ބޮލީވުޑް

ބޮލީވުޑާ ދުރަށް ދިޔައީ އެގޮތް ބޭނުންވެގެން: ރާހޫލް ރޯއީ

"އާޝިގީ" ރިލީޒްވުމާއެކު ރާހޫލް ރޯއީ އަށް ވަރަށް ބޮޑު މަޝްހޫރުކަމެއް ލިބުނެވެ. ނަމަވެސް އެ ނޫން އެއްވެސް ފިލްމަކުން އޭނާއަށް އެ މަގްބޫލުކަމެއް ނުލިބުނެވެ. ދުވަސްކޮޅަކު ފިލްމު ކުޅުމަށްފަހު ބޮލީވުޑުން ރާހޫލް މުޅިން ގެއްލުނީ އެވެ.

ދެން އޭނާ ފެނުނީ "ބިގް ބޮސް"ގެ ފުރަތަމަ ސީޒަނުގެ ބައިވެރިއެއްގެ ގޮތުން "ބިގް ބޮސް" ގޭގައި އުޅެނިކޮށެވެ. އެ ސީޒަން ކާމިޔާބުކުރީ ވެސް ރާހޫލް އެވެ.

އިންޑިޔާ ނޫހަކަށް ދާދިފަހުން ރާހުލް ދީފައިވާ އިންޓަވިއު އެއްގައި ބޮލީވުޑާ ދުރަށް ދިޔަ ސަބަބު ކިޔައިދީފައި ވެއެވެ.
"އަހަރެން ބޮލީވުޑާ ދުރަށް ދިޔައީ އަމިއްލައަށް އެގޮތް ބޭނުންވެގެން. އެކަމުގައި އިންޑަސްޓްރީ މީހުންގެ އެއްވެސް އަތެއް ނެތް. އަހަރެން ފިލްމު ކުޅެން ފެށީ ކޮންމެހެން މާ ބޮޑު ކާމިޔާބެއް ހޯދަން ގަސްތުކޮށްގެނެއް ނޫން،" ރާހޫލް ބުންޏެވެ.

އޭނާއަށް "އާޝިގީ" ލިބުނު ގޮތް ވެސް ރާހޫލްގެ އިންޓަވިއުގައި ކިޔައިދީފައި ވެއެވެ. އޭނާ ބުނި ގޮތުގައި "އާޝިގީ"ގެ ޑައިރެކްޓަރު މަހޭޝް ބަޓް އޭނާގެ މަންމަ އާ ބައްދަލުކުރީ މުޅިން އެހެން ކަމަކު އެވެ. ނަމަވެސް އެ ދުވަހުގެ ބައްދަލުވުމުގައި މަހޭޝް ބަޓް އަށް ރާހޫލް ފެނި އޭނާއަށް ފިލްމު ކުޅުމުގެ ދައުވަތު ދިނީ އެވެ.

ފިލްމު އިންޑަސްޓްރީ އާ ދުރަށް ދިޔަ ސަބަބު ކިޔައިދެމުން ރާހޫލް ބުނީ އުމުރުން 30 ވަރަކަށް އަހަރު ވުމުން ކައިވެންޏެއް ކުރަން ބޭނުންވި ކަމަށެވެ. އެކްޓަރަކަށް ވެ ހުރެ ކައިވެންޏެއް ކުރުމަކީ އުނދަގޫކަމެއް ކަމަށް ރާހޫލް ދެކެ އެވެ. އަދި މިހާރުވެސް ކައިވެނި ކޮށްގެން ހުރެ ފިލްމު ކުޅޭ މީހުންނަށް އޭނާ ތައުރީފުކުރި އެވެ. ހަމަ ގައިމުވެސް އޭނާއަކަށް އެކަމެއް އެގޮތަކަށް ނުކެރުވުނީސް ކަމަށް ރާހޫލް ބުންޏެވެ.

ސިނަމާއަކީ މީހާގެ ވަރަށް ގިނަ ވަގުތާއި އަދި ނަފްސާނީ ގޮތުން އެމީހާއަށް ބޮޑު ޕްރެޝަރެއް ކުރިމަތިކުރުވާ އެއްޗަކަށް ވެފައި ކައިވެނީގެ ޒިންމާ އުފުލުމަކީ ރާހޫލްގެ ނަޒަރުގައި އެހާ ފަސޭޙަ ކަމެއް ނޫނެވެ.

ރާޖްލަކްޝްމީ ކަންވިލްކަރް އާއި ރާހޫލް ކައިވެނިކުރީ 2000 ވަނަ އަހަރު އެވެ. އަދި ކައިވެންޏަށްފަހު ފިލްމު ކުޅުމުން ބްރޭކެއް ނަގައި ކައިވެނީގެ ޒިންމާ ފުރިހަމައަށް އަދާ ކުރެވޭތޯ އޭނާ މަސައްކަތް ކުރަން ނިންމި އެވެ.

