ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރިޕޯޓް

ރާއްޖެ ހުޅުވާލުން: ހުރިހާ ގޮތަކުން އުންމީދު

ރާއްޖޭގެ ބޯޑަރު ހުޅުވާލުގެ ގޮތުން އެއާޕޯޓުގައި އިއްޔެ ބޭއްވި އިވެންޓް-- ވީޑިއޯ: އާއިމް ޒަމީރު | އަވަސް

މި އަހަރުގެ މާޗު މަހުން ފެށިގެން ދުނިޔޭގެ ގިނަ ބަޔަކު ތިބީ ގޭގަ އެވެ. ކޮވިޑް-19 ގެ ބަލި ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ފެތުރެމުން ދިއުމާއެކު ބޭރަށް ނުކުންނަނީ ކޮންމެހެން ބޭނުވެއްޖެ ހާލަތެއްގަ އެވެ. މި ބަލީގެ ބިރަށްޓަކައި ގިނަ ގައުމު ތަކަށް އެތެރެވުމާއި ބޭރުވުން އޮތީ މަނާކޮށް ގައުމުތަކުގެ ބޯޑަރުގައި "ތަޅު" އަޅުވާފަ އެވެ. ދުނިޔޭގެ އާބާދީގެ ބޮޑުބައި ތިބީ މި ހާލަތުގަ އެވެ. ރާއްޖެ ވެސް އޮތީ ހަމަ މިހާލަތުގަ އެވެ. އެކަމަކު ރާއްޖެއާ އެހެން ގައުމުތައް ތަފާތެވެ. ދިވެހިންނަށް މީގެ ގެއްލުން މާބޮޑެވެ. ސަބަބަކީ ދިވެހިންގެ ދިރިއުޅުމުގެ ބޮޑުބައި ޓޫރިޒަމަށް ބަރޯސާވެފައި އޮތުމެވެ.

މި ސިނާއަތު "ރީ-ސްޓާޓް" ވެގެން ނޫން ގޮތަކަށް ދިވެހިންނަށް ހިރިލެވެން ވެސް ނެތުމެވެ. އެހެންވެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ސަރުކާރުގެ އެންމެ ފުޅާ ވިސްނުމަކަށްވީ ބަލި މައިތިރިކޮށް ބޯޑަރު ހުޅުވުމެވެ. ދަތުރު ކުރަމުން ދިޔައީ އެ މަގަށެވެ. އެގޮތުން އިއްޔެ ވަނީ ރާއްޖޭގެ ބޯޑަރު ތިން މަހަށް ވުރެ ގިނަ ދުވަހަށްފަހު އަލުން ހުޅުވާލާފަ އެވެ. ރާއްޖޭގެ ބޯޑަރު ހުޅުވާލުން ވަނީ ހުރިހާ ގޮތަކުންވެސް އުންމީދު އާ ވިކަމަށެވެ.

އިގްތިސޯދު ހުޅުވުމާއެކު އުންމީދީ އިހުސާސްތައް ވަނީ އެއާޕޯޓުގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުން އަވަސް އަށް ހިއްސާކޮށްފަ އެވެ.

ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާތާ 26 އަހަރުވެފައިވާ ވިލާ ހޮޓެލްސްގެ ސީނިއަ އެއާޕޯޓް ރެޕްރެޒެންޓޭޓިވް އަބްދުލް މުންނީން އިބްރާހިމް އެއާޕޯޓުގައި ހުރެ އަވަސް އަށް އިއްޔެ ބުނި ގޮތުގައި ބޯޑަރު އަލުން ހުޅުވުމަކީ އުންމީދުން ފުރިގެންވާ ކަމެއް ކަމަށާއި، މިއީ ފެށުމެއް ކަމަށެވެ.

"އަލުން އަނބުރާ މަސައްކަތުގެ ތެރެ އަށް އާދެވުނީމަ ވަރަށް އުފާވޭ. އުންމީދު ކުރަނީ ވަރަށް ރަނގަޅުވާނެ ކަމަށް. މިއީ އުންމީދެއް،" ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާތާ 26 އަހަރުވެފައިވާ، މުންނީން ބުންޏެވެ. "އިތުރު ބުކިންތައް ވެސް ލިބެން ފަށައި، އެހެންވެ އުންމީދު އާވެއްޖެ."

އުންމީދީ މާކެޓުތައް ދިރުމުގެ ނިޝާން

ރާއްޖޭގެ ބޯޑަރު އިއްޔެ ހުޅުވާލައި، އައި ފުރަތަމަ އެއާލައިންގައި 104 ޓޫރިސްޓުން އައިސްފައިވެ އެވެ. ޓޫރިސްޓުން އައި ގައުމުތަކުގެ ތެރޭގައި ރާއްޖޭގެ އެންމެ އުންމީދީ އެއް މާކެޓް ކަމަށްވާ އެމެރިކާ ހިމެނުމަކީވެސް ޓޫރިޒަމްގެ ކުރިމަށް އޮތް އުންމީދެކެވެ. އާ މާކެޓެއް އުފެދިގެން ދިއުމުގެ އުންމީދު އޮތް ކަމެކެވެ. ގަތަރުގެ ވެރިރަށް ދޯހާ އިން އައި މި ފްލައިޓުން އެންމެ ގިނަ އިން އައިސްފައިވަނީ ތުރުކީ މީހުންނެވެ. އެ ގައުމުން 14 މީހުން އައިސްފައިވެ އެވެ. އަރަބި ގައުމުތަކަކީ މަހުޖަނުންގެ ބޮޑު މާކެޓެއް އޮތް ސަރަހައްދެކެވެ. އެހެންވެ އުންމީދު ކުރަނީ މި މާކެޓު އިތުރަށް ފުޅާ ވެގެން ދިއުމެވެ.

