އެމްއާރުއެމް

މަޖިލީހުގެ ޒިންމާ ފުރިހަމައަށް އަދާނުކުރޭ: އެމްއާރްއެމް

ރައްޔިތުންގެ މަޖިލީހުން އެ މަޖިލީހުގެ ޒިންމާ ފުރިހަމަ ގޮތުގައި އަދާކުރަމުން ނުދާ ކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ބުނެފި އެވެ.

އެމްއާރްއެމްއިން ވަނީ މިހާރު އޮތް ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދާ އެއްގޮތަށް ގާނޫނުތައް އިސްލާހުކުރުން އަވަސްކުރުން ގޮވާލާ ބަޔާނެއް ނެެރެފައެވެ. އެޕާޓީން ވަނީ އެއްވެ އުޅުމުގެ ހައްގު ހަނިވާ ގޮތަށް އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހުން އެއްވެ އުޅުމުގެ ގާނޫނަށް ގެނައި ބަދަލު އުވާނުލައި ރައްޔިތުންގެ މަޖިލީހުގައި އެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގެ މަސައްކަތް ލަސްވަމުންދާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ހުއްދަ ހޯދުމެއް ނެތި މާލޭގައި މުޒާހަރާ ކުރެވޭނީ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަންތަނުގައި އެކަނި ކަމަށް ގާނޫނުގައި ކަނޑައަޅާފައިވާތީ އެކަން ހޯމް މިނިސްޓްރީން ދާދިފަހުން ހަނދާންކޮށްދިން ހަނދާންކޮށްދިނުމަށްވެސް އެޕާޓީން ވަނީ ފާޑުކިޔާފައެވެ.

ކުރީގެ މަޖިލީހުން އޮގަސްޓް 18، 2016 ގައި ވަނީ، އެއްވެ އުޅުމުގެ ގާނޫނަށް އިސްލާހު ގެނައުމުން މިހާރު ސަރުކާރުގައި ތިއްބެވި ބޭފުޅުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

އެމްއާރުއެމްގެ ބަޔާނުގައި ބުނެފައިވަނީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނަށް 2016 ވަނަ އަހަރު ގެނެވުނު އިސްލާހަކީ އެޕާޓީން ގަބޫލުކުރާ އުސޫލުތަކާ ހިލާފު އަދި ގާނޫނު އަސާސީއާއި ތައާރުޒުވާ އިސްލާހެއް ކަމަށެވެ.

"..މިއީ ގާނޫނުއަސާސީން ދީފައިވާ ހައްގެއް އުނިކުރުމަށް ކޮށްފައިވާ ކަމެއް. އެހެންކަމުން، މިކަމާ ދެކޮޅަށް އޭރުވެސް އަޅުގަނޑުމެން ވާނީ ފާޅުގައި ވަކާލާތު ކޮށްފައި. ހަމައެއާއެކު މިކަމާ ދެކޮޅަށް ތެދުވެ ވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ އެތައް މެންބަރެއްގެ ގޮނޑިތައް ގެއްލިގެން ދިޔަކަމީވެސް ރައްޔިތުން ދަންނަ ހަގީގަތެއް،"

އެމްއާރުއެމްއިން ބުނީ ގާނޫނުއަސާސީގެ ރޫހާ ހިލާފަށް އޭރުގެ ސަރުކާރުން ގެނެސްފައިވާ ބަދަލުތައް މުރާޖާކޮށް ރައްޔިތުންނަށް ގެއްލުންވާ ގޮތަށް އަދި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ ބަދަލުތައް އިސްލާހު ކުރުމަށް އިސްލާހީ މަސައްކަތުގައި ބައިވެރިވި ހުރިހާ ފަރާތްތަކުންވެސް އެއްބަސްވެފައިވާ ކަމަށެވެ.

"އެގޮތުން ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނަށް ގެނެވުނު 1 ވަނަ އިސްލާހު އުވާލާއި އެއްވެ އުޅުމުގެ މިނިވަންކަން ރައްޔިތުންނަށް ފުރިހަމަ ގޮތުގައި ދިނުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް ވާނީ އެއްބަސްވެފައި،"

"މިކަން މިހެން އޮތް ނަމަވެސް މިއަދު އަޅުގަނޑުމެންނަށް ފެނިގެން މިދަނީ އަޅުގަނޑުމެން އެންމެން ތާއީދު ކޮށްގެން ގެނައި ސަރުކާރުގެ ހޯމް މިނިސްޓްރީން ނެރުނު އިއުލާނުން ކުރީގައި އަޅުގަނޑުމެން ބަދަލުކުރަން ޖެހޭކަމަށް އެއްބަސްވި ގާނޫނުގެ ދަށުން ރައްޔިތުންނަށް ލިބިދީފައިވާ ހައްގެއް ހަނިކުރެވިގެންދާ މަންޒަރު. މިގޮތަށް މަސައްކަތްތައް ކުރުމުގެ ފުރުސަތު ލިބިގެން މިދަނީ، ގާނޫނުތައް ހެދުމާއި ގާނޫނުތައް އިސްލާހުކުރުމުގެ ޒިންމާ ހަވާލުކުރެވިފައި ތިއްބެވި ފަރާތްތަކުން ފުރިހަމަ ގޮތުގައި އެޒިންމާ އަދާކުރެވިފައި ނުވާތީ ކަމަށް ރައްޔިތުން މިއަދު ގަބޫލުކުރާނެ،"

އެމްއާރްއެމްއިން ވަނީ ރައްޔިތުންނަށް ވެފައިވާ ވައުދާ އެއްގޮތަށް ގާނޫނުތައް އަވަހަށް އިސްލާހު ކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ގޮވާލާފައެވެ.