ލައިފްސްޓައިލް

އިންސްޓަކެފޭ ބިޒްނަސް މޮޑެލް ސަޅި!

"މި ގެއިން ހެދިކާ ވިއްކަން" މިއީ ކުރިން ގޭގެ ދޮރާށިގައި ތަތްކޮށްފައި ހުންނަ ލިޔުމެކެވެ. މި ލިޔުން މިހާރު ގޭގެ ދޮރާށީގައި ތަތްކޮށްފައި ހުންނަ ތަން ނުފެނިދާނެ އެވެ. އެކަމަކު އިންސްޓަގްރާމް އަކީ ގޭގައި ތިބެގެން ކާބޯތަކެތި ހަދާ ފަރާތްތަކަށް އެމީހުންގެ ވިޔަފާރި މީހުނަށް ޕްރޮމޯޓް ކުރުމަށް މިފަހަކަށް އައިސް ބޭނުން ކުރާ އެއް ވަސީލަތެވެ.

ލޮކްޑައުންގައި ފައްކާ ކުރި ކެއްކުމުގެ ހުނަރުން ތައްޔާރުކޮށް އުފައްދާ ޕޭޖްތަކަށް ލުމަކީ މިހާރު ދެން އެންމެ ފަސޭހައިން އާމްދަނީއެއް ހޯދޭނެ ވެސް އެއްގޮތެވެ. އެއީ އިންސްޓަގްރާމް މި އޮތީ މިހުރިހާ ކާބޯތަކެތި ފަސޭހައިން މާކެޓް ކޮށްދޭށެވެ. މި އެކައުންޓްތަކުން ވިއްކާ ތަކެތީގެ ފޮޓޯބަލައިލާ އިރަށް ކުޅުދިޔާ ކޮށްލާނެ އެވެ.

ގިނައީ ފޮނި ކާތަކެއްޗެވެ. މިއަށް ޑިމާންޑް ބޮޑެވެ. ލޮކްޑައުންގެ ކުރިން ބްރައުނީ އަކީ ބޮޑު އެއް ހިޓަކަށް ވެދާނެ އެވެ. އެހެންނަމަވެސް މެގްނަމް ޕުޑިން އާއި ބިސްކިޓް ޕުޑިން އަދި މިފަހަކަށް އައިސް ބަޓަ ކޭކްސްވެސް ފޮއިލްޓްރޭގައި ވިއްކަމުން އަންނަ ތަން ފެނެއެވެ. ލޮކްޑައުން އަށް ފަހު ވޭތުވިޔަ ދުވަސްތަކުގެ ތެރޭގައި ވަކިން ބޮޑަށް މި މޮޑަލްގެ އާ ވިޔަފާރިތައް ގިނަ ކަމަށް ފާހަގަވި އެވެ.

ބަަރުދަން ލުއި ކުރަން ބޭނުން ވެގެން އުޅޭ މިހޭއް ނަމަ މިދުވަސްވަރު އިންސްޓަގްރާމް އަށް ނުވަދެ އުޅޭވޭތޯ ވެސް ބަލާފާނެ އެވެ. އެހެން ނަމަވެސް، ފާހަގަވީ ދިވެހި ކެއުމުގެ ބާވަތްތަކާއި، ފޮނިކާ އެއްޗެއްސާއި އަދި ހަށިގަނޑު ދުޅަހެޔޮކޮށް ބަހައްޓަން ބޭނުންވާ މީހުންނަށް ބޭނުންވާ ކާނާ ވިއްކާ ހާއްސަ ޕޭޖްތައް ވެސް އެވަރަށް ހިނގަ އެވެ.

އިންސްޓަ ކެފޭ ރަނގަޅު ވިޔަފާރި މޮޑެލް އެއް

އިންސްޓަ ކެފޭއެއް ވިޔަފާރި މޮޑެލްއަށް ބަލާ އިރު މިއީ އުފައްދަން ފަސޭހަ މޮޑެލްއެކެވެ. މިއީ މޮޑެލް އަށް ވިޔަފާރި ކުރަން ވަންނަން ފަސޭހަ އެވެ. ކުރު ގޮތަކަށް ބުނާނަމަ ކެއްކުމުގެ ޕެޝަން އަކާއި ހިތްވަރެއް ހުރެއްޖެނަމަ ކާމިޔާބު ވާނެއެވެ.