ރާއްޖެ އިއްޔެ އައި ގިނަ ޓޫރިސްޓުން ފައިބައިގެން އައިއިރު މޫނުމަތިން ފެނިގެން ދިޔައީ ހިތްހަމަ ޖެހުމެވެ. ބޯޓުން ފައި ބައިގެން ބަހަށް އަރައިގެން އިމިގްރޭޝަންގެ ކަންތައް ނިމުމާއެކު ބޭރަށް ނުކުތް ގިނަ ބަޔަކު ފުރަތަމަ ވެސް ދިޔައީ ލޯންޗްތައް ފުރާ ސަރަހައްދު ތޮށިގަނޑު މައްޗަށެވެ. ގޮސް އެ މީހުން އަޅައިގެން ތިބި މާސްތައް ނަގައި އަންގި ވެސް ނައްޓައިގެން އުޅުނު މަންޒަރު ފެނުނެވެ.

ގަތަރު އެއާވޭސްއިން އިއްޔެ އައި ރަޝިއާ ޓޫރިސްޓަކު ބުނި ގޮތުގައި ރާއްޖެ އަންނަން އަބަދު ވެސް އުންމީދު ކުރި ކަމަށެވެ. ނަމަވެސް ކޮވިޑް-19 ފެތުރެން ފެށުމުން ނާދެވި ލަސްވީ ކަމަށް އޭނާ ބުންޏެވެ.

"އަބަދު ވެސް ރާއްޖެ ދާ ބޭނުންވި، އެހެންވެ ރާއްޖޭގެ ރީތި ފޮޓޯތައް ވަރަށް ގިނަ އިން ބަލަން. ރާއްޖެ އާދެވުނީމަ މި އެނގުނީ ރާއްޖޭގެ މާހަލުގައި ހުރި މަޑުމައިތިރިކަން. ހިތްހަމަ ޖެހުން. މިއީ މުޅިން އެހެން ދުނިޔެ އެއް،" ޕެރެޑައިސް އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރަން ދިޔަ ރަޝިއާ މީހާ ބުންޏެވެ.

ގައުމަށް ހަމަނޭވާ ލާން ފެށުން

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލިއިރު އިގްތިސޯދު ހީނަރުވުމުގެ ސަބަބުން ދައުލަތުގެ އާމްދަނީއަށްވެސް ވަނީ އަސަރުކޮށްފަ އެވެ. މި އަހަރު 30 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ބެލުނު ނަމަވެސް މިހާރު ލަފާ ކުރެވެނީ އާމްދަނީ އިން 14.1 ބިލިއަން ރުފިޔާ ވަރު އުނި ވާނެ ކަމަށެވެ. އެހެންވެ ސަރުކާރުން ކުރިން ބުނެފައިވަނީ އިގްތިސޯދު އޮތީ ވެންޓިލޭޓަރެއްގެ އެހީގައި ކަމަށެވެ. ބޯޑަރު ހުޅުވުމަކީ ވެންޓިލޭޓަރު ނެއްޓުމުގެ ފެށުން ކަމަށް ބުނެވިދާނެ އެވެ.

ބޯޑަރު އަލުން ހުޅުވުމާލުމާ ބެހޭ ގޮތުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވާ ގޮތުގައި މެހުމާނުންނަށް ރާއްޖެ އަލުން ހުޅުވާލުމަކީ އުންމީދުން ފުރިގެންވާ ކަމެއް ކަމަށެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވި ގޮތުގައި ބޯޑަރު ހުވުމަކީ އުންމީދީ ދުވަހެއް ކަމަށެވެ.

"ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އާއި އެމްއޭސީއެލް އަދި ފޮރިން މިނިސްޓްރީ އާއި ބައިވެރި ފަރާތްތަކެއްގެ މަސައްކަތުން މި ހިސާބަށް އާދެވުނީ. ބޯޑަރު އަލުން ހުޅުވުމާއެކު ބޭރުގެ ގައުމުތަކުން އެންމެ ބޮޑަށް ބަލަނީ ރާއްޖޭގައި އިންފެކްޝަންސް އޮތް މިންވަރާއި ފެތުރޭ މިންވަރުގެ އިތުރުން ބައްޔާ ދެކޮޅަށް އަޅާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް،" ފައްޔާޒު ވިދާޅުވި އެވެ.

ބޯޑަރު އަލުން ހުޅުވުނުއިރު އިތުރު އެއާލައިން ތަކެއް އަންނަން ވަނީ ޝެޑިއުލް ނެރެފަ އެވެ. މީގެތެރޭގައި ބޮޑެތި އެއާލައިންތައް ހިމެނެ އެވެ. އެހެންވެ އުންމީދު ކުރަނީ މި އަހަރުގެ ޓާގެޓަށް ވާސިލްވުމެވެ.