތުގައި ސާންޔާގެ ޕާފޯމަންސް ވެސް ވަކި ވިދްޔާ އަށް ދުލެއް ނުކުރެ އެވެ.

މި ފިލްމުގައި މައިގަނޑު ގޮތެއްގައި ދައްކާދެނީ ވިދްޔާގެ ކެރެކްޓާ އާއި އޭނާގެ ދަރިފުޅާ އޮންނަ ގުޅުން ގޯސްވެގެން ގޮސް ދިމާވާ ކަންތައްތަކަކާއި ވިދްޔާގެ ހިސާބު އިލްމުގެ ހުނަރުގެ މޮޅުކަމެވެ.

ޓްރޭޑް އެނަލިސްޓް ތަރަން އާދާޝްގެ ޓުވީޓެއްގައި ބުނެފައިވާ ގޮތުގައި "ޝަކުންތަލާ ދޭވީ" ޓްރެއިލާ ވަރަށް ފުރިހަމަ އެވެ. އަދި ފިލްމު މިއަށް ވުރެ ވެސް ފުރިހަމަ ވާނެކަމަށް ބެލެވެ އެވެ. ވިދްޔާ އާއި ސާންޔާގެ ޕާފޯމަންސަށް ތަރަން ވެސް ވަނީ ތައުރީފުކޮށްފަ އެވެ.

ވިދްޔާގެ ވަރުގެ ހުނަރުވެރި ބަތަލާއެއް ބޮލީވުޑުން މަދުން ނޫނީ ނުފެންނާނެ ކަން މި ފިލްމުން ވެސް އޭނާ ސާބިތު ކޮށްދީފައިވާ ކަމަށް ވެސް ބައެއް މީހުންގެ ކޮމެންޓުތަކުގައި ބުނެފައި ވެއެވެ.

މި ފިލްމުވެސް ތައްޔާރުކުރީ ސިނަމާގައި އަޅުވަން ނަމަވެސް މިހާރު ހަމަޖެހިފައިވާ ގޮތުން މި ފިލްމު ވެސް ރިލީޒްކުރާނޭ އޮންލައިންކޮށެވެ.

އެގޮތުން މިމަހުގެ 31 ވަނަ ދުވަހުން ފެށީގެން އެމެޒޯން ޕްރައިމް ވީޑީއޯ އިން ފިލްމު ސްޓްރީމް ކުރަން މިހާރު ވަނީ ހަމަޖެހިފައެވެ.