ރައްޔިތުންގެ މަޖިލިސް

އެއްވެ އުޅުން ހަނިކުރި މާއްދާ އުވާލަން ސަރުކާރުން ބޭނުމެއްނުވޭ

އެއްވެ އުޅުމުގެ ހައްގު ހަނިވާ ގޮތަށް އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހުން އެއްވެ އުޅުމުގެ ގާނޫނަށް ގެނައި ބަދަލު އުވާލަން ސަރުކާރުން ބޭނުންނުވާ ކަމަށް ގައުމީ ސަލާމަތުގެ ކޮމިޓީގެ މުގައްރިރު އިބްރާހިމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެ އެވެ.

ހުއްދަ ހޯދުމެއް ނެތި މާލޭގައި މުޒާހަރާ ކުރެވޭނީ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަންތަނުގައި އެކަނި ކަމަށް ކުރީގެ މަޖިލީހުން އޮގަސްޓް 18، 2016 ގައި ވަނީ، އެއްވެ އުޅުމުގެ ގާނޫނަށް އިސްލާހު ގެނެސްފަ އެވެ. އެ އިސްލާހަށް ފަހު، މާލޭގައި ހުއްދަ ނުހޯދާ މުޒާހަރާކުރެވޭނީ ކާނިވާ ސަރަހައްދުގައި އެކަނި ކަމަށް އޮތީ ކަނޑައަޅައިފަ އެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި މިހާރު ހިނގަމުންދާ ނަވާރަވަނަ ރައްޔިތުންގެ މަޖިލީހަށް ޑީއާރުޕީގެ ލީޑަރު، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އެ މާއްދާ އުވާލަން ހުށަހެޅުއްވި އެވެ. މަޖިލީހުގެ ތަޅުމަށް ބިލު ބަލައިގަނެ، ގައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުވި އެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް ބިލު އޮތީ ކޮމިޓީ މަރުހަލާގަ އެވެ.

ކޮމިޓީ މަރުހަލާގައި ބިލު އޮތްތާ އަހަރެއްހާ ދުވަސް ވާން ގާތްވެފައިވަނިކޮށް، ހޯމް މިނިސްޓްރީން އަންގާރަ ދުވަހު ނެރުނު ނޫސް ބަޔާނެއްގައި ވަނީ މާލޭގައި އެއްވެވޭނީ ކުރިން ހުއްދަ ހޯދައިގެން ކަމާއި، ހުއްދަ ނުހޯދައި އެއްވެވޭނީ ކާނިވާއަށް އެކަނި ކަން ހަނދާން ކޮށްދީފަ އެވެ. އެއާއެކު ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މި ސަރުކާރުން ވަނީ އެ ގާނޫނު އަލުން އިސްލާހު ކުރާނެ ކަމަށް ވައުދުވެފައެވެ.

އެއްވެ އުޅުމުގެ ހައްގު ހަނިވާ ގޮތަށް އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހުން އެއްވެ އުޅުމުގެ ގާނޫނަށް ގެނައި ބަދަލު އުވާލަން ހުށައެޅި ބިލް އަހަރު ދުވަސްވީއިރުވެސް ކޮމެޓީގައި އޮތް މައްސަލައާއި ގުޅިގެން މެންބަރު އުޝާމް ވަނީ ކޮމިޓީގެ މުގައްރިރް އިބްރާހިމް ޝަރީފްއާ ސުވާލު ކުރައްވާފައިވާ ކަމަށެވެ. އެކަމާ ގުޅިގެން މެންބަރު ޝަރީފް ވަނީ ސަރުކާރުން މި އިސްލާހު ބާތިލްކުރަން ބޭނުންނުވާ ކަމަށް ވިދާޅުވެފައެވެ. އަދި ބިލް ހުށަހެޅުއްވި މެންބަރު މިހާރު ބިލް އަނބުރާ ގެންދަވާފައިވާ ކަމަށް ވިދާޅުވާތީ ބިލް ބާއްވާފަ އޮތީ ކަމަށް ވިދާޅުވިއެވެ.

އުޝާމް ވިދާޅުވީ މި ބިލް އަނބުރާ ގެންގޮސްފައިވާ ކަމަށް ރަސްމީކޮން ކޮމިޓީއަށް އަންގާފައިނުވާ ކަމަށެވެ.

"އެހެންކަމުން ވަކިގޮތެއް ނުނިންމާ ބިލް ޕާކްކޮށްފައި ބޭއްވުމުގެ ބަދަލުގައި ކޮންމެވެސް އެއްގޮތަކަށް ނިންމުމަށް މި ބިލްގެ މައްސަލަ އެޖެންޑާ ކޮށްދިނުމަށް އަޅުގަނޑުވާނީ އެދިފައި،" އުޝާމް ވިދާޅުވިއެވެ.

ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނަށް 2016 ވަނަ އަހަރު ގެނެވުނު އިސްލާހު ބަދަލުކުރުމަށް ސަރުކާރުން ހިންގާ ކޯލިޝަންގައި ހިމެނޭ އެމްއާރްއެމްއިން ވަނީ ގޮވާލާފައެވެ. އަދި އެ އިސްލާހު ބަދަލުކުރުން ފަސްކުރާތީ މަޖިލީހަށް ވަނީ ފާޑުކިޔާފައެވެ.