ދީން

މެޑިޓޭޝަން އާއި ހިތުގެ ހަމަޖެހުން

Jul 17, 2020
1
ލިޔުނީ: އައްޝައިޚް ހަސަން މޫސާ ފިކުރީ

ބުއްދިއާއި ހިތުގެ ހަމެޖެހުން ހޯދުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، އެކި ކަންކަން ކޮށްއުޅެއެވެ. ކަންބޮޑުވުމާއި، ހިތާމަތަކާއި، ހާސްކަން ފިލުވައިލުމުގެ މަގެއް ކަމުގައި ގިނަ ބަޔަކު ޚިޔާރު ކުރަނީ މެޑިޓޭޝަން އެވެ. މެޑިޓޭޝަން އަކީ ސިކުނޑިއާއި ވިސްނުމުގެ ކަސްރަތުތަކެއް ކަމުގައި އެކަމުގެ އަހުލުވެރިން ބުނެއެވެ. އެފަރާތްތަކުން ހާމަކުރާ ގޮތުގައި މެޑިޓޭޝަންގެ ބޭނުމަކީ ވިސްނުން ހުއްޓައިލުމެއް ނޫނެވެ. ނުވަތަ ސިކުނޑިން ފިކުރުތައް ހުސްކޮށްލުމެއްވެސް ނޫނެވެ. ސިކުނޑީގެ މަސައްކަތަކީ ކަންކަމާއި ވިސްނުން ކަމުގައި ވީހިނދު، މެޑިޓޭޝަންއަކީ ވިސްނުން ވަކިގޮތަކަށް އަމާޒު ކުރުވައި ތިމާގެ ޚިޔާލާތު ވަކި މިސްރާބަކަށް އަމާޒު ކުރުވުމެވެ.

މިތާނގައި މި ނަކަލު ކޮށްލަނީ މެޑިޓޭޝަން އާބެހޭ ގޮތުން ވެބްސައިޓެއްގައި ލިޔެފައިވާ ލިޔުމަކުން ތަންކޮޅެކެވެ.

"ދިރިއުޅުމަކީ ބައެއް ފަހަރު ބުރައަކަށް ވެއެވެ. އަހަރުމެންގެ ވަށައިގެން ހިނގާ ކަންކަން ކޮންޓްރޯލް ކުރުމުގެ ބާރު އަހަރުމެންނަށް ލިބިފައި ނުވިޔަސް، އެކަންކަމާމެދު އަހަރުމެން ދެކޭ ގޮތާއި ވިސްނާގޮތް ބަދަލުކޮށްލުމަކީ ކުރެވިދާނޭ ކަމެކެވެ. ދިރިއުޅުން މިވަނީ އިހުނަށްވުރެ އަވަދިނެތި އުޅެންޖެހިފައެވެ. ޑިޖިޓަލް ވަސީލަތްތަކުގެ ސަބަބުން ސައްވީސް ގަޑިއިރުގެ ތެރޭގައި އަހަރުމެންގެ ސިކުނޑިތަކަށް އެތަކެއް މަޢުލޫމާތުތަކެއް ދަނީ ފުނިޖެހެމުންނެވެ. އެހެންކަމުން ގިނަ ބަޔަކު ބޯ ހަމަޖައްސައިލާނޭ ގޮތެއް ހޯދަން އުޅޭކަމީ އަޖައިބުވާންޖެހޭ ކަމެއް ނޫނެވެ."

މެޑިޓޭޝަންއަކީ ބޯހަމަޖައްސާލައި، ވިސްނުމަށް ޖަމާވެފައިހުންނަ ބުރަތައް ފިލުވައިލުމުގެ ވަސީލަތެއްކަމުގައި، މެޑިޓޭޝަންގެ މާހިރުން ހާމަކުރެއެވެ. އެފަރާތްތަކުން ބުނާގޮތުގައި މެޑިޓޭޝަންއަކީ ރޫޙާނީ ކަސްރަތުތަކެކެވެ. ކްރިސްޓިއަން ދީނުގައި އެއީ އަޅުކަމެއްކަމުގައިވެސް ބުނެވެއެވެ. ހިންދޫންނާއި ބުދިސްޓުންގެ ތެރޭގައިވެސް މެޑިޓޭޝަންއަކީ ވަކި އަޅުކަމެއްގެ ގޮތުގައި ކުރެވޭ ކަސްރަތު ތަކެކެވެ. އަދި މެޑިޓޭޝަންގެ ފައިދާ ބޮޑުކުރުމަށް، ވަކި މަންތަރާތަކެއް، (ކިޔެވެލިތަކެއް ކިޔެވުމަށް) ވެސް އެފަރާތްތަކުން އިރުޝާދު ދެއެވެ. ޔޯގާ ހިމެނެނީ މިފަދަ ކަސްރަތުތަކުގެ ތެރޭގައެވެ. (މިތާނގައި ޔޯގާގެ ޙުކުމާއިމެދު ވާހަކަ ދެއްކުމީ މައުޟޫޢު ދިގުވެގެން ދާނޭކަމެއް ކަމުގައިވާތީ އެވާހަކަ އެހެން ވަގުތަކަށް ބާއްވާނަމެވެ.)