ހަމަ އެކަނި ބޭނުންވަނީ ފައްކާ ކޮށްފައިވާ ޕްރޮޑަކްޓް އަކާއި ރަނގަޅު ޑެލިވަރީ ނިޒާމެކެވެ. ދެން "ވޯޑް އޮފް މައުތެ" ވެ. އިންސްޓަގްރާމް އިން މިކަން ކޮށްދެ އެވެ. ސޯޝަލް މީޑިއާގައި ލިޔާ ރިވިއުތައް މި ވިޔަފާރި މޮޑެލްގައި މުހިއްމެވެ. އެކަކު އޯޑަރު ޖަހާލާ ސްޓޯރީއަކަށް ލާ އިރަށް އަލަށް މާކެޓަށް ވަންނަ ފަރާތްތަކުގެ ވިޔަފާރި އެހެން މީހުންނަށް ފަސޭހައިން ތައާރަފުކޮށް ދެ އެވެ. އަދި އޭނާގެ ތަޖުރިބާ އަކީ ކޮބައިތޯ އަނެކަކު ދެނެގަތުމަށް ސޯޝަލް މީޑިއާ ގައި އަހާލާ އިރު ރަނގަޅު ރިވިއު ގިނަނަމަ އެ ވިޔަފާރިއަކަށް ފައިދާ ކުރެއެވެ.

އަލަށް ވިޔަފާރި އެއް ފަށަން ބޭނުންވާ މީހަކަށް އެންމެ ބޮޑު އެއް ހުރަހަކަށް މާލޭގައި ނަމަ ވަނީ ތަނެއް ކުއްޔަށް ހޯދުމެވެ. އެހެން ނަމަވެސް އިންސްޓަކެފޭ މި ބޮލުގަ ރިހުމުން ސަލާމަތް ކޮށްދީ ކޮންމެ މީހަކަށް ވެސް ވިޔަފާރިއެއް ފަށައިގަތުމަށް ފަސޭހަ ކޮށްދެ އެވެ. މިގޮތަށް ފަށައިގަންނަ މީހުންގެ ޕްރޮޑަކްޓްތައް ރަނގަޅުވެ ކެފޭތަކުގައި ވިއްކަން ލިބުމަކީ ވިޔަފާރި ފުޅާކުރުމަށް ލިބޭ އިތުރު ފުރުސަތެކެވެ.

ފްލޭކީ ހާބްސް

ފްލޭކީހާބްސް އަކީ އިންސްޓަގްރާމްގައި ލޮކްޑައުންގެ ފަހުން އަލަށް ނިކުތް ފަރާތެކެވެ. މި ޕޭޖްގެ ފަހަތުގައި ތިބީ ދެމަފިރިންނެވެ. އެކަކީ ޕްރޮފެޝަނަލް ޝެފެކެވެ. މިއީ މި ދެމަފިރިންގެ ފުޑް އެފެއާ އެކެވެ.

އަހުމަދު ސަމްއާން، މީގެ ކުރިން ޝެފެއްގެ ގޮތުގައި ލަކްސް ނޯތް މާލެ ރިސޯޓްގައި މަސައްކަތްކޮށްފައި ވެއެވެ. އަދި އޭނާގެ ޝެފް ޓްރެއިނިން ގެ ބައެއް ގޮތުގައި ފްރާންސްގައި ވެސް މަސައްކަތްކޮށް އަމަލީ ތަޖުރިބާ ހޯދާފައިވާ މީހެކެވެ.

އަންހެނުން ޝަަހުލާ ހަލީމް އަކީ ލޯޔަރެކެވެ. މި ދެމަފިރިންނަށް ލޮކްޑައުން ވެގެން ދިޔައީ ކެއްކުން އެއްކޮށް ތަޖުރިބާކޮށްލުމަށް ވީ ފުރުސަތެކެވެ. ލޮކްޑައުންގެ ކުރިން ފެށިގެން އަބަދުވެސް ގާތް ރައްޓެހިންނާއި އާއިލާ އަށް ކެއުމެއް ތައްޔާރު ކޮށްދޭން އޮންނަނީ ޖެހިފަ އެވެ.

ފްލޭކީ ހާބްސް އިން އެމިހުންގެ ޕޭޖް ހަދާ އިންސްޓަކެފޭގެ ދޮރު ހުޅުވާލި އިރު ފިކްސްޑް މެނޫއެއް ނެތެވެ. މިއީ ފްލޭކީހާބްސްގެ ބިޒްނަސް މޮޑެލް އެމީހުން ބާއްވަން ބޭނުންވި ގޮތެވެ. ނަމަވެސް ޕަޑްތައި، ޕްރެޓްޒެލް، ތަފާތު ސެލެޑް އަދި ހޮޓް ޓޫނާ މެކެރޯނީ އަދި ތައި ރަހަ ހިމެނޭ ޑިޝްތަކަކީ ފްލޭކީހާބްސްގެ ހިޓެވެ.

ކެއްކުމަކީ ބޮޑަށް ޕެޝަންއެއް ކަމުން އަބަދުވެސް އާ އެއްޗެހި ތަޖުރިބާކުރަން ބޭނުންވާތީ މިގޮތަށް ވިޔަފާރީގެ ކޮންސެޕްޓް ބޭއްވީއެވެ. ވިޔަފާރިއަކަށް ވުރެ ބޮޑަށް ކުރާހިތުން ކުރާ ކަމެއްކަމުން ގިނަތަކެތި އާއި ރަހަތަށް ކަސްޓަމަރުން ގަޔާވާ ގޮތާއި ކެއްކުމުގެ ގިނަ ރަހަތަށް އެކްސްޕްލޯ ކުރަން ބޭނުންވަނީ ކަމުގައި ޝަހުލާ ބުނެ އެވެ.

