ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އިންޑިއާގައި ކޮވިޑުގެ އަދަދު މިލިއަނަކަށް

Jul 18, 2020

ނިއު ދިއްލީ (ޖުލައި 18) - އިންޑިއާގައި އެއް ދުވަހުގެ ތެރޭގައި ރެކޯޑް އަދަދަކަށް ކޮވިޑް-19 ޖެހުނު މީހުން ރިޕޯޓުކުރުމާއެކު، ބަލި ޖެހުނު ޖުމްލަ މީހުންގެ އަދަދު އެއް މިލިއަން ހުރަސްކޮށްފި އެވެ.

ބަލި ފެތުރުމަށް އަދިވެސް މަޑުޖެހުމެއް އައިސްފާ ނުވާއިރު، އިންޑިއާ އަކީ މިހާރު މުޅި ދުނިޔޭގައި ވެސް ތިންވަނަ އަށް ކޮވިޑް-19 ޖެހުނު މީހުން ތިބި ގައުމެވެ.

ބަލިން ރަނގަޅުވާ މީހުންގެ އަދަދު އިތުރުވާއިރު، އެކްޓިވް ކޭސްތައް ނިސްބަތުން މަދުކަމަށް އިންޑިއާ ވަނީ ބުނެފަ އެވެ. ނަމަވެސް، އެ ބަލީގެ ޝިކާރައަކަށްވާ މީހުންގެ އަދަދު މިހާރު ވަނީ މަތިވާން ފަށައިފަ އެވެ. އެގޮތުން، މިހާތަނަށް ޖުމްލަ 25،602 ވަނީ މަރުވެފަ އެވެ.

މިދިއަ ޖެނުއަރީ މަހު ކޮވިޑް-19 އެންމެ ފުރަތަމަ ކޭސް ފެނުނު ފަހުން، މާޗް މަހު ބޯޑަރުތައް ބަންދުކޮށް، މުޅި ގައުމު ދެ މަސް ދުވަހަށް ލޮކްޑައުންކުރި އެވެ. އެކަމުގެ ސަބަބުން އޭރު އިންޑިއާގައި ބަލި ފެތުރުން މަޑުޖެހިފައި އޮތުމަށްފަހު، އިގުތިސޯދަށް އައި ހީނަރުކަމުގެ ސަބަބުން، ލޮކްޑައުން ލުއިކުރުމާއެކު، ބަލި ވަނީ އިންތިހާއަށް އިތުރުވެގެން ގޮސްފަ އެވެ.

ސިއްހީ މާހިރުން ބުނާ ގޮތުގައި، ލޮކްޑައުންކޮށްގެން ޓެސްޓުކޮށް ބަލި ޖެހިފައިވާ އެކަހެރިކުރުމަށް ވެރިރަށް ނިއު ދިއްލީ ފަދަ ސްޓޭޓުތަކަށް ލިބުނު ފުރުސަތުގެ ބޭނުން އެކަށީގެންވާ ގޮތެއްގައި ހިފިފައެއް ނުވެ އެވެ.

ދިއްލީގައި ބަލި ފެތުރުން މަޑުޖެހިފައިއޮތް ނަމަވެސް، އެހެން ސަރަހައްދުތަކުން ބަލި ޖެހިފައިވާ މީހުން ފެންނަ ރޭޓުވަނީ އެތައް ގުނައެއް އިތުރުވެފަ އެވެ.

އެއާއެކު، އެ ގައުމުގެ ދެކުނުގެ ބައެއް ސްޓޭޓުތައް އަލުން ލޮކްޑައުންކުރަން މިހާރު ވަނީ މަޖުބޫރުވެފަ އެވެ.