އިސްލާމް ދީނުގައި މިކަން އޮތްގޮތަށް ބަލައިލަމާތޯއެވެ! ކީރިތި ރަސޫލާ صلى الله عليه وسلم ނަބީކަމައިގެން ފޮނުއްވުމުގެ ކުރީގައި، މީސްތަކުންނާ އެކަހެރިވެވަޑައިގެން، ޙިރާ ފަރުބަދައިގެ ހޮހަޅައިގައި ޚަލްވަތުގައި އިންނެވިއެވެ. އެގޮތަށް އެއިންނެވި އިންނެވުމަކީ މެޑިޓޭޝަންގެ ތެރެއިން ހިމެނޭ ކަމެއްކަމުގައި ބައެއް ބޭކަލުން ވިދާޅުވެއެވެ. ޙިރާ ފަރުބަދައިގެ ހޮހަޅައިގައި އިތުރު އެކަލޭގެފަނު، ވަގުތު ހޭދަކުރެއްވީ ދުނިޔެވީ ފިކުރުތަކުން އެއްކިބާވެވަޑައިގެން، ކާއިނާތު ޚަލްޤު ކުރެއްވި ޢާލަމްތަކުގެ ވެރި ރަސްކަލާނގެއާމެދު ފުންކޮށް ވިސްނަވައި ފިކުރު ކުރެއްވުމުގައެވެ. އަދި މައްކާގެ މުޝްރިކުން ކޮށް އުޅުނު ޝިރުކުގެ ޢަމަލުތަކުން ބަރީޢަވެ އިންނަވައިގެން އަޅުކަން ކުރެއްވުމުގައެވެ.

މާތް ﷲ ހަނދުމަކުރުމުން މެނުވީ ހިތަށް ޙަޤީޤީ ހަމަޖެހުން ލިބުމެއް ނުވެއެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. "الَّذِينَ آمَنُواْ وَتَطْمَئِنُّ قُلُوبُهُم بِذِكْرِ اللّهِ أَلاَ بِذِكْرِ اللّهِ تَطْمَئِنُّ الْقُلُوبُ" (الرعد 28) މާނައީ: "އެއުރެންނީ، އީމާންވި މީހުންނެވެ. އަދި اللَّه ހަނދުމަކުރުމުން، އެއުރެންގެ ހިތްތައް ހަމަޖެހޭ މީހުންނެވެ. ހިތްތައް ހަމަޖެހެނީ، اللّه ހަނދުމަކުރުމުން ނޫންހެއްޔެވެ؟"