ބާޒާރުން ތަކެތި ހޯދުމަށް ހުރި ގޮންޖެހުމަކީ ވެސް މިގޮތަށް މެނޫ ނަހަދާ ކުރިއަށް ގެންދާ އެއް ސަބަބުކަމުގައި ވެސް ފްލޭކީ ހާބްސް އިން ބުނެ އެވެ. މުސްތަގުބަލުގައި ކެފޭއަކާއި ދިމާލަށް ދާން ވިސްނާއިރު އެކަމަށް ބޮޑު އިންވެސްޓްމެންޓެއް ބޭނުންވާނެ އެވެ. އެހީސާބަށްދާ އިރުވެސް އިންސްޓަ ކެފޭގެ ތަޖުރިބާއަކީ މި ދެމަފިރިިންނަށް މުހިއްމުވާނެ އެއްޗެއްކެވެ.

ޕެޓީސް އެމްވީ

ދެން ފާހަގާވީ ޕެޓީސްއެމްވީ އެވެ. ޕެޓީސްއެމްވީ ނަމުގައި ހޯމްމޭޑް އައިސްކްރީމް ވިއްކުމަށް ހަދާފައިވާ ޕޭޖަކީ ވެސް ލޮކްޑައުން އަށް ފަހުން ބޮޑު ތަރުހީބެއް ހޯދަމުން އަންނަ އާ ފަރާތެކެވެ. މިއީ ކުޑައިރު ބުއި ޖޫސްޕެޓީ އެކްސްޕީރިއަންސް ތަފާތު ގޮތަކަށް ގެނެސްދިނުމަށް ހަދާފައިވާ ޕޭޖެކެވެ. މިގޮތުން ހޯމްމޭޑް އައިސްކްރީމް އަމިއްލައަށް ހަދަނީ މަލްހާ ރަޝީދެވެ. މިއީ އޭނާގެ ވިޔަފާރިއެވެ. ބިޒްނަސް ޕާޓްނާރުގެ ގޮތުގައި ހަރަކާތްތެރިވަނީ އޭނާގެ ފަހަރި ސައުދަތު ސޯލިހުއެވެ.

މަލްހާ މެލޭޝިއާ އިން ޑިގްރީ ނިންމާލާ މާލެ އައީ އޭނާގެ ކައިވެންޏަށެވެ. ކައިވަންޏަށް ފަހު މާލޭގައި ތާށިވެ ދެން އައި ލޮކްޑައުން އެވެ. އާއިލާގެ ފަރާތުން އޭނާއަށް ލިބުނު ހާއްސަ ހޯމްމޭޑް އައިސްކްރީމް ރެސިޕީއެއް އަށް އައިސްކްރީމް ހަދާ ޖޫސްޕެޓީ ކޮތަޅުގައި ވިއްކުމުގެ ހިޔާލާއެކު އޭނާވެސް ވިޔަފާރިއަށް ވަނީ އެވެ.

ސްޓްރޯބެރީ، ވެނިލާ އަދި ޗޮކްލެޓް ފްލޭވަގެ މި އައިސްކްރީމް ޕެޓީ ވެގެން ދިޔައީ ކަރުހިއްކުން ފިލުވާލާ ފިނިއެއްޗެއް އަބަދުހެން ބޯން ބޭނުންވެފައި ތިބި މީހުންނަށް ވަރަށް ބޮޑު ހިޓަކަށެވެ. މާލެއާއި ހުޅުމާލޭއިން ގަންނަން ލިބޭއިރު ފިހާރަތަކުގައި އޭނާގެ ޕްރޮޑަކްޓް ބެހެއްޓުމަށް ފުރުސަތު މިހާރު ލިބެމުންދާ ކަމުގައި މަލްހާ ބުންޏެވެ.

އިންސްޓަގްރާމް އިން ފެށި މި ވިޔަފާރި އިތުރަށް ފުޅާކުރުމަށް މަލްހާވެސް އުއްމީދު ކުރެ އެވެ. މިގޮތުން ފްލޭވާ އިތުރު ކުރުމަކީ އޭނާގެ ބޮޑު އުއްމީދެކެވެ. އިންސްޓަގްރާމް އިން ކާބޯތަކެތި ވިއްކަން ފެށި ބައެއް މީހުންގެ ވިޔަފާރި ފުޅާކޮށް އެމީހުން ކެފޭއަކަށް ބަދަލުވެގެން ގޮސްފައި އެބަަހުއްޓެވެ. އެހެންކަމުން މިއީވެސް ކޮށްލަން ހަމަ ސަޅިކަމެކެވެ.