ހަބަރު

ގެއްލުނު ޒުވާނާ ހޯދުމުގެ އޮޕަރޭޝަން ކުރިއަށް

Jul 18, 2020

އދ. މަންދުއަށް ދަތުރުކުރި ދޯންޏަކުން ގެއްލުނު ޒުވާނާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

ގެއްލިގެން ހޯދަމުން ދަނީ މަންދޫ، ރަތްވިލާގޭ އަލީ ޝާހެވެ. އުމުރުން 27 އަހަރުގެ އެ ޒުވާނާ ގެއްލިގެން ރިޕޯޓް ކޮށްފައި ވަނީ އިއްޔެ ރޭގެ މެންދަމުގެ ވަގުތެއްގަ އެވެ.

އެމްއެންޑީއެފުން ބުނެފައިވާ ގޮތުގައި، ޝާހު ދޯނީގައި ނެތްކަން އެނގުނީ މަންދޫ ފަޅަށް ވަން ފަހުން ކަމަށް ދޯނީގެ ކެޕްޓަން ބުނެ އެވެ. ޝާހު އަކީ ހޯމް ކަރަންޓީނަށް މަންދޫއަށް ދިޔަ މީހެކެވެ.

އެމްއެންޑީއެފްގެ އިސް ތަރުޖަމާން މޭޖާ އިބްރާހިމް އާޒިމް މިއަދު ވިދާޅުވީ ޝާހު ހޯދުމުގެ އޮޕަރޭޝަން އާއްމުންގެ އެހީތެރި ކަމާއެކު އަދިވެސް ކުރިއަށްދާ ކަމަށާއި، އެމްއެންޑީއެފްގެ ޑައިވަރުން ކަނޑުގެ އަޑިވެސް ޑައިވްކޮށްގެން ބަލަމުން އަންނަ ކަމަށެވެ.

ފާއިތުވި ދެ ތިން ދުވަހުގެ ތެރޭގައި މޫސުން ގޯސްވުމުގެ ސަބަބުން ކަނޑު މަތީގައި ތަފާތު ހާދިސާތައް ހިނގަމުންދާތީ، މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފަ އެވެ.