މާތްވެގެންވާ އިސްލާމް ދީނުގައިވެސް، މެޑިޓޭޝަން ނުވަތަ ވިސްނުމާއި ހިތުގެ ހަމަޖެހުން ލިއްބައިދޭ އެތައް ކަމެއް އެބަހުއްޓެވެ. އެންމެ ފުރަތަމަވެސް ފާހަގަކޮށްލަންޖެހޭ ކަމަކީ ޚުޝޫޢަތްތެރިކަމާއެކު ނަމާދު ކުރުމެވެ. ނަމާދުން ބޭރު ވިސްނުންތަކުން އެއްކިބާވެ ހުރެ ކުރާ ނަމާދަކީ، ރޫޙާނީ ފައިދާތައް ހިތާއި ހަށިގަނޑަށް އެންމެ ބޮޑަށް ލިއްބައްދޭ ނަމާދެވެ. ކީރިތި ޤުރްއާންގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ. "وَاسْتَعِينُواْ بِالصَّبْرِ وَالصَّلاَةِ وَإِنَّهَا لَكَبِيرَةٌ إِلاَّ عَلَى الْخَاشِعِينَ" (البقرة: 45) މާނައީ: "އަދި ކެތްތެރިކަމާއި ނަމާދުން ތިޔަބައިމީހުން ވާގިހޯދާށެވެ! ބިރުވެތިވެ މަޑުމައިތިރިވާ މީހުންނަށް މެނުވީ، ހަމަކަށަވަރުން، އެއީ ވަރަށް ދަތި އުނދަގޫ ކަމެކެވެ." މިތާނގައި ޚުޝޫޢަތްތެރިވުމުގެ މާނައަކީ ދުނިޔެވީ ޚިޔާލުތަކުން އެއްކިބާވެ، ތިމާގެ ވިސްނުމާއި ފިކުރާއެކުގައި ނަމާދުގެ ތެރެއަށް ވަދެވިފައިވުމެވެ. އަދި މާތް ﷲ ގެ ހައިބަވަންތަވެރިކަމާއި މަތިވެރިކަން ހިތަށް ވެރިވެ އެއިލާހުގެ ޙަޟުރަތުގައި ތިމާގެ ނިކަމެތިކަން ހަނދާންވެ، ހިތްތިރިކަމާއި ބިރުވެތިކަމާއެކުގައި ނަމާދު ކުރުމެވެ.

ނަމާދަކީ ޚުޝޫޢަތްތެރިކަމާއި މަޑުމޮޅި ކަމާއެކު ކުރަންޖެހޭ އަޅުކަމެކެވެ. އަދި ޚުޝޫޢަތްތެރި ކަމަކީ ނަމާދުގެ އަސާސީ ބައެއް ކަމުގައިވެސް ވަނީ ކަނޑަ އަޅުއްވާފައެވެ. ރެޔާއި ދުވާލު ފަސް ވަގުތު، މާތް ﷲ އަށް ބިރުވެތިވެ ޚުޝޫޢަތްތެރިކަމާއި މަޑުމޮޅިކަމާއެކު ނަމާދުކުރާ މީހަކަށް ސިކުނޑީގެ އިތުރު ކަސްރަތެއް ކުރާކަށް ނުޖެހޭނެއެވެ. ނަމާދުން ލިބިދޭ ނަފްސާނީ އަދި ޖިސްމާނީ ފައިދާތައް ގިނަގުނައެވެ. ވަކީން ޚާއްޞަކޮށް ސަޖިދައިގައި އޮންނަ ވަގުތަކީ، އާންމުކޮށް ކުރާ އެއްވެސް ހަރަކާތެއްގައި ތިރި ނުކުރާ މިންވަރަށް، އެހެން ގުނަވަންތަކަށްވުރެ ބޯ ތިރިކުރަންޖެހޭ ކަމެކެވެ. އެހެންވުމުން، ސަޖިދައިގައި އޮންނަ ވަގުތުގައި ސިކުނޑިއަށް ބޭނުންވާ ލޭ ދައުރުކޮށް ދިނުމަށް އެހީތެރިވެދެއެވެ. އަދި އެޔާއެކު، ކިޔާ ޒިކުރުތަކާއި ދުޢާތަކުން ހިތަށް ހަމަޖެހުން ގެނުވައެވެ.

ހިތްހަމަޖެހުން އެދޭމީހަކު މަޑުމޮޅިކަމާއިއެކު ގަޑިއިރެއް ހާއިރު ކީރިތި ޤުރްއާން ކިޔަވައިލުމުން ހިތަށް ލިބޭ ހަމަޖެހުން އެނގޭނީ އެކަންކުރާ ފަރާތްތަކަށެވެ. ޤުރްއާންގައިވާ ރޫޙާނީ ފައިދާތަކުގެ އިތުރުން، މާތް ﷲ ހަނދުމަކޮށް ޛިކުރު ކުރެވޭހިނދު، ފައިބައި ވަޑައިގަންނަވާ މަލާއިކަތުންނާއެކުގައި އެމީހެއްގެ ހިތަށް "ސަކީނަތު" ވައްދަވައެވެ. އަދި ރަޙުމަތާއި ބަރަކާތުން އެމީހަކު ވަށާލެވެއެވެ. ސަކީނަތަކީ ހިތްހަމަޖެހުމެވެ.

