ލައިފްސްޓައިލް

ކޮރެއާ ކުކުޅު މާ މީރުވެއްޖެ!

ދިވެހިންގެ ކެއުމުގެ ތެރެއަށް ބޭރުގެ އެކި އެކި ރަހަތަށް ވަދެ އެ ރަހަތަކަކީ ކަމުދާ މީރު ރަހަތަކަށް ވެފައިވާ އިރު ކޮރެއާ ރަހަތަކަކީ ވެސް އޭގެ ތެރެއިން އެއް ރަހައެވެ.

މިގޮތަށް މިފަހުން ދިވެހި ޒުވާނުންގެ މެދުގައި މަގުބޫލުވީ ރާމެން އެވެ. ކޮރެއާ ޑްރާމާ ސީރިސް ތަކުން ފެނި މި ނޫޑްލްސް ދިވެހިންނަށް ވަރަށް ކަމުގޮސްފައި ވެއެވެ. ދަންވި ދަންވިހެން އެއިން އެއްޗެއް ކައި ނުލާ ނުނިދޭ މީހުން ވެސް އެބަ އުޅެއެވެ.

ކޮރެއާ ޑްރާމާއެއް މި ފަހުން ބެލީމެވެ؛ "ކްރޭޝް ލޭންޑިން އޮން ޔޫ" ނެޓްފިިލިކްސް އިން ބެލި އިރު ލޮލުގައި އަޅައިގަތީ އެމީހުން އާއްމުކޮށް ކާ ނޫޑުލްސްއަށް ވުރެ ބޮޑަށް އެމީހުން ކާލާ އެކި އެކި ޒާތުގެ ކުކުޅެވެ.

އާއްމުކޮށް ކޮރެއާ ސީރީޒްތަކުގައި ސްޓްރީޓް ފުޑް އާއި އެހެނިހެން ކެއުން ވަރަށް ބޮޑަށް ދައްކާއިރު ކުދި ކުދި ގްރިލްގައި ބާބެކިއު ހަދާ މަންޒަރު ވެސް ފެނެ އެވެ. އަދި އެކި ކަހަލަ ޒާތްޒަތަށް ހަދާފައި ހުންނަ ކުކުޅު ވެސް ފެނެއެވެ.

އެ ސީރީސް ބަލާ ނިންމާލި އިރު ދެން އައީ ކޮވިޑް ލޮކްޑައުނެވެ. އެ ދިގު ބަންދުގައި ކެއުމުގެ ކަންކަން މާ ބޮޑު ގޮތެއް ނުހަދާ ކުޑަ ގޮތަކުން ނިންމާލީ އެވެ. ކެފޭތައް އަލުން ހުޅުވާލިއިރު ލޮލުގައި އަޅައިގަތީ އަބަދު ވެސް ކަމުދާ ކެފޭއެއްގައި އަލަށް ތައާރަފު ކުރި ކޮރެއަން ޗިކަން ބާގާ އަކާއި ކޮރެއަން ޗިކަން ވިތް ރައިސް ޑިޝްއެކެވެ

މި ދެ ޑިޝް ވެސް ޓްރައިކޮށްލީމެެވެ. ވަރަށް ބަރާބަރެވެ. އެތަނުން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި އެމީހުންގެ މެނޫގައި އަލަށް ހިމަނާލި ކޮރެއަން ޗިކަން އަކީ ޒުވާން ކްރައުޑަށް އަމާޒު ކޮށްގެން ހެދި އެއްޗެކެވެ. ވަރަށް ހިނގަ އެވެ.

މިއަދު ބޭނުންވީ މިކަހަަލަ ގޮތަކަށް ކުކުޅެއް ހަދާށެވެ. މާ ގިނަ ބާވަތުގެ އިންގްރީޑިއެންޓްސް ނާޅާނަމަ ނުބައިވިއަސް އިސްރާފު މާ ބޮޑެއް ނުވާނެ ކަމަށް ނިންމާ ކޮރެއާ ސީރިސްއަކުން ފެންނަ ޒާތެއްގެ ކުކުޅެއް ހަދަން މަސައްކަތް ފެށީމެވެ. އިންޓަނެޓުން ހޯދި މި ރެސޕީއަށްއަށް ކުޑަ ބަދަލެއް ގެނެސް ޓްރައި ކޮށްލީމެވެ. މުރަނަކޮށް ތެއްލި ކުކުޅު ކާ މީހުންނަށް ޔަގީނުން ވެސް މި ވަރަށް ކަމުދާނެ އެވެ. މާމުއިގެ ފޮނިކަމާއި އެއްވަރަށް ކުޅިރަހަ ހުރުން އެއޫ މީތި ކަމުދިޔަ އެއް ސަބަބެވެ.

ކޮރެއަން ޗިކަން ކަމުދާނެ މީހުންނާއި ރެސިޕީ މި ހިއްސާކޮށްލީ ހަދަން ފަސޭހަ މީރު ރެސިޕީއަކަށް ވެސް ވީމަ އެވެ.

ބޭނުންވާ ތަކެތިި

10 ކުކުޅު ވިންގްސް ކޮޅު
ތެއްލުމަށް ކުކިން އޮއިލް
ސެސަމީ ސީޑް، ސާވް ކުރުމަށް
ބައި ޖޯޑު ކޯން ފްލާ ކުކުޅުގައި ހާކާލުމަށް

ބެޓާ ހެދުމަށް:
ބައި ޖޯޑު ފުށް
ބައި ޖޯޑު ކޯން ފްލާ
1 ޖޯޑު ފެން
2 ސައި ސަމްސާ ލޮނު

ސޯސް ހެދުމަށް:
2 މޭޒުމަތީ ސަމުސަލުގެ ސޯޔާ ސޯސް
1/4 ޖޯޑު މާމުއި
2 ސައި ސަމުސާ ލޮނުމެދު، މުގުރާފައި
2 ސަައި ސަމުސާ އިނގުރު، މުގުރާފައި
2 މޭޒު މަތީ ސަމުސާ ތެޅި މިރުސް (ކޮރެއަން ޗިލީ ޕޭސްޓްގެ ބަދަލުގައި ދިވެހި ތެޅި މިރުސް)
2 ސަމުސާ ރައިސް ވިނިގާ (ބަދަލުގަައި އޮރެންޖް ދިޔަ)

ތައްޔާރު ކުރާނެ ގޮތް

ފުރަތަމަ ބެޓާ ހެދުމަށް ފުށާއި، ކޯންފުލާ އަދި ލޮނު އެއްކޮށް ބޯތައްޓެއްގައި އެއްކޮށްލާށެވެ. ދެން ކޯންފްލާއަށް ކުކުޅު ލުމަށްފަހު ބެޓާގައި ލާ ކުކުޅު މުރަނަ ވަންދެން ތެއްލާށެވެ. އެއަށް ފަހު ސޯސް ހެދުމަށް ތަވާއަކަށް ސޯސް ހެދުމަށް ބޭނުންވާާ ހުރިހާ ބާވަތެއް އެއްކޮށް އަޅާށެވެ. ކެކިގަތުމުން ޗިކަން ވިންގްސް އަޅާފައި އެއްކޮށްލާށެވެ. ސާވް ކުރުމަށް ސެސަމީ ސީޑް ކޮޅެއް މައްޗަށް އަޅާށެވެ.