އާންމު ހިދުމަތެއް ދިނުމަށް ނުވަތަ ހިނގަމުންދާ ޕްރޮޖެކްޓެއްގެ މަސައްކަތަށް ކަރަންޓީންނުވެ މާލެއިން ރަށް ރަށައް ދެވޭނެ އުސޫލެއް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފި އެވެ.
އެޗްޕީއޭއިން މިއަދު ބުނީ މިފަދަ އުސޫލެއް އެކުލަވާލުމުގެ ބޭނުމަކީ އާންމު ހިދުމަތްތައް ނުވަތަ ހިނގަމުންދާ ޕްރޮޖެކްޓެއްގެ މަސައްކަތްތައް މެދުނުކެނޑި ފޯރުކޮށް ދެވޭނެ އިންތިޒާމެއް ގާއިމްކޮށްދިނުން ކަމަށެވެ. އަދި އެ މަސައްކަތުގައި ހަރަކާތްތެރިވާ މީހުންނަށް ކަރަންޓީންނުވެ މާލެއިން ރަށް ރަށައް ދެވޭނެ ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސައިިދިނުން ކަމަށެވެ.
މަސައްކަތެއް ކުރުމަށް ނުވަތަ ހިދުމަތެއް ދިނުމަށް ރަށްރަށައް ދެވޭނީ ހުއްދަ ހޯދައިގެން ކަމަށާ އަދި ދަތުރުކުރާ ރަށެއްގެ ކައުންސިލަށްވެސް އެ މައުލޫމާތު ދޭންޖެހޭނެ ކަމަށް އުސޫލުގައި ބުނެއެވެ. މި އުސޫލުގައި އާންމު ހިދުމަތެއް ދިނުމަށް ނުވަތަ ހިނގަމުންދާ ޕްރޮޖެކްޓެއްގެ މަސައްކަތަށް ކަރަންޓީންނުވެ މާލެއިން ރަށް ރަށައް ދެވޭނެ ދާއިރާތައްވެސް ވަނީ ކަނޑައަޅާފައެވެ.
ދާއިރާތައް
- ކޭބަލް އަދި މީޑިއާ ނެޓްވާކްގެ ހިދުމަތްތައް
- ބެންކުގެ ހިދުމަތް
- ވޯޓާ ސަޕްލައި، ކަރަންޓް ފަދަ ޔުޓިލިޓީ ހިދުމަތްތައް
- މެއިންޓަނެންސް މަސައްކަތްތަކަށް
- ސަރުކާރުން އަދި އަމިއްލަ ފަރާތްތަކުން ރަށްރަށުގައި ހިންގާ ޕްރޮޖެކްޓްތަކަށް
- އާންމު ހިދުމަތްތަކާއި ގުޅޭ އެހެން މަސައްކަތްތައް
މިއަދު އާންމު ކުރި އުސޫލުގައި ހުއްދަ ހޯދުމުގައި އަމަލު ކުރަންޖެހޭ އުސޫލުތަކާއި މުވައްޒިފު ފޮނުވާ ކުންފުނިން ނުވަތަ އެ އިދާރާއަކުން އުފުލަންޖެހޭ ޒިންމާތަކާއި މަސްއޫލިއްޔަތުތައްވެސް ބަޔާންކޮށްފައިވެއެވެ.
އަދި މާލެއިން ރަށްރަށައް ދަތުރުކުރާ މީހުން އަމަލުކުރަންޖެހޭ ގޮތްވެސް ވަރަށް ތަފްސީލްކޮށް ބަޔާންކޮށްފައިވެއެވެ. އެގޮތުން މަސައްކަތް ކުރާ ސައިޓް ފިޔަވައި ކޮންމެހެން ދާންޖެހޭ ތާކަށް ނުދިއުމާއި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ގިނަ ފިޔަވަޅުތަކެއް ވަނީ ބުނެދީފައެވެ.
ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން މާލެ ސިޓީއިން ފުރައިގެން ރަށްރަށައް ދެވެނީ 14 ދުވަހުގެ ކަރަންޓީން ފުރިހަމަ ކުރުމަށްފަހުއެވެ. ނަމަވެސް ރަށްރަށުން މާލެ އައުމަށް މިހާރު ހާއްސަ ހުއްދައެއް ހޯދާކަށް ނުޖެހެއެވެ.