ހިތާމަތައް ފިލުވައިލުމަށް ކިޔާ ދުޢާތަކުގައިވެސް ވަނީ ތިމާގެ ޚިޔާލާތުތައް، ޢާލަމްތަކުގެ ވެރި ރައްބުގެ ޙަޟުރަތަށް ގެންގޮސްދެނިވި ޢިބާރާތްތަކެވެ. ދިއިރުޅުމުގައި ކުރިމަތިވާ ދަތިތަކުގައި މާތް ﷲ ގެ މަތިވެރިކަން ހަނދާންކޮށް، އެއިލާހަށް ބޮޑުވެގެންވާ އެއްވެސްކަމެއް ނުވާކަން ހިތްމައްޗަށް ގެނެސްގަނެ، ސާފު ހިތަކައިގެން އެއިލާހަށް ދުޢާކުރުމަށް ދީނުގައިވަނީ އިރުޝާދު ދެއްވާފައެވެ. ތިމާގެ ކޮންޓްރޯލުގައި ނުވާ ކަންތައްތައް ތިމާއަށް ފަހިކޮށްދެއްވައި، ހިތާމަ ފިއްލަވައި ދެއްވާ ހަމައެކަނި ފަރާތަކީ ކާއިނާތުވެރި ގަދަ ކީރިތިވަންތަ ﷲ ކަމަށް އިޤުރާރުވެ، ހިތުގެ އަޑިން އެކަމަށް އީމާންވުމަކީ، ތިމާގެ ވިސްނުން ވަކި ގޮތަކަށް ބައްޓަންކޮށް ތަރުތީބު ކުރުވުމުގެ ތެރެއިން ހިމެނޭކަމެކެވެ. ވީމާ، ދިރިއުޅުން ތަރުތީބުކޮށް ތިމާގެ ކަންކަން އިންތިޒާމުކޮށް ބޯ ހަމަޖައްސައިލުމަށް ބޭނުންނަމަ އޮތް ހައްލަކީ މާތްވެގެންވާ އިސްލާމް ދީންކަން ކަށަވަރެވެ.

އީމާންކަންމަތީ ހިތް ސީދާކުރުން

ހިތަކީ ހަށިގަނޑުގައި ލައްވާފައިވާ ވަރަށް މުހިންމު ގުނަވަނެކެވެ. ހިތުގެ ޖިސްމާނީ ވަޒީފާއަކީ ލޭދައުރު ކުރުމާއި ހަށިގަނޑުގެ ހުރިހާ ގުނަވަންތަކަށް ލޭ ފޯރުކޮށްދޭ ޕަންޕެއްގެ ގޮތުގައި މަސައްކަތް ކުރުމެވެ. ނަމަވެސް ހިތުގެ ހަމައެކަނި ވަޒީފާއަކީ އެއީއެއް ނޫނެވެ. އިންސާނާގެ ހުރިހާ ޖަޒުބާތުތަކާއި، އިޙުސާސްތަކެއް ހިތާ ގުޅިފައިވާކަމުގައި ސައިންސްވެރީންގެ ތެރެއިން އެތައް ބަޔަކު ގަބޫލުކުރެއެވެ.

މުދަލާއި ދަރީންގެ ފަރާތުން މަންފާއެއް ނުކުރާނޭ ދުވަހު، ތިމާއަށް ފައިދާއެއް ކުރާނީ، ސަލާމަތްވެގެންވާ ހިތަކާއެކު މާތް ﷲ ގެ ޙަޟުރަތަށް ދެއްވިއްޖެނަމައެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. "يَوْمَ لَا يَنفَعُ مَالٌ وَلَا بَنُونَ * إِلَّا مَنْ أَتَى اللَّهَ بِقَلْبٍ سَلِيمٍ" (الشعراء 88-89) މާނައީ: "އެދުވަހަކީ (ޤިޔާމަތް ދުވަހަކީ)، މުދަލަކުން، އަދި ދަރީންނަކުން، މަންފާއެއް ނުކުރާނެ ދުވަހެވެ. * ސަލާމަތްވެގެންވާ ހިތަކާއިގެން ﷲގެ ޙަޟުރަތަށް އައިމީހަކަށް މެނުވީއެވެ."

