ހަބަރު

ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ

Jul 18, 2020

ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ، ކަނޑުމަތީގެ ހާދިސާތައް އިތުރުވެފައި ވާތީ ކަނޑުދަތުރު ކުރުމުގައި މޫސުމަށް ހާއްސަ ސަމާލު ކަމެއް ދޭން އެމްއެންޑީއެފުން އިލްތިމާސް ކޮށްފި އެވެ.

އެމްއެންޑީއެފްގެ އިސް ތަރުޖަމާން މޭޖާ އިބްރާހިމް އާޒިމް މިއަދު ވިދާޅުވީ މޫސުން ގޯސްވުމާއެކު ކަނޑުމަތީގެ ހާދިސާތައް ގިނަވަމުން ދާ ކަމަށެވެ.

އެގޮތުން މަސްވެރި ކަމަށް ނުކުމެ އުޅުނު ދޯންޏެއް މިއަދު އަޑިއަށް ގޮސް އޭގެ ތިބި ނުވަ މީހަކު ވަނީ ކަނޑުވެފަ އެވެ. އެ ދޯނިން ކަނޑުވި ނުވަ މީހުން ސަލާމަތް ކޮށްފައި ވަނީ އެ ސަރަހައްދުން ދަތުރުކުރި އެހެން ދޯންޏަކުންޏެވެ. އަދި އެމީހުން މިހާރު އެމްއެންޑީއެފްގެ އެހީތެރިކަމާއެކު މާލެ ގެނެސްފަ އެވެ.

މީގެ އިތުރުން އައްޑު އަތޮޅުގެ އުތުރުން 16 މޭލު ބޭރުން ދަތުރު ކުރަަމުން ދިޔަ ބޯޓެއްގެ ކަފުގައި އޮތް ޑިންގީއެއް ވަނީ ބަންޑުން ޖަހާލައިފަ އެވެ. އެ ހާދިސާގައި ވެސް އެމްއެމްއެންޑީއެފުން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

ފާއިތުވި ދެ ތިން ދުވަހުގެ ތެރޭގައި މޫސުން ގޯސްވުމުގެ ސަބަބުން ކަނޑު މަތީގައި ތަފާތު ހާދިސާތައް ހިނގަމުންދާތީ، މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް ގައުމީ މޫސުމާބެހޭ އިދާރާއިން ވެސް ލަފާކޮށްފަ އެވެ.

ގަދަ ވަޔާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭތީ ބ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަަމައަށް މެޓް އޮފީހުން ވަނީ ވައިޓް އެލާޓް ނެރެފަ އެވެ. މި ސަރަހައްދުގައި ގަޑިއަކު 22 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާ ކުރެވޭ އިރު ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓުން ބުންޏެވެ.

މުޅި ރާއްޖޭގެ ކަނޑުތައް ވެސް ގަދަވާނެތީ ރާޅު އަރާފާނެ ކަމަށް ލަފާކޮށް އިތުރު ވައިޓް އެލާޓެއް ވެސް މެޓް އޮފީހުން މިހާރު ވަނީ ނެރެފަ އެވެ. މެޓުން ލަފާކޮށްފައި ވަނީ މިއަދު ހަވީރު 3:45 އާ ހަމަައަށް ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސްް ކަނޑު ގަދަވާނެ ކަމަށެވެ.