ކަނޑުމަތީގެ ހާދިސާ

ކަނޑުވެފައި ތިބި ނުވަ މީހަކު ސަލާމަތް ކޮށްފި

މަސްވެރި ކަމަށް ނުކުމެ އުޅުނު ދޯންޏެއް އަޑިއަށް ގޮސް އޭގެ ތިބި ނުވަ މީހަކު ކަނޑުވެފައި ވަނިކޮށް ސަލާމަތްކޮށްފި އެވެ. ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި މާލެއާއި 17 ނޯޓިކަލް މޭލު އިރުން، މާލެ އަތޮޅު ހުރާ މަސްކަނދުފަތި ކައިރިން މަސްވެރިކަން ކުރަން އުޅުނު ދޯނި، އަޑިއަށް ދިޔައީވ މޫސުން ގޯސްވެ ކަނޑު ގަދަ ވުމުގެ ސަބަބުން ދިޔަވެގެނެ. އެ ހާދިސާގެ ސަބަބުން އެ ދޯނީގައި ތިބި ނުވަ މީހުން ކަނޑުވެފައިވެ އެވެ.

އަޑިއަށް ގޮސްފައިވަނީ "ކަނޑުރޯދި" ނަމަކަށް ކިޔާ މަސްދޯންޏެކެވެ. އެއީ ކޮން ރަށެއްގެ ދޯންޏެއް ކަމެއް ސާފެއް ނުކޮށްދެ އެވެ. އެ ދޯނިން ކަނޑުވި ނުވަ މީހުން ސަލާމަތް ކޮށްފައި ވަނީ އެ ސަރަހައްދުން ދަތުރުކުރި އެހެން ދޯންޏަކުންޏެވެ.

ކަނޑުވި މީހުން ސަލާމަތްކުރި ދޯނި ކައިރީގައި ކޯސްޓްގާޑުން ހަރަކާތްތެރިވާއިރު އެމީހުން މާލެ ގެނައުމުގެ ދަތުރު ވަނީ ފަށާފަ އެވެ.

މި ހާދިސާ ހިނގި އިރު މި ދުވަސްވަރަކީ މޫސުން ގޯސްވެ ކަނޑުގަދަ ދުވަސްވަރެކެވެ.