މިއާޔަތުގައި މިވާ ސަލާމަތްވެގެންވާ ހިތަކީ، ހުރިހާ އާފަތްތަކަކުން ސަލާމަތްވެގެންވާ ހިތެކެވެ. ހިތުގެ އާފާތްތަކަކީ، ޝިރުކުގެ ނުބައިކަމާއި، ޝައްކާއި، މުނާފިޤުކަމާއި، ބިދުޢަތަކަށް އަރައިގަތުމާއި، މަގުފުރެދުމާއި، ދުނިޔޭގެ އެދުންވެރިކަމަށް ހެއްލިގެން ދިޔުމާއި، ޝަހުވަތްތަކާއި އަދިވެސް މާތް ﷲ ނަހީކުރެއްވި އެންމެހައި ކަންކަމެވެ. ޖުމްލަ ގޮތެއްގައި ދަންނަވާނަމަ އެންމެހައި ކުށްފާފަތަކާއި އުރެދުންތަކެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ކުރެއްވި ދުޢާތަކުގެ ތެރޭގައި، ސަލާމަތް ވެގެންވާ ހިތެއް ދެއްވުމާއި، ތެދުވެރި ދުލެއް ދެއްވުމަށް އެދި ދުޢާ ކުރައްވާފައިވައި ވެއެވެ.

ހިތަކީ ގުނަވަންތަކުގެ ވެރިޔާއެވެ. ހަށިގަނޑުގައިވާ އެހެން ހުރިހާ ގުނަވަންތަކުގެ ރަސްގެފާނެވެ. އެހެން ހުރިހާ ގުނަވަންތަކަކީ ހިތުގެ ލަޝަކަރީންގެ ތެރެއިން ހިމެނޭ ތަކެއްޗެވެ. އެގުނަވަންތައް ވަނީ ހިތަށް ބޯލަނބައި ކިޔަމަންވެ ތަބާވެގެންނެވެ. އެ ގުނަވަންތަކަކީ، ހިތުގެ އަމުރުތައް ފަސްޖެހުމެއްނެތި ތަންފީޒުކުރާ ފަރާތްތަކެކެވެ. އެ ލަޝްކަރުގެ ވެރިޔާއަކީ ޞާލިޙެއްނަމަ ލަޝްކަރުގެ އެންމެންވެސް ވާނީ އެފަދަ ބަޔަކަށެވެ. އަދި އެ ވެރިޔާއަކީ ފާސިޤު ފާޖިރެއްނަމަ، ލަޝްކަރުގެ މީހުންގެ އަޚުލާޤުވެސް ހުންނާނީ އެފަދައިންނެވެ.

ޖިސްމާނީ ގޮތުންނާއި އަދި ރޫޙާނީ ގޮތުންވެސް ހަށިގަނޑުގެ ދުޅަހެޔޮކަން ގުޅިފައިވަނީ ހިތުގެ ދުޅަހެޔޮކަމާއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ގެ ޙަދީޘް ފުޅެއްގެ މާނައިގައި ވެއެވެ. "ހަށިގަނޑުގައި މަސްކޮޅެއްވެއެވެ. އެ މަސްކޮޅު ރަނގަޅުވެއްޖެނަމަ މުޅި ހަށިގަނޑު ރަނގަޅުވެދެއެވެ. އެ މަސްކޮޅު ފާސީދުއްޖެނަމަ، މުޅި ހަށިގަނޑު ފަސާދަވެއެވެ. އެ މަސްކޮޅަކީ ހިތެވެ."

ވިސްނައި ފިކުރު ކުރުން

ކާއިނާތުގައިވާ ތަކެއްޗާމެދު ވިސްނައި ފިކުރު ކުރުމަށް ކީރިތި ޤުރްއާންގައިވަނީ އަންގަވާފައެވެ. އަދި މާތް ﷲ ގެ މަޚްލޫޤުންނާމެދު ފިކުރު ކުރުމަށާއި، މާތް ﷲ ގެ ކުޅަދުންވަތަކަމާމެދު ފުންކޮށް ވިސްނުމަށް ކީރިތި ޤުރްއާންގެ އެތައް އާޔަތެއްގައި އެ އިލާހުވަނީ އަމުރު ކުރައްވާފައެވެ. ތިމާގެ ލޮލަށް ފެންނަ މަޒަރުގެ ފަހަތުގައި ފޮރުވިފައިވާ ސިއްރުތަކާއި، އެ މަންޒަރުތަކުން ލިބިދޭ ޢިބްރަތްތަކާމެދު ނަޒަރުހިންގައި، ބަލައި، ފިކުރުކުރުމަކީ މެޑިޓޭޝަންގެ ތެރެއިން ހިމެނޭ ކަމެކެވެ. އަދި މާތް ﷲ ގެ މަތިވެރިކަން ހިތުތެރެއަށް ވަދެ، އެއިލާހު މަޢްރިފާކޮށް ދެނެގަތުމަށް އެހީތެރިވެދޭ ކަމެކެވެ.

