ދުނިޔެ

ލަންކާގެ ރައީސް ރާޖަޕަކްސަ އަށް ނާކާމިޔާބު ވެދާނެ ކަމަށް ބެލެވެން ފަށައިފި

Jan 9, 2015

ފަހުގެ ތާރީހެއްގައި ސްރީ ލަންކާގައި ބޭއްވި އެންމެ ވާދަވެރި ރިޔާސީ އިންތިހާބުގެ ނަތީޖާ ސާފުކުރަމުން ދާއިރު މިހާތަނަށް ސާފުކުރި ނަތީޖާ އިން ރައީސް މަހިންދަ ރާޖަޕަކްސަ އަށް ނާކާމިޔާބު ވާނެ ކަަމަށް ބެލެވެން ފަށައިފި އެވެ.

މިއަދު އިރު އެރުމާ ހަމަޔަށް އާންމުކުރި ނަތީޖާ އިން ދައްކާ ގޮތުން ރައީސް ރާޖަޕަކްސަ އަށް ލިބިވަޑައިގެންފައި ވަނީ 46.8 ޕަސެންޓް ވޯޓެވެ. އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓް މައިތިރިޕަލާ ސިރިސޭނާ އަށް 51.9 ޕަސެންޓް ލިބިފައިވެ އެވެ. ވޯޓުގެ ތަފާތު މިހާ ކުޑަކޮށް އުޅޭ އިރު ނަތީޖާ އަށް ކޮންމެ ވަގުތެއްގައި ވެސް ބަދަލު އަތުވެދާނެ ކަމަށް ބެލެވެ އެވެ.

ރާޖަޕަކްސަ އިންތިހާބު ބާއްވަވާފައި ވަނީ އޭނާގެ ރިޔާސީ ދައުރު ހަމަވާން ދެ އަހަރު އޮއްވަ އެވެ. އިންތިހާބު އަވަސްކުރެއްވީ ރާޖަޕަކްސަ އަށް އޮތް ތާއީދު ކުޑަވަމުންދާ ކަމަށް ފާހަގަވުމުން ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ. ނަމަވެސް އިންތިހާބަށް އިއުލާނުކުރުމާ އެކު، ގާނޫނު ހަދާ މަޖިލީހުން ވެސް 25 މެންބަރަކު ސަރުކާރުން ވަކިވެ އިދިކޮޅު އިއްތިހާދާ ގުޅިފައިވެ އެވެ.

ރާޖަޕަކްސައަާ ދެކޮޅު ފަރާތްތަކުގެ ކަންބޮޑުވުންތަކުގެ ތެރޭގައި ކޮރަޕްޝަން އާންމުވުމާއި ގައުމުގެ ދަރަނި ބޮޑުވުމާއި ސިޔާސީ މިނިވަންކަން ހަނިކުރުން ހިމެނެ އެވެ. އަދި ރާޖަޕަކްސަ އަށް ނާކާމިޔާބީއާ ކުރިމަތިވެއްޖެ ނަމަ ވެރިކަަން ހަވާލު ނުކޮށްފާނެ ކަމަށް ވެސް ބައެއް މީހުން ބުނެ އެވެ. ނަމަވެސް އޭނާ ވިދާޅުވެފައި ވަނީ ކާމިޔާބުވާ މީހަކާ ސުލްހަވެރިކަމާ އެކު ވެރިކަން ހަވާލުކުރާނެ ކަމަށެވެ.

އިންތިހާބުގައި ވޯޓު ލުމަށް 22 ޑިސްޓްރިކްޓެއްގައި 12314 މަރުކަޒު ގާއިމުކޮށްފައި ވާއިރު، ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން 70 ޕަސެންޓް މީހުން ވޯޓު ދީފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ. މިއީ ވާދަވެރިކަން ބޮޑު އިންތިހާބެއް ކަމަށް ވިޔަސް އިލެކްޝަންސް ކޮމިޝަނުންނާއި ފުލުހުން ވެސް ބުނެފައި ވަނީ މިއީ މިހާތަނަށް ބޭއްވުނު އެންމެ އަމާން އެއް އިންތިހާބު ކަމަށެވެ.

އިންތިހާބު އޮބްޒާވްކުރާ ފަރާތްތަކުން ވެސް ބުނީ ބައެއް ހިސާބުތަކުގައި ބައެއް ހާދިސާތައް ހިނގާފައި ވިޔަސް ޖުމުލަ ގޮތެއްގައި ހުރިހާ ކަމެއް ވެސް ކުރިއަށް ދިޔައީ އަމާންކަމާ އެކުގައި ކަމަށެވެ.