ރާހޫލް ބުނި ގޮތުގައި ކައިވެނި ކުރި ދުވަސްވަރު އޭނާގެ ފިލްމުތައް އެހާ ރަނގަޅަކަށް ނުހިނގަ އެވެ. ނަމަވެސް ކުޅޭނެ އިތުރު ފިލްމުތައް ދިޔައީ ލިބެމުންނެވެ. ނަމަވެސް އޭނާއަށް ލިބެމުންދިޔަ ފިލްމުތަކުގައި އޭނާއަށް ކުޅެންޖެހޭ ރޯލުތަކާ އޭނާ އެހާ ހިތްހަމައެއް ނުޖެހެ އެވެ. ސަބަބަކީ އަބަދު އެއް ކަމެއް އޭނާ ލައްވާ ކުރުވަން އެންމެން ވެސް ބޭނުންވާހެން ހީވުމެވެ. އެފަދަ ގިނަ ސަބަބުތަކަކާ ވެސް އެކު ބޮލީވުޑް މަސައްކަތް އޭނާ ހުއްޓާލީ އެވެ.

ފުރަތަމަ އޭނާ ގަސްތުކުރީ ދުވަސްކޮޅަކު ބްރޭކެއް ނަގާފައި އަލުން ފިލްމު ކުޅެން ފަށާށެވެ. ނަމަވެސް އެއް އަހަރު ދެ އަހަރަށް ބަދަލުވެ އެހެން ގޮސް އެތައް އަހަރެއް ފާއިތުވެގެން ދިޔައިރުވެސް ފިލްމީ ދާއިރާއަށް އެނބުރި އައުމުގެ ވިސްނުމެއް އޭނާއަކަށް ނުގެންގުޅެވުނެވެ.

ކައިވެންޏަށްފަހު ރާޖްލަކްޝްމީ ބޭނުންވީ އޮސްޓްރޭލިޔާގައި ދިރިއުޅޭށެވެ. އެހެންވެ ރާހޫލް އޭނާގެ އަންހެނުންނާއެކު އޮސްޓްރޭލިޔާ އަށް އެ ގައުމުގައި ދިރިއުޅެން ފެށީ އެވެ. އޮސްޓްރޭލިޔާގައި ދިރިއުޅެމުން ހިންދީ ފިލްމު ކުޅުމަކީ ވެސް ރާހޫލް އަށް ފަސޭހަ ކަމަކަށް ނުވާތީ އަނެއްކާވެސް ފިލްމުތަކާ ދުރުގައި ހުރި މުއްދަތު ދިގުވާ ގޮތް ވި އެވެ. އެ ދުވަސްވަރު ބައެއް މީހުންނާ ގުޅައިގެން ފިލްމީ ފުރުސަތުތައް ހޯދަން ރާހޫލް މަސައްކަތް ވެސް ކުރި އެވެ. ނަމަވެސް އެއްވެސް ކަމެއް ވާގޮތެއް ނުވި އެވެ.

މިހެން ގޮސް 2005 އާ ހަމަޔަށް ދިޔައިރު ރާހޫލް ހުރީ ހަދާނެ ނުހަދާނެ ނޭނގިފަ އެވެ. އެހެންވެ "ބިގް ބޮސް" ގައި ބައިވެރިވުމުގެ ފުރުސަތު ލިބުމުން އެ ޝޯގައި ބައިވެރިވީ އެވެ. އަދި ނަސީބަކުން އޭނާއަށް އެ ޝޯ ކާމިޔާބު ވެސް ކުރެވުނެވެ.

"ބިގް ބޮސް" ކާމިޔާބުވީ ޝޯގެ ބެލުންތެރިން އޭނާއަށް ދިން ބޮޑު ތަރުހީބުގެ ސަބަބުން ކަމަށް ވާތީ އަދިވެސް ބެލުންތެރިން އޭނާއަށް ތާއީދުކުރާ ކަމާއި އޭނާގެ ފޭނުން ވަރަށް ގިނަ ކަމަށް ރާހޫލް އަށް އިހްސާސް ކުރެވުނެވެ. އަދި މި ލިބުނު އިތުބާރާއެކު އަނެއްކާވެސް ފިލްމު ކުޅެން ފަށަން ގަސްތުކުރި އެވެ. އެގޮތުން އޭނާ ވަނީ ބައެއް ފިލްމުތައް ކުޅެފަ އެވެ. ނަމަވެސް އެއީ ކުޑަކުޑަ ބަޖެޓަކުން އުފައްދާ ފިލްމުތަކަށް ވާތީ އުފެއްދުމުގެ މަރުހަލާގައި ވަރަށް ގިނަ ދުވަސްތަކެއް ވަނީ ފާއިތުވެފަ އެވެ. ނަމަވެސް ރާހުލް ބުނަނީ ފަހުން ކުޅުނު ހުރިހާ ފިލްމުތަކަކާ މެދު ވެސް އޭނާ ވަރަށް ފަހުރުވެރިވާ ކަމަށެވެ.