ޢަރަބި ބަހުގެ މުއްސަނދި ބަސްކޮށާރުގެ ތެރޭގައި، ފުންކޮށް ވިސްނުމާއި، ފިކުރު ކުރުމާއި، ކަންކަމުގެ ފަހަތުގައި ފޮރުވިފައިވާ ޢިބްރަތްތެރި ފިލާވަޅުތަކާމެދު ވިސްނުމާމެދު ބޭނުންކުރެވޭ ތަފާތު އެތައް ލަފުޒުތަކެއް ވެއެވެ. މިފަދަ ކަލިމަތަކުގެ ޙަޤީޤީ ރަހައާއި މާނައާއެކު ގެނެސް ދިނުމަށް، އަޅުގަނޑުގެ ބަހުގެ ކޮށިކަމުގެ ސަބަބުން ނުކުޅެދުންތެރިވަމެވެ. ނަމަވެސް އެއިން ކޮންމެވެސް މިންވަރެއް، ތަރުޖަމާ ކުރެވުނު ވަރަކުން ހިއްސާކޮށްލެވޭތޯ ބަލާނަމެވެ. ބޭނުމަކީ، ފުންކޮށް ވިސްނާ، ފިކުރުކުރުމަކީ އިސްލާމީ ސަގާފަތުގެ ތެރޭގައި ވަރަށް ކުރީންސުރެ ހުރި ކަންތައްތަކެއް ކަން ހާމަކޮށްދިނުމެވެ. އަދި އިހުގެ ދަންނަބޭކަލުން އެކަންކަމުގެ މައްޗަށް ލިޔުއްވާފައިވާ ލިޔުންތަކުން ކުޑަ މިންވަރެއް ނަމަވެސް ކިޔުންތެރީންނާ ހަމައަށް ގެނެސް ދިނުމެވެ.

އިބްނުލް ޤައްޔިމު ރަޙިމަހު ﷲ އެކަލޭގެފާނުގެ مِفْتَاحُ دَارُ السَّعَادَة (ބާއްޖަވަރިކަމުގެ/އުފާވެރިކަމުގެ ގޯތީގެ ތަޅުދަނޑި) އޭ ކިޔުނު ފޮތުގައި ލިޔުއްވާފައިވެއެވެ. "ވިސްނާ ފިކުރު ކުރުމާއި، ހަނދުމަކުރުމާއި، ބެލުމާއި، ފުންކޮށް ވިސްނުމާއި، ޢިބްރަތް ޙާޞިލުކުރުމާއި، ތަދައްބުރު ކުރުމާއި، ލޯހުޅުވައި ބެލުމަކީ އާޚިރަތުގެ ބާއްޖަވެރިކަމަށްޓަކައި ކުރަންޖެހޭ ކަންތައްތަކުގެ މުހިންމު ބައެކެވެ." އެއަށްފަހު މިދެންނެވި ކަލިމަތަކުގެ މާނައިގެ ތަފާތުތަކާއި އެއްގޮތްވުންތައް ވަރަށް ފުރިހަމައަށް ބަޔާންކޮށްދެއްވިއެވެ.

التَفَكُّرُ (ފިކުރު ކުރުން) އެއީ ކަމެއްގައި ބުއްދި ބޭނުން ކުރުމާއި، އެކަން ހަނދާނަށް ގެނައުމެވެ.

تَذَكُّرُ (ހަނދުމަކުރުން) އެއީ ކަމެއް އަލުން ހަނދާނަށް ގެނެސްގަތުމަށްޓަކައި އެއާ ބެހޭގޮތުން ކުރިން އެނގިފައިވާ މަޢުލޫމާތު ހަނދާން ކުރުމެވެ.

النَّظَرُ (ނަޒަރު ނުވަތަ ބެލުން) އެއީ ފެންނަމުންދާ މަންޒަރާމެދު ހިތުގެ ބެލުމަކުން ބެލުމެވެ. ލޮލަށް ފެންނަ ފެނުމަށްވުރެ ފުން ނަޒަރަކުން ބަލާ ބެލުމެވެ.

التَّأَمُّلُ (ފުންކޮށް ވިސްނުން) އެއީ ތަކުރާރުކޮށް ބެލުމެވެ. ކަމެއްގެ އެތެރެފުށުގައިވާ މާނަ ހިތަށް ވިސްނެންދެން ބެލެމުވެ. ނުވަތަ ފުންކޮށް ވިސްނުމެވެ.

