ބޮލީވުޑް

އާލިއާ އާއި ރަންބީރަށް ވުރެ ކުޅަދާނަ އެކްޓަރުން ދައްކަބަލަ: ބާލްކީ

ހިންދީ ފިލްމު އިންޑަސްޓްރީގައި އޮތް ނެޕޮޓިޒަމް އާ ގުޅޭ ބަހުސް އަދިވެސް ވަރަށް ހޫނުކޮށް އެބަ ކުރިޔަށް ދެ އެވެ. އިންޑަސްޓްރީގެ މީހުންގެ އެކުވެރިންނާއި އެމީހުންގެ ދަރިންނަށް އިސްކަންދީ އެނޫން މީހުންނަށް ފުރުސަތު ނުދޭކަމަށް ބުނެ މިހާރު ކުރިޔަށްދާ ބަހުސާ މެދު މަޝްހޫރު ފިލްމު ޑައިރެކްޓަރު އާރް.ބާލްކީ ވަރަށް ރަނގަޅު ސުވާލެއް ވަނީ އުފައްދާފަ އެވެ.

"ޗީނީ ކަމް" އަދި "ޕާ" ފަދަ މޮޅު ފިލްމުތައް އުފައްދާފައިވާ ބާލްކީ ބުނީ އެމީހަކަށް ފިލްމު އިންޑަސްޓްރީއަށް ވަދެވުމާއި ނުވަދެވުން އަދި ދެމި ހުރުމާއި ނުހުރެވުން ބިނާ ވަނީ އެ މީހާގެ ހުނަރަށް ކަމަށެވެ. ސްޓާރެއްގެ ދަރިއަކަށް ނަމަ ފުރަތަމަ ފިލްމެއް ލިބުނަސް އެ މީހަކަށް ދެމި ހުރެވޭނި އޭނާގެ ހުނަރު ހުރި ނަމަ ކަމަށް ނެޕޮޓިޒަމް އާ އެއްކޮޅަށް ވާހަކަ ދައްކާ މީހުން ބުނެ އެވެ.

ބާލްކީ ވެސް މިކަމާ އެއްބަސްވެ އެވެ. އޭނާ ބުނީ ފުރަތަމަ ފަހަރަށް ސްކްރީނަށް އައުމަށް ސްޓާރުންގެ ދަރިންނަށް އެޑްވާންޓޭޖް އޮންނަ ކަމަށެވެ. ނަމަވެސް އެހިސާބުން އެ މީހަކަށް ދެން ޖެހޭނީ އޭނާގެ ހުނަރު ދައްކާށެވެ. ނޫންނަމަ އެއްވެސް މީހަކު އޭނާ ބަލައެއް ނުގަންނާނެ އެވެ.

މިސާލަކަށް އޭނާ ނެގީ ރަންބީރު ކަޕޫރާއި އާލިއާ ބަޓެވެ. އެމީހުންގެ ހުރި ވަރުގެ ޓެލެންޓް އެހެން އެއްވެސް އެކްޓަރެއްގެ ހުރިތޯ އޭނާ ސުވާލު އުފެއްދި އެވެ. ފިލްމު އިންޑަސްޓްރީއާ ގުޅުން ހުރި ނުވަތަ ގުޅުން ނެތް މީހެއްގެ ކިބައިގައި ވެސް ރަންބީރާއި އާލިއާގެ ހުރި ވަރުގެ ހުނަރު ހުރެއްޖެނަމަ އެ މީހަކަށް އިންޑަސްޓްރީން ޖާގަ ލިބޭނެކަން ޔަގީން ކަމަށް އޭނާ ބުންޏެވެ.

ފިލްމު ބަލާ މީހުން ބައެއް ފަހަރު ހުނަރު ނެތް އެކްޓަރުން ފިލްމުތަކުގައި ހަރަކާތްތެރިވާ ތަން ބަލަން ބޭނުންނުވާ ނަމަވެސް ފިލްމީ ތަރިންގެ ދަރިއަކަށް ވީމާ ބަލާލަން ބޭނުންވާ ފަހަރު އަންނަ ކަމަށް ބާލްކީ ބުންޏެވެ. އެއީ ތަރިންގެ ދަރިންނަށް ވާތީ އެމީހުންނަށް ލިބޭ އެޑްވާންޓޭޖެކެވެ. ނަމަވެސް އިތުރަށް ކުރިޔަށް ދެވޭނީ އެ އެކްޓަރެއްގެ ހުރި ހުނަރެއްގެ ސަބަބުންނެވެ.

އިންޑަސްޓްރީއާ ގުޅުން ނެތް މީހުންނަށް ފިލްމު ކުޅޭނެ ފުރުސަތު ހޯދަން އުނދަގޫކަމަށް ޑައިރެކްޓަރު ބާލްކީ ވެސް އެއްބަސްވި އެވެ. ނަމަވެސް އޭނާ ބުނީ ސްޓާރުންގެ ދަރިންނަށް ވެސް ލިބެނީ ހަމަ އެންމެ ޗާންސެއް ކަމަށެވެ. އެ ފުރުސަތުގައި އޭނާގެ ގާބިލްކަމާއި ހުނަރު ނުދެއްކިއްޖެ އެ މީހަކު ދެން އިތުރަށް ބަލައި ނުގަންނާނެ ކަމަށް ވެސް ޑައިރެކްޓަރު ބުންޏެވެ.