اعْتِبَارُ (ކަމަކާމެދު ވިސްނުމުން ލިބޭ ފިލާވަޅު ނުވަތަ ޢިބްރަތް) މިކަލިމަ ނެގިފައިވަނީ عُبُورُ އިންނެވެ. މާނައަކީ ހުރަސްކުރުމެވެ. މަގު ހުރަސްކުރުމޭ ބުނެވޭ މާނައާއި އެއްފަދައަކުންނެވެ. މިތާނގައި ފުންކޮށް ބަލައި ވިސްނުމުގެ މާނައާއި اعْتِبَارُ އާ ގުޅެނީ، އެއީ ފެންނަ މަންޒަރު ހުރަސްކުރުމަށް، ނުވަތަ ފަހަނައަޅައި ދިޔުމުގެ މާނަ އެކުލެވޭތީއެވެ. ބޭރުފުށަށް ފެންނަން އޮންނަ ކަންތައް ފަހަނައަޅައި ގޮސް އެކަމުން ނުވަތަ އެ އެއްޗަކުން ލިބެންޖެހޭ ފިލާވަޅު ނުވަތަ ޢިބްރަތާ ހަމައަށް ވާޞިލުވުމެވެ. ކަންކަމުން ލިބޭ ޢިބްރަތޭ ބުނެވޭހިނދު، އެލަފުޒު ގުޅިފައިވަނީ މިކަލިމައާއެވެ.

މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. "إِنَّ فِي ذَلِكَ لَعِبْرَةً لِّمَن يَخْشَى" (النازعات 26) މާނައީ: "ބިރުވެތިވާ މީހަކަށް ހަމަކަށަވަރުން، އެކަމުގައި ޢިބްރަތެއްވާކަން ކަށަވަރެވެ."

އަދިވެސް ވަޙީކުރައްވާފައިވެއެވެ. "إِنَّ فِي ذَلِكَ لَعِبْرَةً لَّأُوْلِي الأَبْصَارِ" (آل عمران 13) މާނައީ: "ހަމަކަށަވަރުން، އެކަމުގައި، ބުއްދީގެ އަހުލުވެރިންނަށް ޢިބްރަތެއްވާކަން ކަށަވަރެވެ."

تَدَبُّرُ (ފުންކޮށް ވިސްނައި ބެލުން) އޭ ބުނެވެނީ ކަންކަމުގެ ނިމުމާމެދު ވިސްނުމަށެވެ. އެއްޗެއްގެ ދުބުރަކީ ނިމުމެވެ. ނުވަތަ ފަހަތެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. "أَفَلاَ يَتَدَبَّرُونَ الْقُرْآنَ وَلَوْ كَانَ مِنْ عِندِ غَيْرِ اللّهِ لَوَجَدُواْ فِيهِ اخْتِلاَفاً كَثِيراً" (النساء 82) މާނައީ: "ފަހެ، ޤުރްއާނާމެދު އެއުރެން ފުންކޮށް ވިސްނައި ފިކުރު ނުކުރަނީ ހެއްޔެވެ؟ އެ ޤުރްއާނަކީ، ﷲ ނޫން އެހެން ފަރާތަކުން އައި އެއްޗެއް ކަމުގައި ވީނަމަ، ގިނަވެގެންވާ ތަފާތުތައް އެއިން އެއުރެންނަށް ފެނުނީހެވެ."

تَدَبُّرُ ކުރުމަކީ ކަމެއްގެ ކުރިއާއި ފަހަތަށް ވިސްނުން ހިންގާލުމެވެ. އަދި ތަކުރާރުކޮށް އެކަމަކާމެދު ނަޒަރު ހިންގައި ބެލުމެވެ.

اِسْتِبْصَارُ އަކީވެސް ބެލުމުގެ މާނައިގައި ޢަރަބި ބަހުގައި ބޭނުން ކުރެވޭ ކަލިމައެކެވެ. މިކަލިމައިގެ މާނަވެސް ގުޅިފައިވަނީ ފުންކޮށް ވިސްނާ ވިސްނުން، ނުވަތަ ބަލާ ބެލުމަށެވެ. އިސްވެ ދެންނެވުނު تَذَكُّرُ އާއި تَفَكُّرُ ގައިވެސް ފައިދާތަކެއް ވެއެވެ. އެއްކަމެއްގައި ހިމެނޭ ފައިދާތައް އަނެއްކަމުގައި ތަފާތެވެ. تَذَكُّرُ ގެ ފައިދާއަކީ އެނގިފައިވާ މަޢުލޫމާތު، ނުވަތަ ޢިލްމު ހިތް މައްޗަށް އަލުން ގެނެސްގަތުމެވެ. އެ ކަން ހަނދާނުގައި ހަރުލެއްވުމާއި، އެ ޢިލްމު ހިތުގައި ސާބިތު ކުރުމަށެވެ. އަދި އެ މަޢުލޫމާތު ހަނދާނުން ނެތިގެން ދިޔަ ނުދިނުމަށެވެ. އެމަޢުލޫމާތު ހަނދާނުން ފުހެވިގެން ގޮސްފިނަމަ ހިތުން އޭގެ އަސަރު ކެނޑިގެން ދެއެވެ. تَفَكُّرُ ގެ ފައިދާއަކީ ޢިލްމު އިތުރުކޮށް ދިނުމާއި، ހިތަށް އެނގިފައިނުވާ ކަންކަން ލިއްބައި ދިނުމެވެ.

تَفَكُّرُ އަކީ ހޯދައިދޭ ހޯއިދިނުމެވެ. تَذَكُّرُ އަކީ ރައްކާކޮށްދޭ ރައްކާ ކޮށްދިނުމެވެ. ފިކުރު ކުރުމުގެ ފައިދާއަކީ އެކަމާ ބެހޭ މަޢުލޫމާތު ނުވަތަ ޢިލްމު ލިބުމެވެ. އަދި އޭގެ ނަތީޖާއަކީ ހިތުގެ އިރާދަ ނުވަތަ ބޭނުންވުންމެވެ. އެއިން އުފެދެނީ ޢަމަލެވެ. އެހެންކަމުން ހެޔޮ ޢަމަލުގެ ފެށުންވަނީ ފިކުރު ކުރުމުގައެވެ. ވީމާ، ހުރިހާ ހެވެއްގެ ތަޅުދަނޑިއަކީ ހެޔޮ ކަންކަމާމެދު ފިކުރު ކުރުމެވެ. މިވާހަކަތަކުން އެނގިގެންދަނީ تَفَكُّرُ ގެ މާތްކަމާއި މޮޅު އިތުރުކަމެވެ. އަދި ހިތަށް އެއިން ލިބިދޭ މަންފާއެވެ. މިކަމަށްޓަކައި ބުނެވެއެވެ. "އިރުގަނޑެއްވަންދެން ފުންކޮށް ފިކުރު ކުރުން، އަހަރެއް ވަންދެން އަޅުކަން ކުރުމަށްވުރެ ހެޔޮކަން ބޮޑުވެގެންވެއެވެ."

ހެޔޮ ކަންކަމާމެދު ފުންކޮށް ވިސްނުމަކީ ތިމާގެ ޒަމީރު ހޭލައްވާލައި، ނުރުހެވޭ ކަންތައްތަކުން ދުރުކޮށްދީ ހިތް އުފާކޮށްދީ، ހިތުގެ ދަހިވެތިކަމުން ސަލާމަތް ކޮށްދޭކަމެކެވެ. އަދި ދުނިޔޭގެ ބަންދުކަމާއި ހާސްކަމުން، އާޚިރަތުގެ ތަނަވަސްކަމަށް ގެންގޮސްދޭ ކަމެކެވެ. އަދި ޖާހިލުކަމުގެ ނުތަނަވަސްކަމުން، ޢިލްމުގެ ތަނަވަސްކަމަށް ނެރެދޭ ކަމެކެވެ. ޝަހުވާނީ އެދުންތަކުގެ ބަލިމަޑުކަމުން، މާތް ﷲ އަށް ކުއްތަންވުމުގެ ޝިފާ ހިތަށް ލިއްބައިދޭ ކަމެކެވެ. އަދި ތިމާގެ ވެރި ރަސްކަލާނގެ އާމެދު ލޯކަނު، މަންމަން އަދި ބީރުވެފައި ހުރުމުގެ މުޞީބާތުން ސަލާމަތްކޮށްދީ، ފެނުމާއި އިވުމާއި ފަހުމުވުމުގެ ނިޢްމަތް ލިއްބައިދޭ ކަމެކެވެ. (އިބްނުލް ޤައްޔިމު رحمه الله ގެ މިފްތާޙު ދާރުއް ސަޢާދާ)